މި ސަރުކާރުން ހިންގާ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން، ފްލެޓް ލިބޭ މީހުންނަށް ފްލެޓް ދިނުމަށް ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކަށް މިއަހަރު ނިމުމުގެ ކުރިން މީހުންނަށް ވަދެވޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން އަންނަނީ 4,000 ފްލެޓެވެ. އެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާ އެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން 13 ޓަވަރެއްގެ މަސައްކަތް އެއްކޮށް ނިންމައި, އަންނަ މި މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް ދިރިއުޅެވެން ފެށޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. އެއީ 1,624 ފްލެޓެވެ.

ނަމަވެސް އެ ކޯޕަރޭޝަންގެ އެސިސްޓެންޑް މާކެޓިން އެންޑް ޕީއާރް މެނޭޖަރު މުހައްމަދު އައްފާން "ވަން" އަށް މިއަދު ވިދާޅުވީ، އެ ހައުސިން ޔުނިޓްތަކުގެ ހަ ޓަވަރެއްގެ ކޮސްޓްރަކްޝަން މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު ޓަވަރެއްގައި މިހާރު ކުރަމުން އަންނަނީ ފިނިޝިންގެ މަސައްކަތް ކަމަަށެވެ.

"އަމާޒަކީ ފިނިޝިންގެ މަސައްކަތް ކުރާ ހަތަރު ޓަވަރުގައި މި އަހަރު ނިމުމުގެ ކުރިން މީހުންނަށް ދިރިއުޅެވޭ ވަރުކުރުން. އެއީ 450 ޔުނިޓް،" އައްފާން ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދިނުމަށް 18 ބުރީގެ 32 ޓަވަރު ހަދާއިރު, ކޮންމެ ޓަވަރެއްގައި ތިން ލިފްޓު ހުންނާނެއެވެ. އަދި ކޮންމެ ޓަވަރެއްގައި އަށް ރެސިޑެންޝަލް ޔުނިޓު ހަދާއިރު، އެންމެ ތިރީ ބުރީގައިވެސް ފިހާރަތަކާއެކު ޕާކިންއަށް ޖާގަ ހަދާނެއެވެ. އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގައިވެސް ޕާކިން ހަދާނެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ފުރަތަަމަ ފިޔަވަހީގެ ދަށުން ފުލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލި 14،489 މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލި 6،208 މީހުންނެވެ. ފްލެޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވީ 13،000 މީހުންނެވެ.

"ގެދޮރުވެރިޔާ" ސްކީމުން ފްލެޓަށް ޝަރުތުހަމަވާ އެންމެނަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ.