ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހުގީގުގައި ފުރިހަމަނުވެ އޮތީ ޑީއެންއޭ ރިޕޯޓްތައް ނުލިބޭތީ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ވިދާޅުވެއްޖެއެވެ.

އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ހުރިކަން ވަނީ އެނގިފައެވެ.

ނައީމާގެ މަރުގެ މައްސަލައިގައި އެ ރަށުގެ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ، އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި ރިފާޝް އަބޫބަކުރު (21އ) ގެ އިތުރުން ހަސަން ފަވާޒު (21އ)އެވެ. އެ އެންމެންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްއަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޝަމީމް ވިދާޅުވީ، ނައީމާގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަށް ދައުވާކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި ތަހުގީގު ފުރިހަމަ ނުވަނީ ޑީއެންއޭ ރިޕޯޓްތައް އަދި ނުލިބޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނައީމާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާތާ މިހާރު ހަ މަސް ދުވަސްވެފައިވާ އިރު، ޕީޖީ އޮފީހުން ގެންދަނީ ތަހުގީގުގެ މުއްދަތު ފުލުހުންނަށް ކޮންމެ 15 ދުވަހަކުން އިތުރުކުރަމުންނެވެ.

"ވަން" އެނގިފައިވާ ގޮތުގައި ނައީމާ މަރާލުމަށް އެ ގެއަށް ވަދެފައިވަނީ އަހުޒަމްއެވެ. ފާރައަށް ރިފާޝް ހުރި އިރު، އެ ދެ މީހުން އަރުވައިގެން ނައީމާ ގެއަށް ގެންގޮސްދިން ކާރު ދުއްވަން އިނީ ފަވާޒްކަންވެސް އެނގިފައިވެއެވެ.

އެނގިފައިވާ ގޮތުގައި ނައީމާއަށް ހަމަލާދިނުމަށް އަހުޒަމް އެ ގެއަށް ވަނީ ހެޒްމެޓް ސޫޓެއް ލައިގެންނެވެ. އޭނާ ވަނީ ނައީމާ ގަޔަށް ވަޅި ހެރީ އޭނާ ކަމަށް އިއުތިރާފުވެފައެވެ.

ފުލުހުން ވަނީ އަހުޒަމް ކުށަށް އިއުތިރާފުވެ، ކިޔައިން ދިން މައުލޫމާތުގެ އަލީގައި ނައީމާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ މީހުން ލައިގެން ތިބި އަންނައުނު އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައި ހުއްޓައި ހޯދައިފައެވެ. މީގެ އިތުރުން އެ މީހުން ދުއްވި ކާރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ނައީމާގެ މަރުގެ މައްސަލައިގައި މޯޓިވްއާ ގުޅޭ ގޮތުން ފުލުހުން އަދި މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް މަނަދޫން "ވަން" އަށް މައުލޫމާތު ދިން މީހުން ބުނެފައިވަނީ އެ މަރަކީ ސިހުރާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. ނައިމާއަކީ ސިހުރު ހަދާ މީހެއް ކަމަށް އޭނާގެ އާއިލާއިންވެސް ތުހުމަތުކުރާ ކަމަށެވެ. ނައީމާއަކީ އެހާ ތަނަވަސް މީހަކަށް ނުވާތީ ފައިސާގެ ބޭނުމުގައި މަރާލާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެފައިވެއެވެ.