ލަންކާގެ ފަތުރުވެރިކަން ފުޅާކުރުމަށް ހަތް ގައުމަކުން ވިސާއާ ނުލައި އެތެރެވޭނެ ގޮތް ހަދައިފިއެވެ.

ސްރީލަންކާގެ ކެބިނެޓުން ވަނީ އަންނަ އަހަރުގެ މާޗް މަހުގެ 31ގެ ފަހުން ޗައިނާ އާއި އިންޑިއާގެ އިތުރުން ރަޝިޔާ އާއި ޖަޕާނާއި ތައިލެންޑު އަދި އިންޑޮނޭޝިއާ އާއި މެލޭޝިޔާ އިން އެގައުމަށް ފަތުރުވެރިންގެ ގޮތުގައި އެތެރެވާ މީހުންނަށް ވިސާއާ ނުލައި އެތެރެވެވެވޭނެ ގޮތް ހެދުމަށް ނިންމާފައެވެ.

ލަންކާގެ ފަތުރުވެރިކަމާބެހޭ އޮފިޝަލުން ވަނީ މި ނިންމުމުގެ ސަބަބުން އެ ގައުމުގެ ފަތުރުވެރިކަން އިތުރަށް ކުރިއަރައި މިހާރު އެ ގައުމު ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅުން ސަލާމަތްވާން އެހީއަކަށް އެކަން ވެގެން ދާނެކަމަށް ބުނެފައެވެ.

ލަންކާއިން ވަނީ އެ ގައުމަށް އެތެރެވާ ފަތުރުވެރިންގެ އަދަދު 2026 ވަނަ އަހަރު ފަސް މިލިއަނަަށް އެރުވުމަށް އަމާޒު ހިފާފައެވެ.

ލަންކާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެގައުމުން މިއަހަރުގެ ފުރަތަމަ 8 މަހު ވަނީ 1.3 ބިލިއަން ޑޮލަރުގެ އާމްދަނީ ފަތުރުވެރިކަމުން ހޯދައިފައެވެ.