ރާއްޖެއަށް ބޭނުންވާ ބޭސް ގެނައުމާ ގުޅޭ އެއްބަސްވުމެއްގައި މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މ. ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވަނީ، ރާއްޖެއަށް ގޭނުންވާ ބޭހާއި އެއާގުޅޭ އެކިއެކި ސަޕްލައި ފޯރުކޮށްދިނުމަށް ހާއްސަ އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ ޓެމިލްނާޑޫގެ ކުންފުންޏަކާއެކު އެއްބަސްވުމެއް ގާއިމުކުރުުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށްގެންދާކަން އިންތިގާލީ ކޮމިޓީތަކަށް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެހެންވެ އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް ކުރިއަށް ނުގެންދެވުމަށް މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެސްޓީއޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން އެ ކުންފުންޏަށް އަންގާފައިވެސް ނުވާ ކަމަށެވެ. އަދި އެ ހަބަރު ޖެހުމުގެ ކުރިން އެއްވެސް ފަރާތަކުން އެސްޓީއޯގެ ބަހެއް ހޯދާފައިނުވާ ކަމަށްވެސް ބުންޏެވެ.