''ނޫން!...'' އަތުގައި އޮތް ފޯނުން ހުޅުވާފައިވާ ކަލަންޑަރަށް ބަލަން އިނދެފައި ޔަޝްފީ ހިނިތުންވެލިއެވެ. ކަލަންޑަރުގައި ވަކި ތާރީޚެއް އޭނަ އޮތީ ފާހަގަ ކޮށްފައެވެ. އޭނާ އިންތިޒާރު ކުރަމުން އެދަނީ އެ ދުވަހަކަށެވެ.
ޔަޝްފީއަށް ބަލަން އިރުކޮޅެއް ވަންދެން ފިޒާޔާ އިނެވެ. ޔަޝްފީގެ ރޭވުން ލަފާކޮށްލަން އުނދަގޫ ކަމަކަށް ވެފައިވާތީއެވެ. ކަންފަތަށް އަޑު އިވުނު ވާހަތަކުން ލިބުނު ޝޮކު ވެސް ފިލައިގެން ދާ ގޮތެއް ނުވިއެވެ. ޔަޝްފީގެ ރޭވުންތެރިކަމާއި މަކަރުވެރިކަމާމެދު އޭނަ ހުރީ އަންތަރީސް ވެފައެވެ. ރުހައިމް ފަދަ ތޫނުފިލި މީހަކު ޔަޝްފީގެ ދަންތުރައިގައި ހައްޔަރުވާނީ ވަރަށް ވެސް މޮޅުވީމައެވެ. އަމާޒު ހިފައިފިކަމެއް ކާމިޔާބުކޮށްފައި މެނުވީ ހުއްޓާ ނުލާނެކަން ވެސް އެވަނީ ސާބިތުކޮށްދީފައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ޔަޝްފީ ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކުން ވެސް ފިޒާޔާ ހުރީ ކޮސްވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.
''ދެން ކޮން ވާހަކައެއްތަ ނާލާ ގާތު ދައްކަންވީ؟... ނާލާ އަހަރެން ދައްކާ ވާހަކަ ޤަބޫލުނުކޮށްފިއްޔާ ވާނީ ކިހިނެއް؟ ޔަޝްއަށް ޝައްކު ކޮށްފިއްޔާ ވާނީ ކިހިނެއް؟...'' ހިތުގައި އުތުރިއަރައިގެން ދިޔަ ސުވާލުތަކުގެ ޖަވާބު ހޯދަން ފިޒާޔާ އަވަސްވެގަތެވެ. ޔަޝްފީއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުގެ ކުރިން ހުރިހާ ކަމެއް އެނގެން އޭނާ ބޭނުންވިއެވެ. ކަންތައް ގޯހުން ގޯހަށް ގޮސްފިނަމަ ސަލާމަތް ވެވޭނީ އޭރުންނެވެ. އެކަމުގެ އިންޒާރު ވެސް ޔަޝްފީ އަށް ދިނެވެ. އެއާއެކު ހުރުހުންތެރިކަމުގެ ނަޒަރެއް ފިޒާޔާ އަށް ޔަޝްފީ ދިނެވެ. އޭނާގެ ރޭވުންތެރިކަމާމެދު މީހަކު ސުވާލު އުފެއްދުމުން އެކަން ހަޖަމުކުރަން އުނދަގޫ ކަމަކަށް ވީއެވެ.
''ޔަޝް ރުޅިއައީތަ؟... ސޮރީ، އެހެން ބުނި އެއްޗެއް ނޫން، ބެކްއަޕް ޕްލޭނެއް ވެސް އޮތްނަން ވާނެއެއްނު...'' ފިޒާޔާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ޔަޝްފީގެ ރުޅިވެރިކަމާ ކުރިމަތިލާން އޭނަ ޖެހިލުން ވިއެވެ.
''ފިޒާ ހީކުރީ އަހަރެން އެކަންތަކާ މެދު ނުވިސްނަނީ ކަމަށްތަ؟، މި ހުރިހާ ދުވަހު އެ ނާލާއާ އެކުވެރިކަން ބަދަހި ކުރީ ސަބަބެއް އޮތީމައޭ، އޭނަ ދެކޭ ގޮތުގައި އަހަންނަނީ ވަރަށް ރަނގަޅު މީހެއް، އަނެއް ކޮޅުން ރުހައިމް ޤަބޫލު ކުރަނީ އޭނަގެ ކުށް އޮތް ކަމަށް، ހުރިހާ ކަމެއް ހާމަވީމަ ނާލާއަށް އެކަންތައް ވިސްނައިގަންނަން އުނދަގޫވާނެ، އޭނައަށް ލިބޭނީ ޝޮކެއް، އެޝޮކުގެ ބޭނުން އަހަންނަށް ހިފޭނެ... ފުރުސަތުގެ ބޭނުން ހިފައި ރުހައިމްއާ މެދު އޭނަގެ ހިތުގައި ޝައްކު އުފެއްދޭނެ، އޭރުން އޭނަ ރުހައިމްއަށް ކުރާ އިތުބާރު ގެއްލިގެންދާނެ، އޭނާއަކީ ތާކު ހުރި ބޮޑު ގަމާރެއް، އިމޯޝަނަލް މީހެއް... އަހަރުމެން ދެއްކިހާ ވާހަކައެއް އޭނަ ޤަބޫލުކުރާނެ، އަސްލު އެކަހަލަ މީހުންގެ ފައިދާ ނަގަން ނިކަން ފަސޭހަ ވާނެ... ހެހެހެ...''
ވާހަކަ ދައްކަމުން ގޮސް ބާރަށް ޔަޝްފީ ހޭންފެށިއެވެ. މީހުންގެ މައުސޫމް ކަމާއި ހިތްހެޔޮކަމުގެ ފައިދާ ނެގުމަކީ ޔަޝްފީއަށް އުނދަގޫ ކަމަކަށް ނުވެއެވެ. އޭނާ ދެކެނީ އެއީ ފަހުރެއް ކަމުގައެވެ. ތިމާ ބޭނުންވާ ކަންތައް ހާސިލު ކުރަން އިންސާނިއްޔަތުކަމުގެ އިންފަހަނައަޅައި ދާން ޖެހުނަށް އޭނައަށް ފަރުވާލެއް ނެތެވެ. ތިމާގެ ސަބަބުން މީހެއްގެ ދިރިއުޅުން ބަރުބާދު ވެގެން ދިޔަޔަސް އޭނައަށް ހެވެވެ. އެއްވެސް މީހެއްގެ އިހުސާސްތަކާމެދު އެއްވެސް އިރެއްގައި އޭނަ ވިސްނާފައި ނެތެވެ. ވިސްނާކަށް ވެސް ބެނުމެއް ނުވެއެވެ. އޭނަގެ މުހުތާދު ހާސިލުވަނިކޮށް އެނިމުނީއެވެ. އެކަމުގެ ސަބަބުން ދިރިއުޅުންތައް ނަގާލެވުނަސް މައްސަލައެއް ނެތެވެ. އެއީ ޔަޝްފީ މިވީހާ ތަނަށް ދިރިއުޅެމުން އައި ގޮތެވެ. އަމިއްލަ އެދުމުގެ ސިފަތައް ދުވަހަކު ބަދަލެއް ނުވާނެއެވެ.
ހެމުން ދިޔަ ޔަޝްފީއަށް ބަލަން ފިޒާޔާ އިނެވެ. ޔަޝްފީއަށް އެއައި ކުއްލި ބަދަލުން އޭނަ ހައިރާނެއް ނުވިއެވެ. އެފަދަ އެތައް ބަދަލަކާއި ކުލަތައް ފެނިފައިވާތީއެވެ. ބައެއް ފަހަރު ޔަޝްފީގެ ނަފުސާނީ މައްސަލައެއް އުޅޭހެން ވެސް އޭނާއަށް ހީވެއެވެ. ލޮލަށް ކިތަންމެ މަންޒަރެއް ފެނުނަސް ނުފެންނަ ކަމަށް ހަދަނީ ޔަޝްފީއާއެކު އޮތްނަ އެކުވެރިކަމުން އޭނައަށް މަންފާތަކެއް ލިބޭތީއެވެ. އަދި ޔަޝްފީދެކެ އެހިތުގައި އޮތްނަ ބިރުވެރިކަމުގެ ސަބަބުން ވެސް މެއެވެ. ނޫނެކޭ ބުނެ ޔަޝްފީގެ ހުށަހެޅުމަކަށް އިންކާރުކޮށްފިނަމަ ބޮޑު ހައިޖާންގަނޑަކާ ވެސް ކުރިމަތިލާން ޖެހޭނެތީއެވެ. އެ ހުރިހާ ކަމަކަށް ވިސްނުމަށް ފަހު އަދި އޭނަގެ ހަމަޖެހުމަށްޓަކައި ވެސް ޔަޝްފީގެ ރޭވުންތަކަށް އެއްބާރުލުން ދިނުން އިތުރު ގޮތެއް ނެތޭ ފިޒާޔާގެ ހިތަށް އެރިއެވެ.
*****
''ރުހައިމް!...'' ފާހާނާގައި ރުހައިމް ގިނައިރުވާން ފެށުމުން ނާލާ ގޮސް ފާހާނާގެ ދޮރުގައި ޓަކި ދިނެވެ. ''މަންމަމެން އެބަތިބި ރުހައިމްއަށް ލަސްވެގެން ރޭގަނޑުގެ ކެއުން ނުފެށިފައި، އަނެއްކާ ފާޚަނާގައި ނިދަނީތަ؟...''
ނާލާގެ އަޑަށް ފެންމާގަނޑުގެ ދަށުގައި ހުރި ރުހައިމް ދިޔައީ ސިއްސައިގެންނެވެ. ޚިޔާލުތަކުގެ ވާފަށް ކަނޑައިގެން ގޮސް ހަގީގީ ދުނިޔެއަށް އޭނައަށް ލޯހުޅުވާލެވުނީ ދެނެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ރުހައިމް ފުން ނޭވާއެއް ދޫކޮށްލިއެވެ. ފެންމާގަނޑުން އޮހޮރެމުން ދިޔަ ފެނުގެ ފިނިކަން ވެސް ހަށިގަނޑަށް އިހުސާސްކުރެވުނީ ދެނެވެ. އަވަސް އަވަހަށް ފެންމާގަނޑަށް ބާރުކޮށްލެވުނެވެ.
މަންމަ އާއި ބައްޕައާ ކުރިމަތިނުލާ އޭނާއަށް ނުހުރެވޭނެކަން ރުހައިމްއަށް ވިސްނައިގަނެވުނެވެ. ހަގީގަތުގައި އޭނާ ހުރީ މަންމަ އާއި ކުރިމަތިލާން ފަސްޖެހިފައެވެ. މަންމަ ދިން ރަނގަޅު ތަރުބިއްޔަތުގައި ނުހިފުމުން އެކަމުގެ އުދާސްކަން ހިތުގައިވާތީ އެވެ. މަންމަގެ ކަންފަތާ ހަމައަށް ވާހަކަތައް ފެތުރިއްޖެނަމަ ވެދާނެ ގޮތަކާމެދު އޭނާ ބިރުގަތެވެ. އޭނަގެ ސަބަބުން، އޭނާ ލޯބިވާ ހުރިހާ ފަރާތެއް ވެސް ހިތާމަޔާއި އުދާސް ކަމަށް ހުށަހެޅިފައިވުމުން ރުހައިމް ހުރީ މާޔޫސްވެފައެވެ. އުދާސްކަން ހިތަށް ލިބުނަސް މީހާ އިތުރަށް ބަލިކަށިވަނީ ޚިޔާރުކުރަން ޖެހިފައި އޮތް ނިންމުންތަކުގެ ސަބަބުންނެވެ. އޭރުން ކަންތައް ވެދާނެ ގޮތަކާމެދު އެހިތް ވަނީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ނާލާއަށް ލިބޭނެ ކުއްލި ސިހުމާއި ހިތާމަތަކާއި މެދުގައި ވެސް ފިކުރު ހިންގާލެވުނެވެ. ޚިޔާލުތައް ވަނީ އޮޅުން ބޮޅުންގަނޑެއްގެ ތެރޭގައެވެ. ރަނގަޅު ނިންމުމަކާ ހަމައަށް މިސްރާބުޖެހޭ ގޮތެއް ނުވެއެވެ.
''އެއްވެސް މީހަކަށް ހަގީގަތް އެނގެން ބޭނުމެއް ނޫން..... އަހަރެން މިކަންތައް ސިއްރުކުރާނަން، އެންމެންގެ ހަމަޖެހުމަށްޓަކައި ވެސް އެކަން ކުރަން އެބަޖެހޭ... އަހަރެންގެ ނިންމުންތައް ނާލާއަށް ނޭނގޭނެ ފަދައިން ވެސް ކުރިއަށް ގެންދެވިދާނެ، ސިއްރުން ހުރިހާ ކަމެއް ކުރަން މިޖެހެނީ...'' ރުހައިމް އަށް އޭނާގެ ޒަމީރާ މަޝްވަރާ ކޮށްލެވުނެވެ. އާއިލާގެ އެއްވެސް މީހަކަށް ހިލަމެއްވުމުގެ ފުރުސަތު ދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އެންމެން އަނދިރީގައި ބެހެއްޓުމަކީ ރަނގަޅު ނިންމުމެއް ނޫންކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެނޫން އިތުރު ގޮތެއް ނެތެވެ. ހިތާމަތަކުގެ ސިލްސިލާއިން ލޯބިވާ ފަރާތްތަކަށް ހިމާޔަތް ދެވެން އޮތް ހަމައެކަނި ގޮތަކީ އެއީއެވެ.
''ރުހައިމް؟...'' ރުހައިމްގެ ޖަވާބެއް ނުލިބުމުން ނާލާ ގޮވާލިއެވެ. އޭނާގެ އަޑުގައި ކަންބޮޑުވުން އެކުލެވިފައިވި އެވެ.
''މި ނިކުންނަނީ...'' ރުހައިމް ބުންޏެވެ.
''އަވަސްކުރައްޗޭ...'' ރުހައިމްގެ އަޑު އިވުމުން ނާލާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ދެން މިސްރާބު ޖެހީ ކާގެއަށް ދިއުމަށެވެ. ރުހައިމް އަންނަން ވާއިރަށް ކާން ތައްޔާރުކޮށްލާށެވެ.
*****
''އަދިވެސް އާދެވޭ ވަރެއް ނުވޭތަ؟، އަނެއްކާ މާބޮޑަށް ވަރުބަލިވީތަ؟... މަންމައަށް ރުހައިމް ފެނުމުން ވެސް ހީވިޔޭ ވަރުބަލިވެފަ ހުރިހެން... މިހާރު ހުންނާނީ ނިދަން ބޭނުންވެފައި... އެކަމަކު ރޭގަނޑު ނުކައި ނިދުން ވެސް ރަނގަޅެއް ނުވާނެ ވިއްޔާ...'' ކާކޮޓަރިއަށް އައިސް ވަން ނާލާ ފެނުމުން ސަކީނާ ވާހަކަދެއްކިއެވެ.
''އެހާ ދިގު ދަތުރެއްކޮށްފަ އައީމަ ވަރުބަލިވެސް ވާނެތާ، އަހަރުމެން ކާން ފަށަމާ، އެސޮރު އަންނާނެ އެއްނު...'' ފާރޫގު ބުންޏެވެ. ސަކީނާ ވެސް އިތުރަށް މަޑުކުރުމެއް ނެތި ކެއުން ފެށިއެވެ. ނާލާ އިނީ ރުހައިމް އަންނާނެ އިރަކަށް އިންތިޒާރުކޮށްގެންނެވެ. ރުހައިމްއާ ބައްދަލުވީއްސުރެން، ރުހައިމް އަށް އައިސްފައިވި ހައިރާން ކުރުވަނިވި ބަދަލުތަކާ މެދު ނާލާއަށް ފިކުރު ހިންގާލެވުނީ ދެނެވެ. މުޅިން ތަފާތު މީހެއް ފެންނަމުންދާ ކަހަލައެވެ. ވިސްނުންތަކުގެ ތެރެއަށް ގެއްލިފައި އިންދާ ކާ ކޮޓަރިއަށް ވަދެގެން އައި ރުހައިމް ނާލާއަށް ފެނުނެވެ. ރުހައިމް ފެންނައިރަށް ނާލާ ފުޅާ ހިނިތުންވުމެއް ދިނެވެ. ރައްދުގައި ރުހައިމް ކުޑަކޮށް ހިނިތުންވެލިޔަސް އުފާވެރިކަމެއް އެހިނިތުންވުމުގައި ނުވެއެވެ. ނާލާއަށް އެކަން ފާހަގަކުރެވުނެވެ. އެހެންޏާ ދަތްތައް ފެންނަ ވަރަށް ހީލާ ރުހައިމް އޭނާއަށް މިފަހަރު ހިނިތުންވެލީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. ރުހައިމްއާ މެދު ފުންކޮށް ވިސްނާލަން ނާލާއަށް މަޖުބޫރު ވިއެވެ.
ނާލާއަށް އޭނަގެ ސިކުނޑި ހުޅުވާލެވުނެވެ. ރުހައިމް އަށް ކޮންމެ ވެސް ކަމެއް ވެއްޖެޔޭ އޭނާގެ ހިތަށް އެރި އެވެ. ރުހައިމް އާއި ބައްދަލުވުމުން ލިބުނު އުފާވެރިކަމުން އެބަދަލުތައް ފާހަގަނުވިޔަސް މިހާރު އޭނާއަށް ފެންނަން ފަށައިފިއެވެ. ހިތުގައި ސުވާލު އުފެދުނީ އެހެންވެއެވެ. ކާރުގައި ވެސް ރުހައިމް އިނީ ނެގިމަޑުވެފައެވެ. ގެއަށް އާދެވުމުން ބެލީ ވީހާ ވެސް އަވަހަކަށް ކޮޓަރިއަށް ދެވޭތޯއެވެ. މަންމަ އާއި ބައްޕައާ ގިނަ ވާހަކައެއް ވެސް ނުދެއްކިއެވެ. ހަތަރުކަޅި ހަމަކުރަން ވެސް ހުރީ އުނދަގޫ ވެފައެވެ. ފާޚާނާގައި ވެސް ގިނައިރުވުމުން އެކަމާ މެދު ވިސްނުން ހިންގާލެވުނެވެ.
ބޮޑު ފިކުރަކަށް ރުހައިމް ގެއްލިފައިވާހެން ނާލާއަށް ހީވާން ފެށިއެވެ. ކަންބޮޑުވުން އުފެދުނީ އެހެންވެއެވެ.
''ރުހައިމް ހަމަ ވަރުބަލީތަ؟...'' ނާލާއަށް އޭނަގެ ހިތާ ސުވާލުކޮށްލެވުނެވެ. އޭނަ ބަލަން އިންދާ ރުހައިމް އައިސް ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ޚިޔާލުތަކާ ދުރުވެލަމުން ރުހައިމްއަށް ދޭން ޖޫސްތަށްޓެއް ނާލާ ތައްޔާރުކޮށްލަ ދިނެވެ.
ރޭގަނޑުގެ ކެއުން ކުރިއަށް ގޮސް ނިމެންދެން ރުހައިމްއަށް ނާލާ ބެލިއެވެ. މޫނުމަތި މިލާފައި ހުރިކަން ވެސް ލޮލުގައި އަޅައިގަތެވެ. މޮޅިވެރިކަން ރުހައިމްގެ ދެލޮލުން ނާލާއަށް ފެނުނެވެ. އެތައް އަހަރެއް ވަންދެން އެކުގައި އުޅެވިފައި ވުމުން ރުހައިމްއަށް ކިތަންމެ ކުޑަ ބަދަލެއް އަޔަސް އޭނާއަށް ސިއްރެއް ނުވާނެޔޭ ނާލާގެ ހިތަށް އެރިއެވެ. ހިތުގެ ސުވާލުތަކުގެ ޖަވާބު ހޯދަން ރުހައިމްއާ ސުވާލު ކުރަން ނާލާ ގަސްދުކުރިއެވެ. އޭނާގެ ހިތަށް ހަމަޖެހުން ލިބުމަށް އެދެވޭތީ އެވެ. ރުހައިމް ފިކުރުބޮޑުވެފައިވާނަމަ އެކަމަށް ހައްލެއް ހޯދައިދޭން ވެސް ބޭނުންވާތީ އެވެ.
އެންމެ ފުރަތަމަ ކާމޭޒު ދޫކޮށް ދިޔައީ ރުހައިމް އެވެ. ތަށިތައް ނެގުމަށާއި ރިހަ ފަދަ އެއްޗެހި ހޫނު ކުރަން ސަކީނާއަށް އަތްގާތްކޮށްލަ ދިނުމަށްފަހު ނާލާއަށް ކޮޓަރިއާ ހަމައަށް ދެވުނީ އިރުކޮޅެއް ފަހުންނެވެ.
*****
ނާލާ ކޮޓަރިއަށް ވަންއިރު ކޮޓަރި އޮތީ ހުހަށެވެ. ބެލްކަނީގެ ދޮރު ހުޅުވާލާފައި ހުރި ތަން ފެނުމުން އޭނާ ގޮސް ބެލްކަނީގެ ދޮރު ކުރިމައްޗަށް ހުއްޓުނެވެ. އޭރު ރުހައިމް ހުރީ ރެއިލިންގައި އަތް އަޅުވާލައިގެންވެ. ރުހައިމްއަށް ބަލަން ހުރެފައި ނާލާ ކުރިއަށް ޖެހިލިއެވެ.
''ކީއްވެ މިތަނުގައި ތިހިރީ؟، އަހަރެން ހީކުރީ ރުހައިމް ބޭނުންވާނީ ރެސްޓްކޮށްލަން ކަމަށް...'' ފަހަތުން ގޮސް ރުހައިމްގެ ގައިގައި ބައްދާލަމުން ނާލާ ބުންޏެވެ.
''ނާލާ އަންނަން ދެން މަޑުކޮށްލައިގެން ހުރީ...'' އޭނާގެ ބަނޑުގައި ވަށާލެވިފައިވި ނާލާގެ އަތުގައި ހިފާލަމުން ރުހައިމް ވާހަކަދެއްކިއެވެ. ނާލާގެ ބީހުމުން ހިތަށް ތަދުވިޔަސް ދުރަށް ދާން ރުހައިމް ފަސްޖެހުނެވެ. ނާލާގެ ހިތުގައި ސުވާލު އުފެދިދާނެތީއެވެ. ނާލާދެކެ އޭނާވާ ލޯބި ސަޒާއަކަށް ވެދާނެޔެކޭ ދުވަހަކު ވެސް ރުހައިމް ހީކޮށްފައި ނުވެއެވެ. ނަމަވެސް ދިރިއުޅުމަށް އައި ހީނަރު ކަމުން އޭނާގެ އުފާވެރި ހަޔާތް އެދަނީ ނާއުންމީދުގެ ގަދަ ކަނޑުގައި އޮޔާ ބެހެމުންނެވެ. ގިލަންވެރިކަމުގެ ބިޔަ ރާޅުތައް އައިސް އޭނާ ގަންބާލަފާނެހެން ހީވަނީ ހަގީގަތް އެނގުމުން ނާލާގެ ހިތުގައި އޭނައަށްޓަކައިވާ ލޯބި ނަފުރަތަށް ބަދަލުވެދާނެތީއެވެ. އަމިއްލަ ނަފުސު ދިފާއު ކުރަންވީ ގޮތެއް ވެސް އޭނައަކަށް ނޭނގެއެވެ. ކުށްވެރިކަމުގެ އިހުސާސްތަކުގައި މުޅި ނަފުސު ވަނީ ގައިދުވެފައެވެ.
''ރުހައިމް...'' އިރުކޮޅެއްގެ ހިމޭން ކަމަކަށް ފަހު ނާލާ ގޮވާލިއެވެ. ރުހައިމްއާ ގާތަށް އާދެވުމުން ނާލާގެ ހިތަށް ފިނިކަމެއް ލިބުނަސް ހިތުގައި އުފެދިފައިވި ސުވާލުތަކުގެ ޖަވާބު އޭނަ ބޭނުންވި އެވެ. ރުހައިމްއަށް އެހީތެރިކަމުގެ އަތެއް ދިކޮށްލަން ބޭނުންވާތީ އެވެ.
''ހޫމްމްމް...'' ރުހައިމް ބުންޏެވެ. އަދި ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
''އަހަންނާ ކޮންމެ ވާހަކައެއް ހިއްސާކުރިޔަސް އަހަރެން އަޑުއަހާނަން އިނގޭ...'' ނާލާ ބުނެލިއެވެ.
''ކީއްވެ ތިހެން ތިބުނީ؟...'' ރުހައިމްގެ ހިތް ތެޅިލިއެވެ. ނާލާގެ ޖުމުލައިން ނުތަނަވަސްކަން ނަފުސަށް ލިބުނެވެ.
''ރުހައިމް ކަމަކާމެދު ފިކުރުބޮޑުވެފައިވާހެން އަހަންނަށް ހީވަނީ...'' ނާލާ ބުންޏެވެ.
''ހެހެހެ، ތީ ނާލާއަށް ހީވާ ގޮތް... އެކޮޅުގަ މާ ބޮޑަށް ބިޒީކޮށް އުޅެފަ އަނެއްކާ ކުއްލިޔަކަށް ޔަޝްފީ ބަލިވެ އެކަންތަކުގަ އުޅެން ޖެހުނީމަ އަސްލު މާބޮޑަށް ސްޓްރެސް ވެފަ ހުރީ... އެކަމަކު މިހާރު ރަނގަޅު، ނާލާގެ ގާތަށް އާދެވުނީމަ ހުރިހާ ކަމެއް ވެސް ރަނގަޅުވެއްޖެ... ޔޫ އާ މައި ހެޕީ ޕްލޭސް...'' އޭނާއަށް ބަދަލުތަކެއް އައިސްފިކަން ނާލާއަށް ފާހަގަވެއްޖެކަން ރުހައިމްއަށް ނަގައިގަނެވުނެވެ. އެއާއެކު ކުރިން އުޅުނު ފަދައިން އަމަލުތައް ބެހެއްޓުމަށް ރުހައިމް ސަމާލުވެލިއެވެ. ނާލާގެ ހިތުގައި ޝައްކުތައް އުފެދެން ބޭނުން ނުވާތީއެވެ. ވާހަކަދެއްކުމުގެ ރާގު ވެސް ބަދަލުކޮށްލީ އެހެންވެއެވެ.
''އެހެންތަ؟...'' ޔަގީންކޮށްލަން ނާލާ ސުވާލުކޮށްލިއެވެ.
''ހޫމްމްމް....'' ލުއި ހުނުމަކާއެކު ރުހައިމް ބުނެލިއެވެ. ރުހައިމް ދިން ޔަގީންކަމާއެކު ނާލާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ހިތުގައިވި ސުވާލުތަކަށް ޖަވާބު ލިބުނެވެ. ރުހައިމްއަށް ކުރާ އިތުބާރުގެ ސަބަބުން ރުހައިމްގެ ވާހަކަތައް ނާލާ ގަބޫލުކުރިއެވެ. ދޮގުވެރިކަމެއް ނުވާނެކަމުގެ ޔަގީންކަން ހިތުގައި އޮތީތީއެވެ.
''ބުނީމެއްނު އަހަންނަށް ދޭން ގިފްޓެއް ގެނައި ވާހަކަ... ގިފްޓް ކޮބާތަ؟...'' ނާލާ ސުވާލުކޮށްލިއެވެ.
ނާލާގެ ސުވާލުން ރުހައިމްގެ ހިތުގައި ތޫނު ރިހުމެއް އުފެދުނެވެ. އެ ހަދިޔާ ނާލާއަށް ދޭން އޭނާ ގަތީ ހާދަ ފޮނި އުއްމީދު ތަކައެކުގައެވެ. އެދެމެދުގައި އޮތް ލޯބި ބަދަހިކުރުމުގެ ނިޔަތުގައެވެ. ނަމަވެސް މިއަދު މަންޒަރު އެވަނީ ބަދަލުވެފައެވެ. އޭނާއަށް ކުރެވުނު ކަމެއްގެ ސަބަބުން ނާލާގެ އުފާވެރިކަމަށް އޮތް އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ ވެސް ހުދު އޭނާ އެވެ. ނާލާއާ ކުރިމަތިލާން އޭނާއަށް އުނދަގޫވާ ސަބަބަކީ ވެސް އެއީ އެވެ.
''އަހަންނަށް ވުރެ ބޮޑަށް ގިފްޓަށް ދޯ އިންތިޒާރު ކުރީ...'' ލިބިފައިވި މާޔޫސްކަން އަޑުން ސިއްރު ކުރަމުން ރުހައިމް ވާހަކަދެއްކިއެވެ. ނާލާއަށް ޝައްކުވުމުގެ ފުރުސަތު ނުދޭން ނަފުސު ހަމައަކަށް އަޅުވަން ރުހައިމް މަސައްކަތް ކުރިއެވެ.
''އާނ...'' ހިނިތުންވުމަކާއެކު ނާލާ ބުނެލިއެވެ. ''ދެން ގިފްޓް ދީބަލަ.."
''ދެރަވެއްޖެ އިނގޭ ތިހެން ބުނީމަ...'' ރުހައިމް ބުނެލިއެވެ.
ނާލާގެ ހުނުމުގެ އަޑު ގަދަވިއެވެ. އެއަޑުގެ ތެރެއަށް ރުހައިމްއަށް އޭނަގެ ނަފުސު ދޫކޮށްލެވުނެވެ. އެއީ ހިތުގެ އުދާސްކަމާ ދުރަށް އޭނާ ގެންދިޔަ ވަގުތު ކޮޅަކަށް ވިއެވެ. ނަމަވެސް އެސްފިޔަ ޖަހާލާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި މަންޒަރު ބަދަލުކޮށްލީ ލޯކުރިމަތިން ނިއުޅުވާނީ މަންޒަރުތަކުންނެވެ. އެއާއެކު ރުހައިމްގެ ތުންފަތުގައިވި ހިނިތުންވުން މާޔޫސް ކަމަށް ބަދަލުވެއްޖެއެވެ.
''ދެން ހިނގާބަލަ ގިފްޓް ދޭން...'' ރުހައިމްއާ ދުރަށް ޖެހިލަމުން، ރުހައިމްގެ އަތުގައި ނާލާ ހިފިއެވެ. އަދި ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ނާލާއާ ނަޒަރު ބައްދަލުވުމުން މޫނުގެ ކުލަވަރުތައް ރުހައިމް ބަދަލުކޮށްލިއެވެ. އަދި ހިނިތުންވުމެއް ތުންފަތުގައި ކުރަހާލިއެވެ. ނާލާ ވެސް ރުހައިމްއަށް ފުޅާ ހިނިތުންވުމެއް ދިނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ