ކަށި އިނގިލީގައި ރުހައިމް އަޅުވާލަ ދިން އަނގޮޓިއަށް ބަލަން ހުރި ނާލާގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލަމުން ދިޔަ އެވެ. އަނގޮޓި އަޅުވައިދެމުން ނާލާގެ މޫނަށް ރުހައިމް ބަލައިލިއެވެ. ކަރުނައިގެ ދިލަކަން ދެލޮލުން ފާޅުވާން ފެށީ ނާލާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުގެ ސަބަބުންނެވެ. އެއުފާވެރިކަން ދުނި އުމުރަށް ދެމިގެންދާން އޭނަ ހުރީ ނުހަނު ބޭނުން ވެފައެވެ. ހިތް ބިރުގަންނަނީ އެކަމުގައި އޭނައަށް ކާމިޔާބު ނުލިބިދާނެތީއެވެ. ގޮންޖެހުންތައް ގިނަވެފައި ދާންވީ ރާސްތާގައި ވެސް އަޑިގުޑަންތައް ގިނަ އެވެ. ނަމަވެސް ނާލާގެ އުފަލަށް ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް ރުހައިމް ހުރީ ތައްޔާރަށެވެ. އަމިއްލަ އެދުން ރުހައިމްއަށް އިސްކުރެވުނީ އެދަނޑިވަޅުގައެވެ. ލޯބިވާ ފަރާތް ހިތްދަތިކަމުން ސަލާމަތްކުރަން އޭނައަށް އޮޅުވާލެވުނީއެވެ. އަނދިރީގައި ބެހެއްޓުނީއެވެ.

''ތެންކިއު...'' ދިހުން އަރަމުން ދިޔަ އަލިމަސްކަށީގެ އަނގޮޓިއަށް ބަލަން ހުރެފައި ނާލާ ބުނެލިއެވެ. އަދި ރުހައިމް ގައިގައި ބައްދާލިއެވެ. ނާލާގެ ކޮންމެ ހަރަކާތަކުން ވެސް އެހިތުގައި ރުހައިމްއަށްޓަކައި ވިންދު ޖަހަމުން ދިޔަ ލޯބި ބަޔާންކޮށްދެއެވެ. އެކަމާ ރުހައިމްގެ ހިތުގައި އުފެދުނީ ރިހުމެކެވެ. އޭނައަށް ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ނަފުސަށް ވިސްނައިދިނެވެ. ހަޤީޤަތް ސިއްރުކުރަނީ ނާލާގެ އުފަލަށްޓަކައި ކަމެވެ. އެކަމުގައި ގޯސް ނިޔަތެއް ނެތް ކަމެވެ. އެޔަޤީންކަން ހިތުގައި ސާބިތުކުރަން ބޭނުން ވިއެވެ. ފަސްޖެހުމެއް ނެތި ކޮންމެ ފިޔަވަޅެއް ވެސް އޭނައަށް އެޅޭނީ އޭރުންނެވެ.

''ވެލްކަމް މައި ލަވް...'' ނާލާގެ ހަށިގަނޑުގައި ދެއަތުން ވަށާލަމުން ރުހައިމް ބުންޏެވެ. އޭނަ ނާލާގެ ގައިގައި ބާރަށް ބައްދާލި އެވެ. ރުހައިމްގެ ހަރަކާތްތަކުން ނާލާ ބީވެދާނެތީ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ހާމަކޮށްދެ އެވެ. ނަމަވެސް، ހިތުގައި އުތުރި އަރަމުން ދިޔަ އިހުސާސްތައް ސިއްރުކުރަން ރުހައިމް މަސައްކަތް ކުރިއެވެ. ނާލާއަށް ޝައްކުވުމުގެ ފުރުސަތު ދޭން ބޭނުން ނުވާތީއެވެ.

ނާލާއަށް ލިބިފައި ވަނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. ރުހައިމްގެ ފަރާތުން ލިބެމުން ދިޔަ ލޯތްބާއި އަޅާލުމާއެކު އެދެމެދުގައި އޮތް ގުޅުން އިތުރަށް ފުރިހަމަކުރަން އޭނަ ބޭނުން ވިއެވެ. މިހާރު ވެސް ހުވަފެންތައް ދެކެވެން ފެށުނެވެ. ރުހައިމްގެ ސިފަތައް ލިބިފައިވާ ކުއްޖަކު ލިބިއްޖެނަމަ އޭނަގެ ދިރިއުޅުން އިތުރަށް އުޖާލާވެގެންދާނެކަމުގެ ޔަޤީންކަން ނާލާގެ ހިތުގައި އޮތެވެ. އެޚިޔާލުތަކުން ވެސް ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ.

*****

ހަފްތާ ބަންދަށް ފަހު އޮފީސްތައް ހުޅުވުނު ދުވަހެވެ. އޮފީސް މާހައުލުގައި އެދެމެދުގައި އުފެދިފައި އޮތް ހައިޖާންގަނޑު ސިއްރުކުރުމުގައި ރުހައިމްއަށް ޔަޝްފީގެ އެއްބާރުލުން ލިބުނެވެ. އެކަމާ ރުހައިމްއަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެދެމެދުގައި ގިނަ ވާހަކައެއް ނުދެކެވެއެވެ. އެކަމުގެ ފަހަތުގައި އޮތް ސަބަބު ނަގައިގަނެވުނީ ހަމައެކަނި ފިޒާޔާ އަށެވެ. ޔަޝްފީގެ ރެވުންތެރިކަމުގެ ކުޅާދާނަކަން ފިޒާޔާއަށް ތަސައްވަރުކުރެވުނީ ރުހައިމްއަށް އައިސްފައި ހުރި ބަދަލުތައް ފާހަގަ ކުރެވުމުންނެވެ. މުޅިން ތަފާތު މީހަކު ފެންނަމުންދާ ކަހަލައެވެ.

މެންދުރަށް ޔަޝްފީ ފިޔަވައި ހުރިހާ އެންމެން ބްރޭކަށް ދިޔަ ގަޑިއެވެ. ޔަޝްފީ މަޑުކޮށްގެން ހުރީ ރުހައިމްގެ ސަމާލުކަން ހޯދަން ވެގެންނެވެ. އޭނަ އެކަނިވެ ފިކުރުބޮޑުވެފައިވާތަން ފެނުމުން ރުހައިމް އޭނައާއި ވާހަކަދައްކަން ބޭނުންވާނެކަން އެނގޭތީއެވެ. ހަމައެއާއެކު ރުހައިމްގެ ނިންމުން ވެސް އެނގެން އޭނަ ހުރީ ބޭނުން ވެފައެވެ. ރުހައިމް އޭނައަށް ކުރި ވަޢުދު ފުއްދާނެ ގޮތަކާ މެދު ހިތުގައި ޝައުޤުވެރިކަން އުފެދިފައިވާތީއެވެ. ރުހައިމްގެ ވިސްނުން ހުރީ އޭނަ ބޭނުންވާ ގޮތަށް ކަން ޔަޤީންކުރަން ޔަޝްފީ ބޭނުން ވިއެވެ. އިތުރަށް މަސްލަހަތު ގަޑުބަޑުކުރަން ވެއްޖެނަމަ އެނގޭނީ ވެސް އޭރުންނެވެ.

*****

ކެބިންގެ ދޮރު ހުޅުވާފައި ބޭރަށް ނިކުތް ރުހައިމްއަށް ފިޔަވަޅުތައް މަޑުޖައްސާލެވުނީ އެކަނި އިން ޔަޝްފީ ފެނުމުންނެވެ. އިރުކޮޅެއް ވަންދެން ޔަޝްފީއަށް ބަލަހައްޓައިގެން ރުހައިމްއަށް ހުރެވުނެވެ. ދެ ޚިޔާލެއްގައި ހުރެފައި ޔަޝްފީގެ ގާތަށް ދިއުމަށް އޭނަ މިސްރާބު ޖެހިއެވެ.

''ޔަޝްފީ...'' ރުހައިމް ގޮވާލިއެވެ. ރުހައިމްގެ އަޑަށް އިސްއުފުލައި ޔަޝްފީ ބަލައިލިއެވެ. އޭރު ރުހައިމް ހުރީ ޔަޝްފީގެ މޭޒު ކުރިމަތީ ހުއްޓިލައިގެންނެވެ. ކަންބޮޑުވުން ރުހައިމްގެ މޫނުގައި ވިއެވެ.

''ލަންޗަށް ނުދަނީތަ؟...'' ވެރިވެފައި އޮތް ހިމޭންކަމުގެ ސުކޫތަށް ފަހު ރުހައިމް ސުވާލުކޮށްލިއެވެ. ޔަޝްފީގެ ހާލު ބަލައިލަން އޭނަ ބޭނުންވިއެވެ. ނަމަވެސް ސީދާ އެސުވާލު ކުރާކަށް ނުކެރުނެވެ. ދުރުދުރުން ފެށީ ވެސް އެހެންވެއެވެ.

''އާނ، ކާހިތެއް ނުވޭ...'' ފަރުވާކުޑަ ރާގަކަށް ޔަޝްފީ ޖަވާބު ދިނެވެ. ރުހައިމްއަށް ސަމާލުކަން ދިނުމެއް ނެތި އޭނަ ބަލަން ފެށީ ކޮމްޕިއުޓަރުގެ މޮނީޓަރަށެވެ.

''ޔަޝްފީ...'' ރުހައިމްއަށް ގޮވާލެވުނެވެ. ޔަޝްފީގެ ނަފުސާނީ ދުޅަހެޔޮކަމާ މެދު ރުހައިމް ހުރީ ހަޤީޤަތުގައި ވެސް ފިކުރުބޮޑުވެފައެވެ. ދިމާވި ކަންތަކުގެ ނޭދެވޭ އަސަރުކޮށްފާނެ ގޮތެއް ލަފާކޮށްލަން ނޭނގޭތީއެވެ. ޔަޝްފީގެ އަމަލުތައް ވެސް ބަދަލުވެގެން ހިނގައިދާނެ ގޮތެއް ލަފާ ނުކުރެވޭތީއެވެ. އޭނަ ކަންބޮޑުވަނީ އެހެންވެއެވެ. ސިކުނޑިއަށް ނުކުޅާދާނަވާ ހިސާބަށް ގޮސްފިނަމަ ކަތި ފިޔަވަޅެއް އަޅާފާނެތީއެވެ. އޭނަގެ ސަބަބުން ޔަޝްފީގެ ދިރިއުޅުން ގޮސްފައި އޮތް ނާޒުކު ހާލަތު ހިނދުކޮޅަކަށް ވިޔަސް ސިކުނޑިން ކައްސާނުލައެވެ.

''ކިހިނެއްވީ؟... ރުހައިމްގެ ބޭނުމަކީ ކޮބާތަ؟ މިތަނަށް ތިއައީ ކީއްކުރަން؟، އަހަރެން ބޭނުމެއް ނޫން ވަޒީފާގެ ބޭނުމަކަށް ނޫނީ ރުހައިމާ ވާހަކަދައްކާކަށް ވެސް... ރުހައިމް ކުރި އާދޭސްތަކަށް ފަހު ވެދިޔަ ކަންތައް ސިއްރުކުރެވޭތޯ މިބަލަނީ، އަހަރެން ވެސް ބޭނުމެއް ނޫން އެކަންތައް އެއްވެސް މީހަކަށް އެނގޭކަށް...'' ނުރުހުންތެރިކަމާއެކު ޔަޝްފީ ވާހަކަދެއްކިއެވެ.

އެއްޗެއް ބުނަން ރުހައިމްގެ ތުންފަތް ހަރަކާތްކޮށްލުމަށްފަހުގައި ވެސް އިސްޖަހާލެވުނެވެ. އަދި ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޔަޝްފީގެ ރުޅިވެރިކަމަކީ ޖާއިޒު އެއްޗެއްކަން އޭނަ ގަބޫލުކުރެއެވެ. ވާހަކަދައްކަން ވެސް އުނދަގޫވަނީ އެހެންވެއެވެ. ކަންތައް ހައްލުކުރަން ބޭނުންވާނަމަ ވާހަކަ ދެކެވެން ޖެހޭނެކަން ވެސް އޭނަ ޤަބޫލުކުރެއެވެ. އެހެނަސް ވަގުތުގެ ނާޒުކުކަމުން އަމާން ދިނުމަށްފަހު ރުހައިމް އެތަނުން ދިޔަ އެވެ. ރަނގަޅު ދަނޑިވަޅެއް ބަލާފައި ޔަޝްފީއާ ވާހަކަދައްކަން ހިތުލަމުންނެވެ.

''ހީ ކެއާސް އެބައުޓް މީ، ވެލް ދެޓްސް އެ ސްޓާޓް...'' ފަސްދީ ރުހައިމް ހިނގައިގަތުމުން ޔަޝްފީ އިސްއުފުލައިލިއެވެ. އޭރު އެތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ރުހައިމްގެ ސަމާލުކަން އޭނައަށް ލިބިފައިވުމުން އެކަމާ އޭނަ ނިކަން ހިތްހަމަޖެހުނެވެ. އަބަދުވެސް ރުހައިމްގެ ސަމާލުކަން އޭނައަށް ހުއްޓެން ބޭނުން ވިއެވެ.

''އަޅޭ އަހަރެންގެ މީހަކަށް އަވަހަށް ރުހައިމް ވާނެނަމަ، އެ މޮޔަގަނޑާއެކު ރުހައިމް އެންމެ މިނެޓެއް ހޭދަކުރަން ވެސް އަހަރެން ބޭނުމެއް ނޫން، ދުވަސްތައް އަވަހަށް ދާނެނަމަ ކިހާ ރަނގަޅު، އޭރުން އަހަރެން ބޭނުންވާ ގޮތަށް ކަންތައް ރާވާލެވޭނެ، މިހާރު އަހަރެން ހިމޭނުން ހުންނާތީ ރުހައިމް އެހުންނަނީ ހިތްހަމަޖެހިގެން، އެކަމަކު އަހަރެން އިންތިޒާރުކުރާ ދުވަސް އައިސް ޖެހުމުން ހިމޭނުން ނުހުންނާނަން... އައިލް ޕްރެޝާރ ހިމް، މެނުޕުލޭޓް ހިމް.... ދެޓް ވިލް މޭކް ހިމް މޭކް މޯރ މިސްޓޭކް، އެއަށްފަހު އެމޮޔަގަނޑަށް ހުރިހާކަމެއް އަންގާނީ، އޭރުން އޭނައަށް ޝޮކެއް ލިބޭނެ... ހެހެހެ...'' ސައްލާކުރުމުގައި ޔަޝްފީ ވަގުތު ހޭދަކުރިއެވެ. ހިތުގެ މަންޒިލާ ހަމައަށް ވާސިލުވުމުގައި އެއްވެސް ހުރަހަކާ ކުރިމަތިލާން އޭނަ ބޭނުމެއް ނުވިއެވެ. ދުރާލާ ހުރިހާ ކަމަކާމެދު ވިސްނާލީ އެހެންވެ އެވެ. ވަގުތަކީ އޭނަގެ އެންމެ ގާތް މިތުރެވެ. ވަގުތާއެކު އޭނަގެ ހުވަފެންތަކުގައި ކުލަ ޖެހިގެންދާނެއެވެ.

*****

ދެ ހަފްތާ ފަސް......

ހަވީރުގެ ވަގުތެވެ. ޑިއުޓީ ނިންމާލާފައި ހޮސްޕިޓަލުން ނިކުންނަން ދިޔަ ނާލާއަށް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލެވުނީ ފެނުނު ސޫރައެއްގެ ސަބަބުންނެވެ. ޔަޤީންކޮށްލަން ފަސްއެނބުރި އޭނައަށް ބަލައިލެވުނެވެ.

''ކިހިނެއްވީ؟...'' ޝައިހާއަށް ސުވާލުކޮށްލެވުނެވެ. އޭނަ ވެސް ފަސްއެނބުރި ބަލައިލިއެވެ. ވަކި ހާއްސަ މީހަކު އޭނައަށް ފާހަގައެއް ނުކުރެވުނެވެ. ވަށައިގެން މުޅިންހެން ހޭލަމޭލަވަމުން ދިޔައީ ޑޮކްޓަރަށް ދައްކަން އައިސް ތިބި މީހުންނާއި، ބަލި މީހުނަށް ޒިޔާރަތްކުރަން އައިސް ތިބި މީހުންނެވެ.

''މަޑުކޮށްބަލަ...'' ނާލާ ބުނެލިއެވެ. މީހުންގަނޑުގެ ތެރެއަށް ސަމާލުވެލިއެވެ. ޑޮކްޓަރަށް ދައްކާ ކޮޓަރީގެ ބޭރުގައި ހުރި ގޮނޑިބަރިން ކުރެ ގޮނޑިއެއްގައި އިން ކުއްޖާއަށް އޭނަ ބަލައިލިއެވެ. ''ޔަޝްފީތަ އެއީ؟...''

''ކޮން ޔަޝްފީއެއް؟...'' ހައިރާންކަމާއެކު ޝައިހާއަށް ސުވާލުކޮށްލެވުނެވެ.

''ރުހައިމް އޮފީހުގަ އުޅޭ ކުއްޖެއް، މިހާރު ފެތުރިގެން މިއުޅޭ ރޯގާ ލައްވާލީހެން ހީވަނީ... އަންނާނަން ހާލު އޮޅުންފިލުވާލާފަ...''

ޔަޝްފީ ފެނުމުން ބަންދަލުކޮށްލަން ނާލާ ބޭނުން ވިއެވެ. އެހެންވުމުން އޭނަ ޔަޝްފީއަށް ގޮވާލިއެވެ.

ޔަޝްފީއަށް ނާލާގެ އަޑުއިވުނުހެން ހީވުމުން ފަސްއެނބުރި ބަލައިފިއެވެ. ޔަޝްފީއާއެކުގައި އިން ފިޒާޔާ ވެސް ފަސްއެނބުރިލިއެވެ.

ނާލާ ހިނގައިގަތީ ޔަޝްފީގެ ގާތަށް ދިއުމަށެވެ. ޝައިހާ ވެސް ޔަޝްފީގެ ފަހަތުން ހިނގައިގަތެވެ.

''އެދުވަހު އެއާޕޯޓުން ބައްދަލުވުމަށްފަހު އަދި ކިރިޔާދޯ ބައްދަލުމިވީ...'' ޔަޝްފީގެ ގާތަށް ހުއްޓިލަމުން ނާލާ ހިނިތުންވެލިއެވެ.

''ހޫމްމްމް، ވަރަށް ބިޒީކޮށް މިދުވަސްކޮޅު މި އުޅެނީ... ނާލާ ކިހިނެއްތަ؟'' ޔަޝްފީ ގަދަކަމުން ތުންފަތުގައި ހިނިތުންވުމެއް ކުރަހާލިއެވެ.

''އަހަރެން ރަނގަޅު... ޑޮކްޓަރަށް ދައްކަންތަ އައިސް ތިއުޅެނީ؟...'' ނާލާ ސުވާލުކޮށްލިއެވެ. ޔަޝްފީގެ ގާތުގައި އިން ފިޒާޔާއަށް ވެސް ނާލާ ހިނިތުންވެލިއެވެ.

''އާނ، ކުޑަކޮށް ބަލިވެ އުޅޭތީ މިއުޅެނީ...'' ޔަޝްފީ ޖަވާބު ދިނެވެ.

''މިއުޅޭ ރޯގާ ލައްވާލީދޯ...'' ނާލާ ބުންޏެވެ. ރައްދުދިނުމެއް ނެތި ހަމައެކަނި ޔަޝްފީ ހިނިތުންވެލީއެވެ. އިރުކޮޅެއް ވަންދެން ޔަޝްފީއާ ވާހަކަދައްކަން ނާލާ ހުއްޓާ ރުހައިމް ގުޅަން ފެށިއެވެ. ވާހަކަ ކުރުކޮށްލަން ނާލާއަށް ޖެހުނީ ދެނެވެ.

''ބޭސްކެއީމަ ވަރަށް ބޮޑަށް ލުއިވެގެން ދާނެ، ދެން ރެސްޓްކޮށްފަ ދިޔާ އެއްޗެހި ވެސް ގިނައިން ބުއީމަ އަވަހަށް ރަނގަޅު ވާނެ...'' ބަލީގެ ނިޝާންތައް ފަސޭހަ ވާނެ އިރުޝާދުތަކެއް ޔަޝްފީއަށް ދިނުމަށްފަހު ނާލާ އަވަސްވެގަތީ ދާށެވެ. ޔަޝްފީއަށް ބަލަން ހުރެފައި ޝައިހާ ވެސް ދާން ހިނގައިގަތެވެ. ޔަޝްފީގެ ފަރާތުން ކަމެއް ޝައިހާއަށް ފާހަގަ ވިއެވެ. ޔަޝްފީގެ ހިނިތުންވުންތަކުގެ ފަހަތުގައި ދެއްކުންތެރިކަން ފޮރުވިފައިވާހެން ހީވާތީއެވެ. ޔަޝްފީއާއި ނާލާއާ ދެމެދު އޮތް ގުޅުމާ މެދު ވެސް ސުވާލު އުފެދުނެވެ. އެސުވާލުތައް ކުރަން ޝައިހާ ހުރީ ހިތުލައިގެންނެވެ.

''ހުއް... މާ ހެޔޮ އެދޭ މީހަކަށް ވާން އެބައުޅެއެއްނު! ބޮޑު ފޫހިގަނޑެކޭ، ކޮންމެހެން ވިޔަސް ހޮސްޕިޓަލުން އޭނައާ ބައްދަލުވީމަ އަދި މާ ރަނގަޅަކަށްނު ކަންތައް މިވީ... ހެހެހެ...'' ނާލާއާއި ޝައިހާ ދިޔަ ދިމާއަށް ބަލަން ހުރި ޔަޝްފީ ތުންއަނބުރާލިއެވެ.

(ނުނިމޭ)