މި އަހަރުގެ ތިން ވަނަ ކުއާޓާރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެ ކުންފުނިން މިއަދު އާންމުކުރި ކުއާޓަލީ ރިޕޯޓުގައި ވާގޮތުން މިދިޔަ ކުއާޓަރާ އަޅައި ބަލާއިރު، ޖުމުލަ އާމްދަނީ ވަނީ ނުވަ ޕަސަންޓު އިތުރުވެފައެވެ. އެއީ އެ ކުންފުންޏަށް މައިގަނޑު އާމްދަނީއެއް ލިބެނީ ތެލުން ކަމަށް ވެފައި ހުސްވި ކުއާޓަރުގައި ވިއްކި ތެލުގެ އަގު މިދިޔަ ކުއާޓަރަށް ވުރެ އިތުރުވެފައި ވުމުންނެވެ.

އެސްޓީއޯގެ އާމްދަނީ އިތުރުވެފައިވީ ނަމަވެސް ތިން ވަނަ ކުއާޓަރުގައި އެ ކުންފުނީގެ ހިންގުމުގެ ފައިދާ ވަނީ ދަށަށް ގޮސްފައެވެ.

އެގޮތުން ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 428 މިލިއަން ރުފިޔާ ލިބުނު އިރު، ތިން ވަނަ ކުއާޓަރުގައި ލިބިފައިވަނީ 390 މިލިއަން ރުފިޔާއެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް އެ ކުންފުނިން ތެޔޮ ވިއްކި އަދަދަށް ބަދަލެއް ގެނެސްފައި ނުވުމުންނެވެ.

މާލީ ރިޕޯޓް ދައްކާ ގޮތުގައި ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 271 މިލިއަން ރުފިޔާއެވެ. އެއީ މީގެ ކުރީ ކުއާޓަރާ ބަލާއިރު 10 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 303 މިލިއަން ރުފިޔާއެވެ.