މެދުއިރުމަތީގެ މައްސަލަ ކޮންމެފަހަރަކުވެސް ހިލިގަންނަނީ އިޒްރޭލުގެ އަނިޔާވެރިކަން ހައްދުފަހަނަޅައި ދިއުމުންނެވެ. މައްސަލަ ހިލިގަންނަ ކޮންމެ ފަހަރަކު އިސްލާމީ ދުނިޔޭގައި ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީއާއި ކުލުނުގެ ރާޅުބާންޏެއް އުފެދިގަނެއެވެ. އިޒްރޭލް ކުށްވެރިކުރުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އޮއިވަރެއްވެސް ދައުރުވާން ފަށައެވެ. އަސްކަރީ އެހީއެއް ނޫނެވެ. ފަލަސްތީނުގެ މުޖާހިދުންނަށް އަސްކަރީ އެހީ ފޯރުކޮށްދޭ އޮތީ އިސްލާމީ އެންމެ ގައުމެކެވެ. އެއީ އީރާނެވެ. އެހެން އެންމެން އެހީވަނީ ފަލަސްތީނުގެ އާއްމު ރައްޔިތުންނަށެވެ. ބޯފެނާއި ކާނާޔާއި އަންނައުނާއި ބޭސް ފޯރުކޮށްދިނުމުގައެވެ. ގެދޮރު މަރާމާތުކޮށްދީ ދިރިއުޅުން އަލުން އާރާސްތު ކޮށްދިނުމުގައެވެ. އިޒްރޭލުގެ އަނިޔާވެރިކަމުގެ ކުރިމަތީގައި ފަލަސްތީނުގެ ރައްޔިތުންނަށް ދުނިޔޭގައި އެތިބެވެނީ އިސްލާމީ ދުނިޔެއިން ފޯރުކޮށްދޭ އިންސާނީ އެހީގެ ބާރުގައެވެ. އެހެން ބާރަކުން ނޫނެވެ.
އިސްލާމީ ދުނިޔޭގެ އެންމެ އިރުމަތިން ފެށިގެން އެންމެ ހުޅަނގަށްވެސް އޮތީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ތާއީދުގެ އަޑެވެ. ބުރޫނާއީއިން ފެށިގެން މޮރޮކޯއާ ހަމައަށްވެސް އޮތީ ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފަންޑު އެއްކުރުމުގެ ތަފާތު ހަރަކާތްތަކެވެ. މިއީ އިޒްރޭލާއި އިޒްރޭލުގެ މިތުރުން ނުހަނު ޖެހިލުންވާ ކަމެކެވެ. ރުޅިއަންނަ ކަމެކެވެ. ހަމާސްއާއި އިސްލާމިކް ޖިހާދަށް އެހީވެ ޓެރަރިޒަމަށް ހިތްވަރުދެނީއޭ ބުނެ އިންޒާރުވެސް ދެއެވެ. ބައެއް ގައުމުތަކުގެ އިގްތިސާދު ފުނޑައިލުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދެއެވެ. ޚާއްސަކޮށް މިސްރާއި މޮރޮކޯ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ދިވެހިރާއްޖެފަދަ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވުން ބޮޑު ގައުމުތަކަށެވެ. ގާޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން މިހާރު ހިންގަމުންދާ ޖަރީމާތަކާ ގުޅިގެންވެސް މިދެންނެވި އިގްތިސާދީ ޓެރަރިޒަމްގެ އަސަރު ވަރަށް ބޮޑަށް ދަނީ ފާޅުވަމުންނެވެ. އެނގެމުންނެވެ.
އެންމެހައި މުސްލިމުންނަކީ އެއްބަނޑު އެއްބަފައި އަޚުންނެވެ. އަނިޔާ ލިބެމުންދާ އަޚާއަށް އެހީވުން ކޮންމެ މުސްލިމަކަށް ލާޒިމްވެގެންވެއެވެ. މިހާލަތުގައި ގާޒާގައިވާ މުސްލިމް އަޚާގެ ޒަޚަމުގެ މަތީގައި ބޭސްއަޅައިދީ ބޯނެ ފެންފޮދެއް ފޯރުކޮށްދިނުމަކީ ޓެރަރިޒަމް ކަމަށްބަލައި އެގައުމުތައް ބޮއިކޮޓްކުރަންޏާ ކުރަންވީއެވެ. ދިވެހިރާއްޖެއާއި މެލޭޝިއާ، އިންޑޮނީޝިއާ، ޖޯޑަން، މިސްރު، އެމިރޭޓްސް އަދި މޮރޮކޯފަދަ ގައުމުތަކަށް ޒިޔާރަތް ނުކުރުމަށް އިޒްރޭލުން މިހާރު އިލްތިމާސް އެކުރަނީ މި ގައުމުތަކުގެ ޓޫރިޒަމް ހީނަރުކޮށްލުމުގެ ބޭނުމުގައެވެ. އެބަބުނެއެވެ. މި ގައުމުތަކަކީ ޔަހޫދީންނާއި ޔަހޫދީންނަށް ހެޔޮއެދޭ އެންމެތަކުންނަށް ނާމާން ގައުމުތަކެކެވެ. އެއީ ޔަހޫދީންގެ ވަހާއި ކުލަވެސް ނައްތައިލުމަށް ވާގިވެރިވާ ގައުމުތަކެވެ. ނަމަނަމަ އެއިން ތަނަކަށް ނާރާށެވެ. މިފަދައިން އިންޒާރުދޭއިރު އިޒްރޭލުގެ ސައިޒަކީ ކޮބައިބާވައެވެ. އިސްލާމީ ދުނިޔެއާއި އިސްލާމުންގެ ސައިޒަކީ ކޮބައި ބާވައެވެ. ކުރުގޮތަކަށް ބަލައިލަމާ ބަހީއެވެ. މުހިންމު ކަމަކަށްވާތީއެވެ.
މުޅިދުނިޔޭގައި އުޅޭކަމަށް އަންދާޒާ ކުރެވޭ ޔަހޫދީންގެ ޖުމްލައަދަދަކީ ގާތްގަޑަކަށް ސާދަ މިލިޔަނެވެ. މީގެތެރެއިން 6.3 މިލިއަން ޔަހޫދީން ދިރިއުޅެނީ އިޒްރޭލުގައެވެ. އެއީ އިޒްރޭލުގެ ޖުމްލަ އާބާދީގެ 74 އިންސައްތައެވެ. އިޒްރޭލް ނަގާފައި ދެން އެންމެ ގިނަ ޔަހޫދީން ދިރިއުޅެނީ އެމެރިކާގައެވެ. އެމެރިކާގެ ޔަހޫދީންގެ އަދަދަކީ ގާތްގަޑަކަށް 5.7 މިލިޔަންއެވެ. އެމެރިކާގެ ޖުމްލަ އާބާދީގެ ތެރެއިން އެއީ ގާތްގަޑަކަށް 2.2 އިންސައްތައެވެ. މި ދެގައުމު ފިޔަވައި ދެން ޔަހޫދީންގެ އާބާދީ ބައި މިލިޔަނަށްވެސް އަރާ އެހެން ގައުމެއް ނުވެއެވެ. ލިސްޓުގެ ތިންވަނައިގައިވާ ފްރާންސްގައި ޔަހޫދީންގެ އަދަދު ހަތަރު ލައްކައެވެ. ކެނެޑާގައި ތިން ލައްކައެވެ. އިނގިރޭސިވިލާތުގައި ދެ ލައްކައެވެ. އާޖެންޓީނާ އާއި ރަޝިޔާގައި ދޮޅު ލައްކައެވެ. އޮސްޓްރޭލިޔާ އާއި ޖަރުމަނީގައި އެއްލައްކައެވެ. ބްރެޒިލްގައި ލައްކައެއްވެސް ހަމަނުވެއެވެ. މަތީގައި ބަޔާން ކުރެވުނީ ޔަހޫދީންގެ އާބާދީ އެންމެ ބޮޑުކަމަށް ތަފާސްހިސާބުތަކުން ދައްކާ ދިހަ ގައުމެވެ.
މުޅި ދުނިޔޭގައި ޔަހޫދީންގެ ޖުމްލަ އާބާދީއަކީ އެންމެ ސާދަ މިލިޔަން ކަމަށްވާއިރު އިސްލާމީ ދުނިޔޭގެ ހަތް ސިޓީއެއްގެ މުސްލިމް އާބާދީވެސް އެއަށްވުރެ މާމައްޗެވެ. އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި އެކަނިވެސް ތިރީސް މިލިޔަނެވެ. ޕާކިސްތާނުގެ ކަރާޗީގައި ފަންސަވީސް މިލިޔަނެވެ. ބަންގްލަދޭޝްގެ ޑާކާގައި ތޭވީސް މިލިޔަނެވެ. މިސްރުގެ ގާހިރާގައި ނަވާރަ މިލިޔަނެވެ. ލިސްޓު ދިގު ކުރަންޏާ ބުނަން ޖެހެނީ މިހެންނެވެ. ތުރުކީގެ އިސްތަންބޯލާއި އީރާނުގެ ތެހެރާނާއި ނައިޖީރިއާގެ ލޭގޯސްގައިވެސް މުޅިދުނިޔޭގެ އެންމެހައި ޔަހޫދީންގެ އަދަދަށްވުރެ ގިނަ މުސްލިމުން ދިރިއުޅެއެވެ. މުޅި އިޒްރޭލުގެ ޔަހޫދީ އާބާދީއަކީ 6.3 މިލިޔަން ކަމަށްވާއިރު އެއަދަދަށްވުރެ މެލޭޝިޔާގެ ކުއާލަލަމްޕޫރާއި ސައޫދީ އަރަބިޔާގެ ރިޔާޒާއި އިރާގުގެ ބަޣުދާދާއި ޕާކިސްތާނުގެ ލާހޯރާއި އިސްލާމް އާބާދު، ފައިސަލް އާބާދު، އިންޑޮނީޝިޔާގެ ބާންޑުންއާއި ސުރަބާޔާގައިވެސް މުސްލިމުންގެ އާބާދީ ބޮޑެވެ. މި ލިސްޓު އަދިވެސް ދިގުކުރެވިދާނެއެވެ. ފަސޭހަވެސް ކަމެކެވެ.
އިޒްރޭލުގެ ސައިޒް ކުޑަޔަަސް އަދި އާބާދީ މަދަސް އެގައުމުގެ ޖީޑީޕީ ކުޑައެއް ނޫނެވެ. އެވަރުގެ ގައުމަކަށް ނިސްބަތްކުރާއިރު ޖީޑީޕީ މައްޗެވެ. އިޒްރޭލުގެ ޖީޑީޕީއަކީ 488 ބިލިޔަން ޑޮލަރެވެ. ވަކިވަކި އިސްލާމީ ގައުމުތަކަށް ބަލަންޏާ އިންޑޮނީޝިއާ، އީރާން، ތުރުކީ އަދި ސައޫދީ އަރަބިޔާގެ ޖީޑީޕީ އެއަށްވުރެ މައްޗެވެ. އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ ކަމަށްވާ އޯއައިސީގެ 57 ގައުމުގެ ގުޅިފައިވާ ޖީޑީޕީއަކީ 30 ޓްރިލިއަން ޑޮލަރެވެ. އެއީ މުޅި ދުނިޔޭގެ ޖީޑީޕީގެ ގާތްގަޑަކަށް ބާވީސް އިންސައްތައެވެ. މިއަދަދަށް ނިސްބަތްކުރާނަމަ އިޒްރޭލުގެ ޖީޑީޕީއަކީ ވަރަށްވެސް ކުޑަކުޑަ އަދަދެކެވެ. އިސްލާމީ ދުނިޔޭގެ ބޮޑުމިން ތިރީސް މިލިޔަން އަކަކިލޯމީޓަރަށް އަރާއިރު އިޒްރޭލުގެ ސައިޒަކީ އެންމެ ބާވީސްހާސް އަކަކިލޯމީޓަރެވެ. މުޅި ދުނިޔޭގައި ކޮންމެ ޔަހޫދީއަކަށް 143 މުސްލިމުން އެބައުޅެއެވެ. އިޒްރޭލުގައި ދިރިއުޅޭ ކޮންމެ ޔަހޫދީއަކަށް ދުނިޔޭގައި 334 މުސްލިމުން އެބައުޅެއެވެ. ދެ ބިލިޔަން މީހުންނާއި ސާދަ މިލިޔަން މީހުންގެ ތަފާތު މިނޫނަސް އަދިވެސް ހުންނާނެތާއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ