ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.
ޖަލްސާ ފަށާގަޑި ޖެހުނު އިރުވެސް ކޯރަމް ހަމަވާ ވަރަކަށް މެންބަރުން ވަޑައިނުގެންނެވުމުން، 9:08 މިނެޓްގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވިދާޅުވީ، ކޯރަމް ހަމަވާ ވަރަށް މެންބަރުން ވަޑައިނުގަންނަވާތީ މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ.
ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް މާލަމަށް ވަޑައިގެންނެވި މެންބަރުންގެ އަދަދެއްވެސް އީވާ ވިދާޅެއް ނުވެއެވެ. ޖަލްސާ ބާއްވަން ބޭނުންވާ ކޯރަމަކީ 22 މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ ރައްޔިތުން މަޖިލިސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި މިއަހަރަށް ލަފާކޮށް ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓްގެ މައްސަލަ ހުށަހެޅުމެވެ. އަދި އޭގެ ފަހުގައި ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހެޅުއްވާފައިވާ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމެވެ.
އޭގެ ފަހުގައި ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅުއްވާފައިވާ ބިލާއި ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލާއި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
ތިން ކަމަކަށް ވޯޓަށް އަހަންވެސް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ގަރާރާއި އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވަމުންދާތީ އިންތިހާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ ގަރާރެވެ.
ޚަބަރު
ޚަބަރު
ޚަބަރު