ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 6 މެއި 2021 ގައި ދިން ޓެރަރިސްޓް ހަމަލާގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ބަލައި، އެކުލަވައިލި ރިޕޯޓް ހޯދަން އާންމުންގެ މީހަކު ކޮމިޓީއަށް ހުށަހެޅި މައްސަލައިގެ ބަހުސް ސިއްރު ކޮށްފިއެވެ.
މި މައްސަލައާ ބެހޭގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ބައްދަލުވުން ސިއްރު ކުރެއްވުމަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ސިއްރު ކޮށްގެން ބޭއްވި ކޮމިޓީއަކުން ސިއްރު ކުރަން ފާސްކޮށްފައިވާ ބައިތަކެއް އެ ރިޕޯޓުގައި ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ބައިތަކާބެހޭގޮތުން ހުޅުވާލައިގެން ބަހުސް ކުރިއަށް ގެންދަން އުނދަގޫވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެކަމާބެހޭ މަސައްކަތްތައް ނިމެންދެން ކޮމިޓީ ބައްދަލުވުން ސިއްރު ކުރެއްވުމަށް ކޮމިޓީގެ ޕީޕީއެމްގެ މެންބަރު ގުރައިދޫ ދާއިރާގެ މުހައްމަދު ގައްސާން މައުމޫނު ހުށަހެޅުއްވިއެވެ. ތާއީދު ކުރެއްވީ ދަ ޑިމޮކްރެޓްސްގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ.
އެ ހުށަޅުން ފާސްވުމުން އެ ހުށަހެޅުމުގައިވާގޮތަށް ކޮމިޓީ ބައްދަލުވުމުން ސިއްރުކުރަން ކޮމިޓީގެ މުގައްރިރު ނިންމެވިއެވެ.
މީގެކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ، އާއްމު ފަރާތަކުން އެ ރިޕޯޓް ހޯދަން ހުށަހެޅީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. އަދި މީގެ ކުރިން ކޮމިޓީން ހާމަކުރީ އެ ރިޕޯޓުގައި ހިމެނޭ ބައެއް ކަންތައްތައް ކަމަށާއި އަނެއް ބައި ކަންތައްތަކަކީ ސިއްރު ކުރެވިފައިވާ ކަންތައްތައް ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ އެ ރިޕޯޓުގައި ހުރި ބައެއް މައުލޫމާތުތައް ސިއްރު ކުރަން ނިންމީ އެ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ދޭން އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތުތަކަކީ ސިއްރު މައުލޫމާތުތަކުގެ ގޮތުގައި ބާއްވަން ހުށަހަޅުއްވާ ކަަމަށްވެސް ވިދާޅުވިއެވެ.
ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގައި އެ މަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި އިރު، ފުރާނަފުޅު ސަލާމަތްވެވަޑައިގަތީ ހަނިގޮތަކަށެވެ. އެ ހަމަލާއާ ގުޅުންހުރި ފަރާތްތައް ކަމަށް ތަހުގީގުތަކުން ދައްކާ ފަރާތްތަކަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. އޭގެ ތެރެއިން އެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދުގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއްކޮށްފައެވެ. ދެން ތިބި ހަތް މީހުންގެ ޝަރީއަތްވެސް ކުރިއަށް އެބަދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު