ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރަން އެމްޑީޕީން ކުރާ މަސައްކަތަށް ހުރަސްއަޅާ ނަމަ، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް އެއްބާރުލުން ނުދޭނެ ކަމަށް އެމްޑީޕީން ބުނުމުން އެކަން ދަ ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފިއެވެ.
އިންތިހާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ކޮންޓްރޯލް ކުރާ އެމްޑީޕީން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް ވައްދާފައިވާ އިރު، އެ މައްސަލައިގައި އިއްޔެ ވަނީ ތްރީލައިން ވިޕެއްވެސް ނެރެފައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ވަނީ ނަޝީދު މަޖިލިސް ރައީސްކަމުގައި ހުންނަވައިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ގާނޫނުއަސާސީއާ ހިލާފުވާނެ ކަމަށް ބުނެފައެވެ. އަދި އިންތިހާބީ ރައީސް ހުވާކުރައްވާ ޖަލްސާއަށް އެއްބާރުލުން ދޭނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެމްޑީޕީން ވަނީ، ނަޝީދު މަޖިލިސް ރައީސްކަމުގައި ހުންނަވައިގެން އިންތިހާބީ ރައީސްގެ ކެބިނެޓަށް ރުހުން ނުދޭނެ ކަމަށްވެސް ބުނެފައެވެ،
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އެ ވާހަކަތަކާ ގުޅިގެން، ނަޝީދުގެ ޑިމޮކްރެޓްސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އިންތިހާބީ ރައީސް އާއި ނައިބު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އެޅުމަށް ރައީސް ސޯލިހުގެ އެންގެވުމަށް އެމްޑީޕީގެ ޕީޖީ ބައެއް މެންބަރުން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ.
"ރައްޔިތުންގެ ނިންމުމާއި ގާނޫނު އަސާސީއަށް ހުރުމަތްތެރިކުރުމަށާއި ޑިމޮކްރަސީގެ އަސާސްތަކާއި މަކާރިމުލް އަހުލާގުގެ ހަމަތަކަށް ރުޖޫއަވެވަޑައިގަތުމަށް އިލްތިމާސްކުރަން" ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީ ޕީޖީ ގްރޫޕުގެ 49 މެމްބަރުންގެ ސޮޔާއެކުއެވެ.
ނަޝީދު ވަކިކުރުމުގެ މައްސަލައިގައި އެމަނިކުފާނަށް 14 ދުވަހުގެ ނޯޓިސް ފޮނުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ ނޯޓިސްގެ މުއްދަތު މިއަދަށް ހަމަވާނެއެވެ.
މަޖިލިސް ގަވާއިދުގައިވާ ގޮތުގައި ނޯޓިސްގެ މުއްދަތު، 14 ދުވަސް ހަމަވުމުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ޖެހެއެވެ.
އެނގިފައިވާ ގޮތުގައި ނަޝީދު ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު އެޖެންޑާ ކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު