މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނަށް ބޭނުންވާ ފައިސާ ހިމެނޭނެ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޕްރޮގްރާމަކަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުގެ މި އަހަރުގެ ބަޖެޓު ހުސްވެފައިވާ ކަމަށާއި އެހެންވެ، ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓުގައި އިންތިހާބީ ރައީސް ހުށަހަޅުއްވަން ބޭނުންފުޅުވާ ބަދަލުތައް ހުށަހެޅުމުގެ ފުރުސަތު މި ސަރުކާރުން ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައް އިންތިގާލީ މަރުހަލާގައި އެކުލަވާލި ބަޖެޓު ކޮމިޓީން ނިންމައި ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ އިސްކަން މި ދެނީ އަޅުގަނޑުމެން ހަވާލުވެގެން ކުރު މުއްދަތެއްގެ ތެރޭގައި ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެކަންތައް، މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކޮމިޓީން އެބަ ކުރިއަށް ގެންދަވާ. އެހެންވީމާ އަޅުގަނޑުމެން ސަޕްލިމެންޓަރީ ބަޖެޓުގައި އިސްކަން މި ދެނީ އެކަންތައްތައް ހާސިލުކުރުމަށްޓަކައި ސަޕްލިމެންޓަރީ ބަޖެޓަށް ގެންނަންޖެހޭ ބަޖެޓަށް ގެނައުން،" އަބްދުއްރަހީމް ވިދާޅުވިއެވެ

އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅަން ތައްޔާރުވަނީ 52 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އެ ބަޖެޓުގައި އިންތިހާބީ ރައީސްގެ ވައުދުފުޅުތައް ފުއްދުމަށް ފައިސާ ހިމަނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ 6.5 ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފައެވެ. އެ ފައިސާއާ އެކީ މި އަހަރުގެ ޖުމުލަ ބަޖެޓު 49.2 ބިލިއަން ރުފިޔާއަށް އަރާނެއެވެ.