ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އިތުބާރު ނެތްކަމުގެ ގަރާރު ކުރިއަށް ގެންދަން މިއަދު ޖަލްސާއެއް ބާއްވަން ތާވަލުކޮށްފައި އޮތް ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަދިވެސް އާލާސްކަންފުޅާ އުޅުއްވާތީ، މިއަދު ސަލާން ފޮނުއްވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ތައްޔާރުވެފައިވާ މާލަމަށް މަޖިލީހުގެ ބައެއް މެންބަރުން ހާޒިރުވެ ތިއްބަވަނިކޮށް، ނާއިބު ރައީސް އީވާ ސަލާމް ފޮނުއްވާފައިވާ ކަމަށް އިއުލާން ކުރެއްވީ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ އެވެ.
އެކަން އިއުލާން ކުރައްވަމުން ނިއުޝާ ވިދާޅުވީ، 49 މެންބަރުން ސޮއިކޮށް، ފޮނުއްވާފައިވާ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރު ލިބުމުން މަޖިލީހުގެ ގަވާއިދުގައި ބުނާ މުއްދަތުގެ ތެރޭގައި މަޖިލީގެ ރައީސް އާއި ހުރިހާ މެންބަރުންނަށް އެ މައްސަލއިގެ ނޯޓިސް ފޮނުވާފައިވާ ކަމަށެވެ
ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން އަދި މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ)ގައިވާ 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅާން ވާނެ ކަމަށް އެ ގަވައިދުގައި ބަޔާންކޮށްފައިވާތީ މިއަދުގެ ޖަލްސާއަށް އެ ގަރާރު އެޖެންޑާ ކުރެއްވީ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ބަހުސެއް ހިނގާ ޖަލްސާއެއްގައި ބައިވެރިވުމާއި އެމީހެއްގެ ދިފާއުގައި އެ ބަހުސްގައި ބައިވެރިވެ ވާހަކަ ދެއްކުމުގެ ހައްގު ލިބިގެންވާ ކަމަށް ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައި ވާތީ މިއަދުގެ ޖަލްސާއަށް ވަޑައިގެންދެއްވުމަށް މަޖިލީހުގެ ރައީސަށް ދަންނަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނިއުޝާ ވިދާޅުވީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ބަހުސެއް ހިނގާ މަޖިލިސް ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މަޖިލިސް ގަވާއިދުގެ ދަށުން މަޖިލިސް ރައީސް ފިޔަވައި މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ ފަރާތްތައް ކަނޑައަޅާފައި ވަނިކޮށް، އަދި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާބެހޭ ވަކި ބާބެއް މަޖިލިސް ގަވާއިދުގައި ކަނޑައަޅާފައި ވަނިކޮށް، އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ރައީސް މަޖިލިހުގެ ނާއިބު ރައީސްއާ ހަވާލުކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.
"އެހެންކަމުން މަޖިލިސް ގަވާއިދުގައިވާގޮތުގެމަތިން މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނާއިބު ރައީސަށް ވާނީ ދަންނަވައިފަ، އެހެންނަމަވެސް މަޖިލީހުގެ ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާކަމަށް ބަޔާންކުރައްވައި މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާއަށް ސަލާމް ފޮނުއްވައި މިއަދުގެ ހެނދުނު 6:27 ގައި އެކަން ވަނީ ލިއޔުމުން އަންގަވައިފަ،"
ނަމަވެސް ނިއުޝާ ވިދާޅުވީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރަކީ ގަވާއިދުގައި ބަޔާންކުރާ 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ހުށަހަޅަން ޖެހޭނެ ގަރާރަކަށްވާތީ މާދަމާގެ ޖަލްސާއަށްވެސް އަލުން މިގަރާރު އެޖެންޑާކޮށް އެ ޖަލްސާގެ ރިޔާސަތު ބަލަހެއްޓުމަށް މަޖިލީހުގެ ނާއިބު ރައީސަށް ދަންވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު