އެންމެ ލަސްވެގެން ވެސް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ނިންމާލުމަކީ އަމާޒެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން މިރޭ ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށްވެސް އަދި އެހެނިހެން ދާއިރާތަކަށްވެސް އެންމެ މުހިންމު މަސައްކަތަކީ އެއާޕޯޓު މަޝްރޫއުގެ ނިންމުން ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ޓްރާންސިޝަން މަރުހަލާގައި ލިބުނު މައުލޫމާތުން އެނގެނީ، އެއާޕޯޓް މަޝްރޫއު ނިމެން އަންނަނީ 2025 ވަނަ އަހަރުގެ ޖުލައި މަހަށް ކަމަށާއި އިގުތިސޯދު ބޮޑު ހީނަރުކަމެއްގައި އޮތް އިރު އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ މިކަން އަވަސްކުރަން. އެންމެ ލަސްވެގެންވެސް މި އަންނަ އަހަރު، ފެށޭ އަހަރުގެ ސެޕްޓެމްބަރަށް އެހެންވީމާ އަށެއްކަ މަސް ދުވަސް އަވަސްކުރުމެއް. އެއީ އަށެއްކަ މަސް ޝެޑިއުލަށްވުރެ އަވަސްކޮށް ނިންމުން އެއީ އަޅުގަނޑުގެ އަމާޒެއް، އެކަން ކުރުމުގައި އިދާރަކުރެއްވިއްޔާ އަޅުގަނޑުމެން މިހާރުވެސް މިވަނީ މަސައްކަތްތަކެއް ފަށާފައި، ޔަގީންކަން އެބައޮތް މިކަމާ ގުޅޭ ހުރިހާ ފަރާތްތަކާއެކުގައި ގުޅިގެން ކުރެވޭ މަސައްކަތުގައި އަދި ތިބޭފުޅުން އެކަމުގައި ދެއްވާނެ ތަރުހީބާއި ސަޕޯޓާއެކުގައި މިކަން ކާމިޔާބުވެގެންދާނެ،" ޑރ. މުއިއްޒު މިރޭ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އެއާޕޯޓް މަޝްރޫއު އަވަސްކުރުމަށް މިހާރު ވެސް ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މަޝްވަރާތައް ފަށާފައިވާ ކަމަށާއި އެކަމުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެބައިތް ކަމަށެވެ. އަދި އިންތިގާލީ މަރުހަލާގެ ތެރޭގައިވެސް އެއާޕޯޓުގެ މަސައްކަތް އަމިއްލައަށް ބަލާލުމަށް ވެސް ވަޑައިގަންނަވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"ސީދާ ރައީސް އޮފީހުގައި ހާއްސަ ކޮމިޓީއެއް މިކަމާ ގުޅޭ ހުރިހާ ސްޓޭކްހޯލްޑަރުންނާ އެކު އިސްވެރިން ހިމެނޭހެން ހަދާނަން. އަދި ކޮމިޓީ އަޅުގަނޑު ޗެއާކުރާ ގޮތަށް ހަމަޖައްސާނަން. ކޮންމެ ދުވަހަކު އެ މަސައްކަތް ދާ ގޮތް ބަލައި, އެ ކަމަށްޓަކައި ނަގަން ޖެހޭ ޑިޒިޝަންސް (ނިންމުން) ވަގުތުން ނެގޭނެ ގޮތަށް ރާވައި, ހުރިހާ ކަމެއް," ޑރ. މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ޕެސެންޖާ ޓާމިނަލް ހިމެނޭގޮތަށް މިހާރު ކުރިޔަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް އެއްކޮށް ނިމުމުން، އެއާޕޯޓުގެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ތަރައްގީ ވެގެން ދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު