ރާއްޖެއަށް ބޭނުންވާ ބޭހާ ގުޅޭ ސާމާނު ގެންނަން އިންޑިއާގެ ކުންފުންޏަކާއެކު ހަދަން އުޅޭ އެގްރީމެންޓް ނުހެދުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެއެވެ.

މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ، ރާއްޖެއަށް ގޭނުންވާ ބޭހާއި އެއާގުޅޭ އެކިއެކި ސަޕްލައި ފޯރުކޮށްދިނުމަށް ހާއްސަ އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ ޓެމިލްނާޑޫގެ ކުންފުންޏަކާއެކު އެއްބަސްވުމެއް ގާއިމުކުރުުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށްގެންދާކަން އިންތިގާލީ ކޮމިޓީތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާހަގަވެފައިވާ ކަމަށެވެ.

އެކަމަކީ ދިވެހިންގެ އަސާސީ ހިދުމަތްތަަކާ ގުޅޭ މުހިންމު އަދި ހައްސާސް ކަމެއް ކަމަށް އިންތިގާލީ ރައީސް ދެކެވަޑައިގަންނަވާތީ، މި މަރުހަލާގައި އެފަދަ މަސައްކަތެއް ބާރަށް ކުރިއަށް ގެންދިއުމަކީ ކަނބޮޑުވެވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރައްވައި އެ މަސައްކަތް ކުރިއަށް ނުގެންދެވުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވަނީ މި އަހަރުގެ ފަހު ހަ މަސް ދުވަހަށް ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނަށް އޯޑަރުކޮށްފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ސިއްހީ ދާއިރާގައި އަމަލުކުރަމުން އަންނަ ގޮތަކީ ކޮންމެ އަހަރަކު ދެ ފަހަރު ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެއްޗަށް އޯޑަރު ދިނުން ކަމަށެވެ.

"އެހެންނަމަވެސް މި އަހަރުގެ މިހާތަނަށް އައިއިރުވެސް މި އަހަރުގެ ދެވަނަ ހަ މަސް ދުވަހަށް ބޭނުންވާ ސާމާނަށް ޕީއޯ ރެއިސްކޮށްފައެއް ނުވޭ ނުވަތަ އޯޑަރުކޮށްފައެއް ނުވޭ،" ފިރުޒިލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، އެކަމުގެ ސަބަބުން ހޮސްޕިޓަލްތަކުންނާއި ހެލްތު ސެންޓަރުތަކުން ހިދުމަތްތައް ދެމުން އަންނަނީ އިމަޖެންސީ ސްޓޮކްގެ ތެރެއިން މިހާރު ލިބެން ހުރި، ތަކެތި ބޭނުންކޮށްގެން ކަމަށެވެ.