މިއަހަރުގެ ފަހު ހަނދުކޭތަ މިރޭ ހިފާނެއެވެ.

މިރޭ ހިފާ ހަނދުކޭތައަކީ ފަޅި ހަނދު ކޭތައެކެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިރޭގެ ހަނދުކޭތަ ފެންނާނެއެވެ.

ރާއްޖެއަށް ކޭތަ ފެންނަ އިރު، ކޭތައިގެ ދިގުމިނަކީ ހަތަރު ގަޑިއިރާއި 25 މިނެޓެވެ.

މިރޭގެ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 23:01 ގައެވެ. އެންމެ ފުރިހަމައަށް ކޭތަ ހިފާފައި ހުންނާނީ ދަންވަރު 01:14 ގައެވެ. ހަނދުކޭތަ ހިފައި ނިމޭނީ މެންދަމުން އަލިވެ 03:26 ހާއިރުކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ.

ފަޅި ހަނދުކޭތައެއް ހިފާނީ އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަންނަ އިރު އުފެދޭ މަޑު ހިޔާގަނޑުގެ ސަބަބުން ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެން ފެންނަ ގޮތަށެވެ.

ދެން އެންމެ އަވަހަށް ހަނދު ކޭތައެއް ހިފާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ހަތް ވަނަ ދުވަހުއެވެ.