މިސްރުގައި ހިނގި އެކްސިޑެންޓެއްގައި 32 މީހުން މަރުވެއްޖެއެވެ.

މިސްރުގެ ބެހެއިރާ ސަރަހައްދުގެ ހައިވޭއެއްގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ގިނަ އަދަދެއްގެ ވެހިކަލްތަކެއް މުޑި އަރައިގެން ކަމަށް އޮފިޝަލުން ބުނެއެވެ.

މިސްރުގެ ހެލްތް މިނިސްޓްރީ އިން ވަނީ އެހާދިސާގައި 32 މީހުން މަރުވެފައިވާ ކަމަށާއި 60 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ބުނެފައެވެ.

ހާދިސާ ހިނގަން މެދުވެރިވީ ހޮނިހިރު ދުވަހުގެ ހެނދުނު ވެރިރަށް ކައިރޯއާ ގުޅޭ ސަރަހައްދުގައި ފަސެންޖަރުން އުފުލާ ބަހެއް އެތަނުގައި ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހުމުންނެވެ. އެވަގުތު ހައިވޭ ފޮގް ވެފައިވުމާއެކު ފަހަތުން އައި ގިނަ ކާރުތަކެއްވެސް ވަނީ އެކްސިޑެންޓުގައި ބަހަށް މުޑި އަރައިފައެވެ.

ހާދިސާ ހިނގުމާއެކު ރެސްކިއު ޓީމުތަކުން ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައި ކަމަށް އޮފިޝަލުން ބުނެއެވެ.

ފުލުހުންނާ ހަވާލާދީ މިސްރުގެ ނޫހަކުން ބުނީ އެކްސިޑެންޓުވި ވެހިކަލްތަކުގެ ތެރެއިން ވެހިކަލަކުން ތެޔޮ ފޭބުމުގެ ސަބަބުން އަލިފާން ރޯވި ކަމަށާއި އެކަމުގެ ސަބަބުން ގިނަ ބަޔަކު މަރުވެފައިވާ ކަމަށެވެ. އެގޮތުން އަލިފާނުގައި ގިނައިން މަރުވެފައިވަނީ ބަހުގައި ތިބި މީހުން، އޭގެ ތެރޭގައި ތާށިވެގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިހާދިސާގައި 29 ވެހިކަލަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.