ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއަކީ އިންޑިޔާ ކަމަށް ބުނެވެއެވެ. މިއީ އިންޑިޔާވެސް ނުހަނު ބޮޑަށް ފަޚުރުވެރިވާ ލަގަބެކެވެ. ބަޔަކު އެހެން ކިޔަނީ ޑިމޮކްރަސީ ތައާރަފުވެފައިވާ ގައުމުތަކުގެ ތެރެއިން އެންމެ އާބާދީބޮޑު ގައުމަކީ އިންޑިޔާ ކަމަށްވާތީއެވެ. އިންޑިޔާގެ އާބާދީއަކީ 1.4 ބިލިޔަންއެވެ. އެއީ އާބާދީގެ ގޮތުން ދުނިޔޭގެ ދެވަނައެވެ. ދުނިޔޭގެ ޑިމޮކްރަސީގެ ޗެމްޕިއަނަކީ އެމެރިކާ ކަމަށްވެސް ބަޔަކު ކިޔައެވެ. އެހެން ކިޔަނީ ޑިމޮކްރަސީގެ ނަމުގައި އަޑަށް އެންމެ ބާރުލައިފައި ވާހަކަ ދައްކާ ގައުމަކީ އެމެރިކާ ކަމަށްވެފައި އެމެރިކާގެ އާރާއިބާރު ބޭނުންކޮށްގެން އެމެރިކާ ގަބޫލުކުރާ ޒާތުގެ ޑިމޮކްރަސީ ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރުމަށް ފޫގަޅައިގެން އުޅޭތީއެވެ. ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދެއް އޮތީ އަދި އެންމެ ވަރުގަދަ އަސްކަރިއްޔާއެއް އޮތީ އެމެރިކާގައެވެ. ޖުމްލަ 24 ޓްރިލިއަން ޑޮލަރުގެ ޖީޑީޕީއެއް ލިބިގެންވާ އެމެރިކާގެ އާބާދީވެސް ނުހަނު ބޮޑެވެ. ގާތްގަޑަކަށް 332 މިލިޔަން މީހުން ދިރިއުޅެއެވެ. އެއީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އާބާދީއެވެ.
އެންމެ ރަނގަޅެވެ. އިންޑިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއެވެ. އެމެރިކާއަކީ ދުނިޔޭގެ ޑިމޮކްރަސީގެ ޗެމްޕިއަނެވެ. އެ ދެ ގައުމުގައި ޑިމޮކްރަސީ އޮތްމިންވަރާއި ޑިމޮކްރަސީ މަސައްކަތްކުރާގޮތް ބަލައިލަމާބަހީއެވެ. މިކަން ބަލައި ދިރާސާކުރަންޖެހޭ ސަބަބުތައް ހުރުމުންނެވެ. ޑިމޮކްރަސީއެއްގައި ދުލާއި ގަލަމުގެ މިނިވަންކަމަކީ އަސާސީ ހައްގެކެވެ. މި ހައްގު މިދެންނެވި ދެގައުމުގައި އޮތް މިންވަރު އިމްތިހާނު ވެގެންދާ އެއް މައިދާނަކީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ މައިދާނެވެ. ފަލަސްތީނުގެ ގާޒާ އާއި ހުޅަނގުއައްސޭރިއެވެ. މި މައްސަލައިގައި އެ ދެ ގައުމުގެ ސަރުކާރު ބޭނުންވާ ރައުޔު ނޫން އެހެން ރައުޔެއް ފާޅުކުރުމަކީ މަނާކަމެކެވެ. އެމެރިކާއިން ތާއީދުކުރަނީ އިޒްރޭލަށެވެ. އިޒްރޭލަށް ތާއީދުކޮށްފައި ކޮންމެކަމެއް ކުރިއަސް މައްސަލައެއް ނެތެވެ. އެކަމަކު ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރުމާއި އިޒްރޭލުގެ ޖަރީމާތަކާމެދު ވާހަކަ ދެއްކުން ހުއްދައެއް ނޫނެވެ. އިންޑިޔާގައިވެސް ކަންއޮތީ މިހާރު މިހިސާބުގައެވެ.
އިންޑިޔާއަކީ ކުރިން ފަލަސްތީނަށް ތާއީދުކުރި ގައުމެކެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރި ގައުމެކެވެ. އަރަބި ގައުމުތައް ފިޔަވައި ޕީއެލްއޯ އެންމެ ފުރަތަމަ ގަބޫލުކުރި ގައުމަކީވެސް އިންޑިޔާއެވެ. އެކަމަކު އެއީ މާޒީއެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އިންޑިޔާ ވަނީ މި މައްސަލައިގައި ޔޫޓާރނެއް ނަގައިފައެވެ. އިންޑިޔާއަކީ މިހާރު އަރަބީންނާއި މުސްލިމުންގެ މިތުރެެއް ނޫނެވެ. އިޒްރޭލުގެ މިތުރެކެވެ. އިޒްރޭލުން ހަމައެއް ލަމައެއްނެތި ގާޒާއަށް ބޮންއަޅައި ފާއިތުވި ތިން ހަފުތާގެ ތެރޭގައި ހަ ހާހަށްވުރެ ގިނަ މީހުން މަރައިފިއެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނެވެ. އިންޑިޔާގައި 213 މިލިޔަން މުސްލިމުން އެބަތިއްބެވެ. ދުނިޔޭގެ އެންމެހައި މުސްލިމުންގެ ތެރެއިން އެގާރަ އިންސައްތައަކީ އިންޑިޔާގެ މުސްލިމުންނެވެ. އެއީ އިންޑިޔާގެ އާބާދީގެ ފަނަރަ އިންސައްތައެވެ. މީގެ ތެރެއިންވެސް އެންމެ ގިނަ މުސްލިމުން ދިރިއުޅެނީ އިންޑިޔާގެ އުތުރުގެ އުއްތަރު ޕްރަދޭޝްގައެވެ.
އިޒްރޭލުން ފަލަސްތީނުގެ މުސްލިމުން މަރައި ހުސްކުރަން ފެށީމާ އިންޑިޔާގެ އެންމެ އާބާދީބޮޑު ސްޓޭޓްކަމަށްވާ އުއްތަރު ޕްރަދޭޝްގެ ދަންނަބޭކަލުންގެ ތެރެއިން އާތިފް ޗައުދަރީ އާއި ސުހައިލް އަންސާރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އަހަރެމެންގެ ތާއީދާއި ހަމްދަރުދީ ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ލިޔުއްވިއެވެ. ނަތީޖާއަކީތޯއެވެ. މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ނަގައިލަން އުޅޭކަމަށް ތުހުމަތުކޮށް އިންޑިޔާގެ ފުލުހުން އެދެބޭފުޅުން ފަހައި ދުވަންފެށީއެވެ. ސުހައިލް އަންސާރީ މިހާރު ވަނީ ހައްޔަރު ކުރެވިފައެވެ. އެކަމަކު އާތިފް ޗައުދަރީ އަދި ހައްޔަރެއް ނުކުރެވެއެވެ. އޭނާ ފިއްލަވައިފައިވާތީއެވެ. އުއްތަރު ޕްރަދޭޝްގެ އަލީގަޅު މުސްލިމް ޔުނިވަރސިޓީގެ ދަރިވަރުން ފަލަސްތީނަށް ހަމްދަރުދީ ފާޅުކޮށް ބޭއްވި އެއްވުމެއްވެސް ފުލުހުންވަނީ ރޫޅާލައި އެއްވުން އިންތިޒާމްކުރި ދަރިވަރުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލައިފައެވެ. އަދިވެސް މިފަދަ ކިތަންމެ ކިތަންމެ ކަމެކެވެ.
މައްސަލައެއް ނެތެވެ. ޗައުދަރީއާއި އަންސާރީ ހައްޔަރުކުރަންވީއެވެ. އަލީގަޅު ޔުނިވަރސިޓީގެ ދަރިވަރުންވެސް ހުރަގެއަށް ލާންވީއެވެ. އެހެންކަމަށްވަންޏާ އިޒްރޭލަށް ތާއީދުކޮށް މުސްލިމުންނާ ދެކޮޅަށް މިހާރު ކުރިއަށް އެގެންދާ އެއްވުންތަކާއި ހަރަކާތްތައްވެސް މި އުސޫލުން ހުއްޓުވެން ވާނެއެވެ. އެކަމަކު އެހެނެއް ނުވެއެވެ. އުއްތަރު ޕްރަދޭޝްގެ އަލީގަޅު ސިޓީގައި ބަޖްރަންދާލޭ ކިޔުނު ހައްދުފަހަނަޅާފައިވާ ހިންދޫ ޖަމާއަތަކުން ކޮންމެ ދުވަހަކު އެއްވުންތައް ބާއްވައި ފަލަސްތީނާއި ހަމާސް ޑައުން ޑައުން، އިސްލާމީ ދުނިޔެ ޑައުން ޑައުން، މިހެން ގޮވާއިރު އެއްވެސް ފިޔަވަޅެއް ނޭޅެއެވެ. ނާޅައެވެ. ސަބަބަކީތޯއެވެ. އިންޑިޔާގެ މަރުކަޒީ ސަރުކާރު ފަދައިން އުއްތަރު ޕްރަދޭޝްގެ ސަރަހައްދީ ސަރުކާރަކީވެސް ބީޖޭޕީގެ ސަރުކާރަކަށް ވުމެވެ. އިންޑިޔާގައި އެކަނިވެސް 213 މިލިޔަން މުސްލިމުން ދިރިއުޅޭކަމާއި ދެކުނު އޭޝިއާގައި އިންޑިޔާގެ އަވަށްޓެރި ހަ ގައުމުގެ ތެރެއިން ތިން ގައުމަކީ އިސްލާމީ ގައުމުތަކެއްކަން ހަނދާނެއްވެސް ނެތެވެ.
ދެންއޮތީ އެމެރިކާގެ ވާހަކައެވެ. ޑިމޮކްރަސީ އާއި ދުލާއި ގަލަމުގެ މިނިވަންކަމުގެ ޗެމްޕިއަނުގެ ވާހަކައެވެ. އެމެރިކާގެ ޓީވީ ސްޓޭޝަނަކުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ އަނިޔާގެ ވާހަކައެއް ނުދައްކައެވެ. ސޯޝަލް މީޑިއާގެ މަންސަތަކުގައި ފަލަސްތީނަށް ހަމްދަރުދީ ފާޅުކުރުމުގެ ޕޯސްޓުތައްވެސް ހަމަފާޅުގައި ސެންސަރު ކުރެއެވެ. ފަލަސްތީނަށް ތާއީދުކުރުމުގެ އަޑު މުޅިންވަނީ ކަނޑުވާލައިފައެވެ. މިހާރު ދިމާކޮށްގެން އެއުޅެނީ ގަތަރުގެ އައްޖަޒީރާ ޓީވީއާއެވެ. އެމެރިކާގެ ޚާރިޖީވަޒީރު އެންތަނީ ބްލިންކެން މިމަހު ތޭރަވަނަ ދުވަހު ގަތަރަށް ވަޑައިގެން ގަތަރުގެ އަމީރާއި ބައްދަލު ކުރެއްވުމަށްފަހު އެދިވަޑައިގަތީ އައްޖަޒީރާގެ ފިޔަ ކޮށައިލުމަށެވެ. ފަލަސްތީނަަށް ތާއީދުކުރުމުގެ ކޮންޓެންޓް މަދުކުރުމަށެވެ. މިކަން މިމަގުން ނުކުރާނަމަ ނަތީޖާ ރަނގަޅު ނުވާނެކަމުގެ އިންޒާރުވެސް ދެއްވިއެވެ. އަޖައިބު ހީވެއެވެ. ތިމާމެންގެ އަމިއްލަ ގައުމުގެ ރައްޔިތުން ކަނުބަނދެގެން ގެންގުޅޭ ގޮތަށް އެހެން ތަންތާގެ މީހުން ބަލަންވީ ތަކެއްޗާއި ނުބަލަންވީ ތަކެތިވެސް ކަނޑައަޅަން މިޖެހެނީ ހަމަތިމާމެންނެވެ. މިއަށްވެސް މިކިޔަނީ ޑިމޮކްެރަސީއެވެ. އިންސާނީ ހައްގެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ