މެއި 6، 2021ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަންޑު ކުރީ އެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން އުޅުނު މީހުންނާ އެކީ އުޅޭ "އެއް ސާކަލް" އެއްގެ ބައެއް ކަމަށް އެ މައްސަލައިގެ ތަހުގީގު ވިލަރެސް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވީ، ނަޝީދަށް ދިން ހަމަލާގެ ފަހަތުގައިވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށާއި އެ ހަމަލާއާއި ސަރުކާރާއި އިދިކޮޅާއި އަދި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންނާވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ހަމަލާއަށް ފަންޑުކޮށްފައިވަނީވެސް ހަމަލާ ދިނުމުގައި އަަމަލީ ގޮތުން އުޅުނު މީހުންނާ އެއްކޮށް އުޅުނު ބައެއްކަން ތުހުމަތު ކުރެވޭ މީހުންގެ ބޭންކް ސްޓޭޓްމެންޓުތަކާއި ބޭންކް އެކައުންޓުތަކާއި ޑިޖިޓަލް ފުޓްޕްރިންޓްތަކުން ހާމަވާ ކަމަށް ވިދާޅުވިއެވެ.

"އެ މީހުންގެ އަމިއްލަ ގުރޫޕުގެ ބޭރުން މާލީ އެހީ ލިބިފައިވާކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ހޯދިފައިނުވޭ. މި ހަމަލާ ދިނުމުގެ މައިގަނޑު ސަބަބަކީ ހަރުކަށި ފިކުރު،" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، ނަޝީދަށް ދިން ހަމަލާއަކީ ޑިމޮކްރަސީއާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ގާނޫނީ ވެރިކަމާ ދެކޮޅަށްވެސް ދެވުނު ހަމަލާއެއް ކަމަށާއި ހަރުކަށި ފިކުރާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ބޮން ގޮއްވާލި މައްސަލައިގައި މިހާތަނަށް ހުކުމްކޮށްފައިވަނީ އަހުމަދު އަދުހަމް ރަޝީދު 23އ ގެ މައްޗަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާ 23 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 14 ޑިސެމްބަރު 2021 ގައެވެ.