ގާޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވާން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހުޅުވާލި ފަންޑަށް 24 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފަންޑަށް ލިބުނު ފައިސާގެ އަޕްޑޭޓު ދިނުމަށް އައިއޭސީން ހިއްސާކުރި ޕޯސްޓެއްގައި ބުނީ އިއްޔެގެ ނިޔަލަށް އެ ފަންޑަށް 23.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި ޑޮލަރުން އިތުރު 13،000 (200814.66 ރުފިޔާ) ލިބިފައިވާ ކަމަށެވެ.

އެހެންކަމުން، ފަންޑަށް ލިބުނު ޖުމުލަ އަދަދު 24،187،922.66 ރުފިޔާއަށް އަރައެވެ.

އައިއޭސީން ފަންޑު ހުޅުވާލީ މި މަހުގެ 7 ވަނަ ދުވަހު އިޒްރޭލުން ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެންނެވެ. އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 7،703 މީހުން ވަނީ މަރުވެފައެވެ. އަަދި މިލިއަނަކަށްވުރެ ގިނަ މީހުންގެ ގެދޮރު ސުންނާފަތިވެ ވަނީ މަގުމަތި ވެފައެވެ.

އިޒްރޭލުން ގާޒާއަށް ކާބޯތަކެތި ވެއްދޭނެ މަގުތަކާއި ފެންނާއި ކަރަންޓު ލިބޭނެ ގޮތްތައްވެސް ވަނީ ބަންދުކޮށްފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާއިރު، ސާފުތާހިރު ވެވޭނެ ގޮތެއްވެސް ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އައިއޭސީން ދާދި ފަހުން ގާޒާގެ 200 އާއިލާއަކަށް 500 ޑޮލަރުގެ ރޭޓުން ފައިސާވެސް ބަހާފައި ވެއެވެ. އަދި ގާޒާގެ އެކި ހިސަބުތަކުގައި ކާނާއާއި އަންނައުނު ފަދަ ތަކެތިވެސް ފޯރުކޮށްދެއެވެ.

ދާދި ފަހުން އައިއޭސީއާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ފަލަސްތީނަށް އެހީވުމަށް ފަންޑު ހޯދުމަށް ޓެލެތޯނެއްވެސް ބާއްވާފައި ވެއެވެ.