ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދަންދާ ބަލި މީހުންނަށް އެ ހޮސްޕިޓަލުން އިހުމާލުވި ކަމަށް ބުނާ މައްސަލަތައް ހެލްތް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލަށް އަމާޒުކުރެވޭ އިހުމާލުގެ މައްސަލަ މި ފަހުން ފެންމަތިވީ ކެންސަރަށް ފަރުވާ ހޯދަމުންދިޔަ މީހަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި ކަމުގެ ތުހުމަތާއެކުއެެވެ. އެއާއެކު އެ ހޮސްޕިޓަލާ ގުޅޭ އެހެން ބައެއް އިހުމާލުގެ މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަތަކާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ޓްރީޓޮޕް ކުރިމަތީގައި ބަޔަކު ވަނީ މުޒާހަރާވެސް ކޮށްފައެވެ.
ހެލްތް މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން "ވަން" އަށް މިއަދު ވިދާޅުވީ، އިއްޔެއާ ހަމައަށް ޓްރީޓޮޕްގެ އިހުމާލުތަކާ ގުޅޭ އެއްވެސް މައްސަލައެއް މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އިއްޔެ އެފަދަ މައްސަލައެއް ރިޕޯޓްކޮށްފައިވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މީގެ ކުރިން އެފަދަ މައްސަލައެއް ނެތް ހުށަހަޅާފައެއް. ނަމަވެސް މިނިސްޓްރީއަށް އަމިއްލައަށް ބައެއް މައްސަލަތައް ފާހަގަވެގެން، އާދިއްތަ ދުވަހު ވާނެ ޓްރީޓޮޕްގެ ބޭފުޅުންނާ ބައްދަލުވެސް ކުރައްވާފައި. އެއީ ހަގީގަތަކުގައި ވަރަށް އެލާޓް ހައި ތުހުމަތުތަކެއް މި ކުރެވެނީ،" ތަސްލީމާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސިއްހީ ފަރުވާ ދޭ ކޮންމެ ތަނެއްގައިވެސް ޖަވާބުދާރީވެވޭނެ ނިޒާމުތަކެއް އޮންނަންޖެހޭ ކަމަށާއި އެތަންތަނާ ގުޅޭ ގޮތުން ހުންނަ ކަންބޮޑުވުންތައް ހެލްތް މިނިސްޓްރީއަށް ހުށަހެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު