ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު އުޅެގެން ހަދައިގެން އެމްޑީޕީ ވާނީ ބަލި ކަމަށާއި ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އަންނަ އާދިއްތަ ދުވަހަކީ ޑިމޮކްރެޓިކް މެމްބަރުންނަށް މުހިންމު ދުވަހެއް ކަމަށާއި އެ ދުވަހަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ނާކާމިޔާބުވެ ވަޑައިގަތުމުން އެ މަނިކުފާނުގެ ހިތަށް ތަސައްލީއެއް ހޯދައިދިނުމަށްޓަކާ އެމްޑީޕީން ޕީޖީ ގްރޫޕުން ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމާ ދުވަސް ކަމަށެވެ.

"އެ ބީދާއިން އެކަން ކުރާކަށް ހަމަޔަގީނުންވެސް ޑިމޮކްރެޓްސްގެ މެންބަރުންނެއް ފުރުސަތު ދީގެން ނުތިބޭނެ ބަލާކަށް. އަޅުގަނޑަށް ޔަގީން، އަޅުގަނޑުގެ ކޮލީޖުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މި ފުރުސަތު މިހެން ބޭނުންވާހާ ގޮތަކަށް ކަންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސާ ގުޅޭ ގޮތުން ކަންކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތު ދީގެންނެ ނުތިބޭނެ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ގާނޫނުއަސާސީ ބަލައިގެން ސާފުކުރުމަށް އެމްޑީޕީގައި ތިބި އެކުވެރި މެންބަރުންގެ ކިބައިން އެދޭ ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީން ޖާގަ ނުދޭ ކަމެއް ކަމަށްވާ ނަމަ ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންވާނީ އޭނާ ހައްޔަރުކުރުމަށްފަހު ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީއަށް ކާމިޔާބު ނުކުރެވިގެން އުޅެނީ ގާނޫނާހިލާފަށް އެކަން ކުރަން އުޅޭތީ ކަމަށެވެ.

"އަނެއްކާވެސް އެމްޑީޕީ ތިދަނީ ބަލިވާންށޭ. ބޮޑުތަނުން ބަލިވާންށޭ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގައި ތިބެގެން މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާފައި އޮތް ހުށަހެޅުން ބަލައިގަނެގެން ވަކިކުރެވޭނެ އެއްވެސް ގޮތެއް އެ ފުރުސަތު ނުދޭނަމޭ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ކުޅޭކުޅޭ ކަމެއްގެ ގޮތުގައި ދެކިގެން "ވައްދާފަ ނެރުއްވާފަ އިއްޔެ އިތުބާރު އޮވެފަ މާދަން އިތުބާރު އޮންނަ ކަހަލަ" ކަމެއް ނޫން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުން ރައީސް ސޯލިހު ބަލިވެވަޑައިގަތުމަކީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.