ނ. ކެނދިކުޅުދޫ ހޮސްޕިޓަލުން ކުޑަ ދެކުދިން ގަޔަށް ނުބައި ވެކްސިނެއް ޖެހި ނަރުހަށް އަދިވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް އެރަށު ހޮސްޕިޓަލުން ބުނެފިއެވެ.

މި މަހުގެ 10 ވަނަ ދުވަހު ކެނދިކުޅުދޫ ހޮސްޕިޓަލުން އައިޕީވީ ވެކްސިނުގެ ބަދަލުގައި އެޗްޕީވީ ވެކްސިގެން ޖަހާފައި ވަނީ ހަ މަހުގެ ކުޑަ ކުއްޖަކަށާއި އަދި އެހެން ކުޑަކުއްޖެއްގެ ގަޔަށެވެ. ދެވަނަ ކުއްޖާގެ ބެލެނިވެރިޔާއާ ގުޅުމުން ފޯނަށް ޖަވާބު ދީފައި ނުވާތީ އެ ކުއްޖާގެ އުމުރު އަދި އެކުއްޖާގެ ހާލަތާގުޅޭ އިތުރު މައުލޫމާތު ސާފުވެފައެއް ނުވެއެވެ.

އެ ކުދިންނަށް ސެންޓަރުން އެކުދިންގެ ބެލެނިވެރިންނަށް އަންގާފައި ވަނީ އެމީހުން ގެޔަށް ދިޔަ ފަހުންނެވެ.

އެކަމާ ގުޅޭގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން ކެނދިކުޅުދޫ ހޮސްޕިޓަލުގެ މެނޭޖަރު އަލީ ރިޒާ ވިދާޅުވީ އެކުދިންނަށް ޖެހުނީ ނުބައި ވެކްސިނެއްކަން އެނގުނީ ވައިލްތައް އުކާލަނިކޮށް ކަމަށެވެ. އަދި އޭރު އެކުދިން ގެއަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ނުބައި ވެކްސިން ލިބުނު ހަ މަހުގެ ކުއްޖާގެ ބައްޕަ އިބްރާހީމް ވަހީދު، "ވަން" އަށް މައުލޫމާތު ދެމުން ބުނީ އެކަން އެ ދުވަހު ހޮސްޕިޓަލުން އެންގި ކަމަށާއި އެ ވެކްސިން އެގޮތަށް ދިނުމުން އެއްވެސް މައްސަލައެއް ދިމާ ނުވާނެ ކަމަށް ބުނި ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަށައި، ފުލުހުން މެދުވެރިވެގެން ކަމާ ގުޅޭ އެހެން އިދާރާތަކަށް އަންގާފައިވާނެ ކަމަށް ބުންޏެވެ.

އަދި އަމިއްލަގޮތުން އިއްޔެ ހެލްތް މިނިސްޓްރީއަށް މައްސަލަ ހުށަހަޅައި އީމެއިލްއެއް ކޮށްފައި ވާނެ ކަމަށާއި އެ އިދާރާގެ އެއްވެސް ޖަވާބެއް އަދި ލިބިފައި ނުވާ ކަމަށް ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެ ދުވަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ބެލެނިވެރިންނާ ގުޅައި ވާހަކަ ދައްކާފައިވާ އިރު، އެގޮތަށް ވެކްސިން ޖެހުމުން އެއްވެސް މައްސަލައެއް ކުރިމަތިވާނެ ކަމަށް އެ އިދާރާގެ ރެކޯޑެއްގައި ނެތް ކަމަށް އެންގި ކަމަށެވެ.

އެކަމާ ގުޅިގެން އެޗްޕީއޭ ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ، ނުބައި ވެކްސިން ޖެހިގެން އުޅޭ ކަމުގެ މައްސަލަ އެ އިދާރާއަށް ލިބުނީ މިއަދު ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.

ނުބައި ވެކްސިން ޖެހުނު މައްސަލަ އާންމު ނުކުރުމަށް ހޮސްޕިޓަލުން އެދުނު ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓުތަކުގައި ތުހުމަތުކޮށްފައި ވާތީ އެކަމާ ގުޅިގެން "ވަން" އިން ސުވާލު ކުރުމުން ރިޒާ ވިދާޅުވީ އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.

"ހެލްތް ސެންޓަރުން އެކަން ނޭންގި ނަމަކާ ނޭނގުނީސް އެއީ ހިނގި ކަމެއްކަންވެސް. ހެލްތް ސެންޓަރުން އެކަން ސިއްރުކުރަން ބޭނުންވާ ނަމަ ފަހުން ގުޅައިގެން ނުއެއް ގެންނާނެ ދެއްތޯ؟،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެކަން އެ ކުއްޖާގެ މަންމަ ފާތުމަރު ޝަރާ ވަނީ ދޮގުކޮށްފައެވެ. އަދި އެކަން ސިއްރުކުރަން ބުނިކަން ސާބިތު ކުރަން، އެވާހަކަ ދޭހަވާ ގޮތަށް ކޮށްފައި ހުރި މެސެޖެއް "ވަން" އަށް ހިއްސާކޮށްފައި ވެއެވެ.

ކުޑަ ދެކުދިން ގަޔަށް ނުބައި އިންޖެކްޝަނެއް ޖެހީ ދިވެހި ނަރުހެއް ކަމަށް ރިޒާ ވިދާޅުވިއެވެ. ނަމަވެސް އަދި ހެލްތް މިނިސްޓްރީން އެ މައްސަލަ ބަލަމުން ދާތީ އެ ނަރުހަށް އެއްވެސް ފިޔަވަޅެއް އަދި ނާޅާ ކަމަށް ވިދާޅުވިއެވެ.