ރާއްޖެ އިން ފަލަސްތީނަށް ތާއީދުކޮށް، ދިވެހިން ތިބީ އެ ގައުމާ އެކު ކަމަށް ހާމަކުރަމުން އަންނާތީ، އިޒްރޭލުގެ މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން އަންގައި، އިންޒާރުގެ މެސެޖެއް އިއްޔެ ނެރެފި އެވެ.

އިސްރޭލުގެ ފޮރިން މިނިސްޓްރީން ރޭ ދަންވަރު ނެރެފައިފައިވާ އެޑްވައިޒަރީއެއްގައި ވަނީ ރާއްޖޭގެ މާހައުލު މިހާރު އޮތީ އިސްރާއީލާ ވަރަށް ބޮޑަށް ދެކޮޅަށް ކަމަށެވެ.

އެހެންކަމުން، އެ މިނިސްޓްރީން މިދުވަސްވަރު އިޒްރޭލު މީހުން ރާއްޖެއަށް ދަތުރު ނުކުރުމަށް އަންގައިފައެވެ.

އެ ބަޔާން ވަނީ އިޒްރޭލުގެ ނޫހެއް ކަމަށްވާ އަރުޓްސް ޝެވާ ނުވަތަ އިޒްރޭލް ނޭޝަނަލް ނިއުސް އިން ރިޕޯޓްކޮށްފައެވެ.

އިޒްރޭލުގެ މީހުން ރާއްޖެ އަށް ދަތުރު ނުކުރުމަށް އެ ގައުމުގެ ސަރުކާރުން އެންގި އިރު، އިޒްރޭޅުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، ރާއްޖެއިން ދަނީ އަޑު އުފުލަމުންނެވެ.

އެގޮތުން ރާއްޖޭގެ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަ ކުރުމަށް މިދިޔަ ހުކުރު ދުވަހު ވަނީ އާޓިފިޝަލް ބީޗް ސަރަހައްދަށް އެއްވެ ޝުއޫރު ފާޅުކޮށްފައެވެ. އަދި އެދުވަހު ވަނީ ސައިކަލު ބުރެއްވެސް ބާއްވައިފައެވެ. ރާއްޖޭގެ އެކި ކަންކަޅު ތަކުގައި ވަނީ ހިންގާލުންތައް ވެސް ބާއްވައިފައެވެ.

ދިވެހިން އަންނަނީ ފަލަސްތީނުގެ މީހުންނަށް އެހީވުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން ފައިސާ ހޯދުމަށް ތެލަތޮން އާއި އިތުރު އެހެން ހަރަކާތްތައްވެސް އަންނަނީ ބާއްވަމުންނެވެ.

ދިވެހި ސަރުކާރުން އަބަދުވެސް އަންނަނީ ފަލަސްތީނުގެ މީހުންގެ ދިފާއުގައި އަޑު އުފުލަމުންނެވެ. އަދި ބައިނަލްއަގްވާމީ މައިދާނުތަކުގައި ވެސް އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ދަނީ ގޮވާލަމުންނެވެ.