މިމަހު ފަހުކޮޅު ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެއެވެ.

މިމަހުގެ 21 ވަނަ ދުވަހު ހިފާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ފަޅި އިރުކޭތަ ފެންނާނީ އޮސްޓްރޭލިއާގެ އިތުރުން ނިއުޒިލެންޑާއި ދެކުނު ޕެސިފިކް ސަރަހައްދުތަކުގައި އޮންނަ ގައުމުތަކާއި އެންޓާޓިކް ސަރަހައްދަށެވެ.

21 ވަނަ ދުވަހު ހިފާ އިރުކޭތައަކީ މިއަހަރު ހިފާނެ ފަހު ކޭތަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަހަރުގެ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ކޭތަ ކަމުގައި ވި ފުރިހަމަ ހަނދު ކޭތަ އިއްޔެ ރޭ ހިފާފައިވާއިރު ގިނަ ގައުމުތަކަކަށް ވަނީ އެހަނދުކޭތަ ފެނިފައެވެ.

82 މިނެޓަށް ދެމިގެން ދިޔަ އެ ހަނދުކޭތަ ސާފުކޮށް ރާއްޖެ އަށްވެސް ފެނިފައިވާއިރު ރިޕޯޓުތައް ބުނާގޮތުން ދުނިޔޭގެ 85 ޕަސެންޓް އާބާދީ އަށް އެހަނދު ކޭތަ ފެނިފައިވެއެވެ.

ރާއްޖެ ހިމެނޭ ސަރަހައްދަށް ދެން އެންމެ އަވަހަށް ހަނދުކޭތައެއް ފެންނާނީ އަންނަ އަހަރުގެ މާޗް ތިން ވަނަ ދުވަހުއެވެ.

ރާއްޖެ ހިމެނޭ ސަރަހައްދަށް ދެން ފުރިހަމަ ހަނދު ކޭތަ އެއް ހިފާނީ 31 ޑިސެމްބަރު 2028 ގައެވެ. އަދި ފުރިހަމަ އިރުކޭތައެއް މިސަރަހައްދަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ 25 ނޮވެމްބަރު 2049ގައެވެ.