ހޮސްޕިޓަލުތަކަށް ހަމަލާދިނުމަކީ އިންސާނީ ހައްގުތަކާ ބޭހޭ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި އެކަން އެއްވެސް ގޮތަކަށް ބަލައެއް ނުގަނެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ރޭ އިޒްރޭލުން ގާޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އަމާޒުކޮށް ދިން ލާއިންސާނީ ހަމަލާއާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް އަމާޒުކޮށް އަދި އާންމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުން ބަލައިނުގަނެވޭނެ ކަމަށް ބުންޏެވެ.
ބަޔާނުގައި އިތުރަށް ބުނީ ފަލަސްތީންގެ ކުށެއް ނެތް އާންމުންނާ ދެކޮޅަށް އެއްވެސް ރަހުމެއް ނެތި ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަގުވާނީ މުޖުތަމައަށް ރާއްޖެއިން ގޮވާލާ ކަމަށެވެ. އަދި ގާޒާއަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް އަވަސްކުރުމަށްވެސް ގޮވާލިއެވެ.
ރޭ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާގައި މިހާތަނަށް 500 މީހުން ވަނީ ޝަހީދުވެފައެވެ. ކުރިއަށް އޮތް ތަނުގައި އެ އަދަދު މައްޗަށް ގޮސްދާނެ ކަމަށް ފަލަސްތީންގެ ހެލްތް މިނިސްޓްރީން ބުނެއެވެ.
އެ ހޮސްޕިޓަލަކީ ހަމަލާތަކުގައި ޒަހަމްވެފައިވާ ގިނަ ބަޔަކަށް ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލެކެވެ. އަދި ރައްކާތެރިކަން ހޯދުމަށްވެސް ގިނަ ބަޔަކު އެ ހޮސްޕިޓަލުގައި ތިއްބެވެ.
ޚަބަރު
ޚަބަރު
ޚަބަރު