ޗައިނާއިން ޖައްވަށް ފޮނުވާ އެންމެ ޅަ އެސްޓްރަނައުޓްގެ ދަތުރު ފަށައިފިއެވެ.

ޗަައިނާގެ ޖީކުއާން ސެޓަލައިޓް ލޯންޗް ސެންޓަރުން ފޮނުވާލި ޝެންޒައު-17 ގެ އުޅަނދު ޖައްވަށް ދަތުރު ފަށާފައި ވަނީ އެގައުމުގެ ތިން އެސްޓްރަނައުޓުންނާ އެކީގައެވެ.

ޗައިނާގެ އޮފިޝަލުން ވަނީ އެ ގައުމުން ޖައްވަށް ދަތުރުކުރާ އެންމެ ޅަ އެސްޓްރަނައުޓުން ހިމެނޭ ކުރޫ ވެސް އެ ދަތުރުގައި ބައިވެރިވާކަމަށް ބުނެފައެވެ. އެއީ އެވްރެޖްކޮށް އުމުރުން 38 އަަހަރުގެ މީހުން ކަމަށް އޮފިޝަލުން ބުނެއެވެ.

ޗައިނާއިން ޖައްވަށް ފޮނުވާލި ފަޅުވެރީންގެ މައިގަނޑު މަސައްކަތަކީ ޗައިނާގެ ޖައްވީ އިދާރާގެ ބޭރުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް މަރާމާތުކުރުން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

މިއީ ޗައިނާއިން ޖައްވަށް މީހުން ފޮނުވާލި ހަވަނަ ދަތުރުކަމަށް އެގައުމުގެ ޖައްވީ އިދާރާއިން ބުނެއެވެ.