''ޗީޑީ ހުރި ވައްތަރު ބަލާބަލަ، އެއިސްތަށިގަނޑަކާ ހެދި ވެސް ހީވަނީ ރަންނަމާރިއެއްހެން... ކަލޭ ހިނިތުންވާނެ ވަރަކަށް ހިނިތުންވޭ، ވަގުތު އައިސް ޖެހެނީ... އަހަރެން ކަލޭގެ ދިރިއުޅުން ނަރަކައަށް ހަދާލާނަން... އަހަންނަށް ބޭނުންވަނީ ދުވަސްކޮޅެއް، އޭރުން އަހަރެން ބޭނުން ގޮތަށް ކުރިއަށް ދެވޭނެ، ދުވަސްތަކެއް ނުވޭ ކަލޭ ބުރާންތިވާވަރުގެ ހަމަލާއެއް ދޭނަން، ހާދަ ފޫހިވާ މީހާގަނޑެކޭ...'' ހިތުގައި އޮތް ނަފުރަތުގެ ސަބަބުން ޔަޝްފީއަށް ތުންފިއްތާލެވުނެވެ.

''ޔަޝްފީ، މިހާރު ކިހިނެއްތަ؟، ރުހައިމް ބުނި ޔަޝްފީ ފުޑްޕޮއިސަން ވެގެން އުޅުނު ވާހަކަ، އެހެންވެ ފުރުން ވެސް ފަސްކޮށްލަން ޖެހުނު ވާހަކަ ބުނި...'' ނާލާގެ ނަޒަރު ގޮސް ޔަޝްފީއަށް ހުއްޓުނެވެ. އޭރު މާހައުލުގައި އޮތް ނުތަނަވަސްކަމުގެ ހިލަމެއް ނާލާއަކަށް ނުވެއެވެ. އޭނަގެ އުފާވެރި ހަޔާތަށް އަނދިރިކަމުގެ ހިޔަނި އެޅިއްޖެކަން ވެސް ރޭކާ ނުލިއެވެ.

ނާލާގެ ޖުމްލައިން ރުހައިމްއަށް ނުތަނަވަސްކަމާއެކު ބަލައިލެވުނީ ޔަޝްފީގެ މޫނަށެވެ. ޔަޝްފީ ބުނެފާނެ އެއްޗަކާ މެދު އޭނަ ހުރީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ނޭވާ ހިފަހައްޓާލަން ޖެހުނީ ވެސް އެހެންވެއެވެ. ލޮލުގެ އިޝާރާތުން ބުނެވުނީ އޭނަގެ ދޮގަށް އެއްބާރުލުން ދިނުމަށެވެ.

''އޯހް، ސޯ ހީ ލައިޑް ޓު ހާރ... މޮޅު ދޮގެކޭ އަދި ހެދީ ވެސް، ޔޫ ޑިޑް ނޮޓް ޑިސްއެޕޮއިންޓް މީ ރުހައިމް، ޔޫ އާރ ނޮޓް ދެޓް އިނޮސެންޓް އާފްޓާރއޯލް، ތިމާގެ އަނބިމީހާއަށް ވިއްޔާ އޮޅުވާލަނީ، ހެހެހެ...'' ޔަޝްފީއަށް ހިތާހިތާ ބުނެވުނެވެ. އޭނަ ރުހައިމްއަށް ސިއްރު ނަޒަރެއް ދިނެވެ. ރުހައިމްގެ މޫނަށް ވެރިވެފައިވި އަސަރުތައް އޭނައަށް ރަނގަޅަށް ދޭހަ ކުރެވުނެވެ. އޭނަ ގާތަށް ނުލަފާ ހިންޏެއް ވެސް އަންނަން އުޅުނެވެ. ނާލާއަށް ރުހައިމް ހެދި ފަށުވި ދޮގުގެ ކުޅަދާނަކަމުންނެވެ. އެދޮގުތަކަކީ އޭނަގެ ރޭވުމަށް އެއްބާރުލުންދޭނެ މިތުރަކަށް ވާނެތީ އެތެރެއިން ހިނިތުންވެވުނެވެ. ހާސްކަމުގެ ސަބަބުން ރުހައިމް ކަންތައް ކުރަމުން އެދަނީ އޭނަ ބޭނުންވާ ގޮތަށެވެ. ނޭނގި ނަމަވެސް ރުހައިމް އަޅަމުން އެދާ ކޮންމެ ފިޔަވަޅަކީ، އޭނައާއި ރުހައިމްއާ ދެމެދުގައި އޮތް ދުރުމިނަށް ނިމުން ގެނެސްދޭނެ ކަމެކެވެ. ހަމައެއާއެކު ނާލާއާއި ރުހައިމްގެ ގުޅުމުގައި ނިމުމުގެ ސިއްކަ ވެސް ޖަހައިދޭނެ ކަމެކެވެ. ބާޒީ އޭނަގެ މުށު ތެރެއަށް ގެނެވިފައިވުމުން އެކަމާ ޔަޝްފީ ހިތްހަމަޖެހުނެވެ.

''އާނ، ކެވުނު އެއްޗެއްގެ ސަބަބުން ސަކަރާތްވީ... މިހާރު ރަނގަޅު...'' އިރުކޮޅެއް ވަންދެން ހިމޭނުން ހުރުމަށްފަހު ޔަޝްފީ ޖަވާބު ދިނެވެ. އޭނަ ބޭނުންވީ ރުހައިމް ހާސްކުރުވާށެވެ. ތަޅުވާލާށެވެ. އޭނަގެ މަޤްސަދު ހާސިލް ވެސް ވިއެވެ. ޔަޝްފީ ޖަވާބު ދިނުން ލަސްވެގެން ރުހައިމް ހުރީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޔަޝްފީގެ ޖަވާބަށް ފަހު ދޫކޮށްލި ފުން ނޭވާތަކުން ވެސް އެކަމަށް ހެކި ދިނެވެ.

''ރެސްޓް ކުރީމަ ރިކަވަރީ އަވަސްވާނީ...'' ޔަޝްފީއަށް ހިނިތުންވެލަމުން ނާލާ ބުނެލިއެވެ. ޔަޝްފީ ވެސް ރައްދުގައި ހިނިތުންވެލިއެވެ.

''އަވަހަށް ގެއަށްދަމާ ހިނގާ، ވަރަށް ބޮޑަށް ވަރުބަލިވެފަ މިހުރީ ވެސް...'' ރުހައިމް ބޭނުންވީ ނާލާ އެތަނުން ގެންދާށެވެ. ޔަޝްފީއާ އިތުރަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދޭންވެގެންނެވެ. އެކަން ޔަޝްފީއަށް ފާހަގަ ވެސް ކުރެވުނެވެ. ރުހައިމްގެ ބަލިފަޔަކީ ނާލާއަށް ވުމުން އެކަމުގެ ފައިދާ ނަގާނެ ގޮތެއް ދުރާލާ އޭނަ އޮތީ ރާވާފައެވެ. ބާޒީ ކާމިޔާބުކުރަން ހަމަލާ ދޭން އޭނަ ރާވާފައިވަނީ ރުހައިމްއަށް ތައްޔާރު ނުވެވެނީހެވެ.

''ރުހައިމް އަންނަން ވާއިރަށް މަންމަ އެބަހުރި ރޭގަނޑުގެ ކެއުން ވެސް ތައްޔާރުކޮށްފަ، އަވަހަށް ގެއަށް ދަމާ ހިނގާ، އޭރުން ކައިގެން ރެސްޓްކޮށްލެވޭނެތާ...'' ދިގު ދަތުރެއްކޮށްފައި އައުމުން ވަރުބަލިވާނެކަން ނާލާއަށް ނަގައިގަނެވުނެވެ. ''ޔަޝްފީ ބަލާ އެކަކު ވެސް ނާދޭތަ؟...''

ޔަޝްފީއަށް ނާލާ ދެމުން ދިޔަ ސަމާލުކަމުން ރުހައިމްގެ ބޮލުގައި ރިހުމެއް އުފެދުނެވެ. އެއީ ނުރައްކަލުގެ ރަނގަބީލެއްކަން އޭނަގެ ޒަމީރު ހަނދާންކޮށްދިނެވެ.

''ރައްޓެއްސެއް އަންނާނެ ބަލާ... ހީވަނީ ވިއްސާރައިގެ ސަބަބުން ލަސްވަނީހެން...'' ޔަޝްފީ ބުންޏެވެ. އޭނަ ފޯނުނަގައި ފިޒާޔާއަށް ގުޅާލިއެވެ. ދަނޑިވަޅު ބަލާފައި ރުހައިމް ނާލާ ގޮވައިގެން ދާން އަވަސްވެގަތެވެ.

''ނާލާ!، ކަލެއަށް ރުހައިމްއާއެކު ދެން ގިނަ ދުވަހަކު ނޫޅެވޭނެކަން ހަނދާން ކުރާތި، އަދި މާ ހިތްހެޔޮ މީހަކަށް ވާން އެބައުޅެއެއްނު، ގަމާރު ކަލޭގެއަށް ނޭނގޭ ރުހައިމް އޭނައަށް ދޮގު ހަދާ އިރުގައި ވެސް، އަދި މޮޔައެއްހެން ހުރިހާ ވާހަކައެއް ވެސް ޤަބޫލުކޮށްފިއެއްނު، ތިކަހަލަ ތަންދޮރު ނޭނގޭ މޮޔައިން ވެސް ދުނިޔޭގެ އުޅޭނެކަން މިއަދު އެނގިއްޖެ، ހެހެހެ، ކޮންމެހެން ވިޔަސް ކަލޭގެ މޮޔަކަމުގެ ފައިދާ ނަގައިގެން އަހަރެންގެ ރޭވުން ކާމިޔާބު ކުރެވެން ވެސް އޮތީ، ވަރަށް ދުވަހު ރުހައިމްއާއެކު އުފަލުގައި އުޅެވިއްޖެއެއްނު، ކަލޭގެ އުފާވެރިކަން ނިމޭނެ ދުވަހަކަށް އިންތިޒާރުކޮށްލާ... ޔޯރ ޑެއިސް ވިތް ހިމް އާރ ނަންބާރޑް...'' ތުންއަނބުރާލަމުން ކުރިއަށް ހިނގަމުން ދިޔަ ރުހައިމްގެ ދެމަފިރިންނަށް ބަލަން ޔަޝްފީ ހުއްޓެވެ. ނާލާ ފެނުނަސް އޭނަ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނަ އެންމެ ފޫހި ވަނީ ވެސް ނާލާގެ ހުންނަ ހިތްހެޔޮ މިޒާޖުދެކެއެވެ. ދެއްކުންތެރިކަން ނޫނީ ނުވެޔޭ ޔަޝްފީގެ ހިތަށް އެރިއެވެ.

''ކޮބާތަ އެފިޒާޔާ!، އަހަރެން ބަލާ އަންނާނަމޭ ބުނެފަ ވެސް ގަޑިއަކަށް ނާދެވުނު...'' ފިޒާޔާ ފޯނު ނެގުން ލަސްވެގެން ޔަޝްފީއަށް ކުދި ކިޔާލެވުނެވެ. އަތުގައި އޮތް ފޮށި ދަމަމުން އޭނަ ކުރިއަށް ހިނގައިގަތެވެ.

''ސޮރީ އިނގޭ... ވާރޭގެ ސަބަބުން ޓެކްސީއެއް ނުލިބިގެން ލަސްވީ، މިހާރު މި ކައިރިކުރަނީ...'' ފޯނަށް ޖަވާބު ދެމުން ފިޒާޔާ އަވަސްއަވަހަށް ބުނެލިއެވެ. ރުޅިއައިސްފައި ހުރި ޔަޝްފީގެ ސޫރަ އޭނައަށް ތަސައްވަރުކުރެވޭ ކަހަލައެވެ. އޭނަ ކޮންމެހެން ވެސް ޔަޝްފީ ބަލާ އެއަންނަނީ، ޔަޝްފީގެ ރޭވުމުގެ މަޢުލޫމާތު ސާފުކުރާށެވެ.

''އޯކޭ...'' ޔަޝްފީ ފޯނު ކަނޑާލިއެވެ.

ފިޒާޔާ އަންނަން ވާއިރަށް އެތާ ހުރި ގޮނޑިބަރިއެއްގައި ޔަޝްފީ އިށީނެވެ.

*****

ޓެކްސީގައި އިން ނާލާއަށް އޭނައާ ޖެހިގެން ހުރި ސީޓުގައި އިން ރުހައިމްއަށް ބަލައިލެވުނެވެ. ރުހައިމް ހުރީ ކާރުގެ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެންނެވެ. އާދަޔާ ޚިލާފަށް ރުހައިމް ބަސްމަދުވެފައި އިންކަން ނާލާއަށް ފާހަގަ ވިއެވެ. އެކަމާ ހިތުގައި ސުވާލު ވެސް އުފެދުނެވެ.

''މާ ބޮޑަށް ވަރުބަލިވީތަ؟...'' ނާލާއަށް އަހާލެވުނެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި ޔަޝްފީގެ އެހީތެރިޔާގެ ގޮތުގައި ހޮސްޕިޓަލުގައި ވަގުތު ހޭދަކުރަން ޖެހުމަށްފަހުގައި، ދިގު ދަތުރެއް ކޮށްފައި ރާއްޖެ އައުމުން ރުހައިމް ހުންނާނީ ވަރުބަލިވެފައިކަން ނާލާއަށް ނަގައިގަނެވުނެވެ. ރުހައިމްގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކާއި ވެސް ގުޅުވާލެވުނީ އެކަމާއެވެ. ކަމެއް ސިއްރުކުރަން ރުހައިމް މަސައްކަތްކުރާ ކަމުގެ ހިލަމެއް ނާލާއަކަށް ނުވިއެވެ. ރުހައިމްއަށް ކުރާ އިތުބާރުގެ ސަބަބުންނެވެ.

''ހޫމްމްމް...'' ނާލާއަށް ބަލައިލަމުން ރުހައިމް ބުންޏެވެ. ނާލާގެ މޫނުގައިވި މައުސޫމްކަމުން ރުހައިމްގެ ހިތަށް ތަދުވެލިއެވެ. ދެރަ ވެސް ވިއެވެ. ގިނަ އިރު ވަންދެން ނާލާއަށް ބަލަން ތަކުލީފަކަށް ވާން ފެށީ އެހެންވެއެވެ. ލޯބިވާ އަނބިމީހާއަށް އޮޅުވާލެވޭތީއެވެ. އަނދިރީގައި ބެހެއްޓޭތީއެވެ. އެއީ ނާލާ ދެކެ އޭނަ ވާ ލޯބި ހެއްޔޭ ވެސް ހިތާ ސުވާލުކުރެވުނެވެ.

''ގެއަށް ގޮސް އަރާމުކޮށްލީމަ ރަނގަޅުވާނެ، ހުކުރު ބަންދު ދެން އޮތީ ވެސް، އަރާމުކޮށްލަން ދެ ދުވަސް ވެސް ލިބޭނެތާ...'' ރުހައިމްގެ ބޮލުގައި ފިރުމާލަމުން ނާލާ ހިނިތުންވެލިއެވެ. ނާލާގެ ތުންފަތަށް ވެރިވި ހިނިތުންވުމުން ރުހައިމް ހިތުގައި ރިހުމެއް އުފެދުނެވެ. އޭނައަށް ނާލާގެ އަތުގައި ހިފާލެވުނެވެ. ނާލާ ބީވެދާނެތީ އެކަމުގެ ނުތަނަވަސްކަން އައިސް ރުހައިމް ވަށާލިއެވެ. ނާލާގެ ތުންފަތުގައިވި ހިނިތުންވުން މޮޅިވެރިކަމަށް ބަދަލުވެގެންދާން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. އުފާވެރިކަން ބަބުޅަމުން ދިޔަ އެދެލޮލުން ކަރުނަ ފައިބާކަށް ވެސް ބޭނުމެއް ނޫނެވެ. ދިރިއުޅުން ގޮސްފައި އޮތް ރާސްތާއާ މެދު ހިތުގައި ޝަކުވާ އުފެދުނެވެ. އޭނައަށް ދެން ހަމަޖެހުމެއް ލިބުން ނެތީބާވައޭ ރުހައިމްގެ ހިތަށް އެރިއެވެ.

''ކިހިނެއްތަ އަހަރެން ހަދާނީ؟، ނާލާ ދެރަކުރާކަށް އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއް ނޫން، ނާލާއާއި އަހަރެންގެ ގުޅުމަށް އުނިކަމެއް އަންނާކަށް ވެސް ބޭނުމެއް ނޫން، އެކަމަކު... އެކަމަކު އަހަރެން އެބަޖެހޭ ޔަޝްފީއާ މެދު ވެސް ވިސްނަން، ކުރެވުނު ކަންތަކަށް ޒިންމާ ނަގަން، އަހަރެން ކުރާ ކަމަކުން ނާލާއަށް ހިތާމައެއް ލިބެން ބޭނުމެއް ނޫން... އަހަރެންގެ ބޯފަޅައިގެންދާން ކައިރިވެއްޖެ، ނާލާއަށް ހަޤީޤަތް އެނގިއްޖެނަމަ އިތުރަށް ކަންތައް ގޯސްވެދާނެ، ޔަޝްފީ ހަޤީޤަތް ހާމަ ނުކުރާނެ ކަމުގެ ޔަޤީންކަމެއް ވެސް ނެތް...'' ރުހައިމްއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

*****

''ސޮރީ އިނގޭ ލަހުން އާދެވުނީމަ...'' ފޯނާ ކުޅެމުން ދިޔަ ޔަޝްފީއަށް އިސްއުފުލައި ބަލައިލެވުނީ ފިޒާޔާގެ އަޑަށެވެ. ''ހިނގާ އަވަހަށް ދާން، ޑްރައިވަރު ގާތު މަޑުކޮށްލަން ބުނެފަ މި އައީ...''

ޔަޝްފީ ކޮޅަށް ތެދުވުނެވެ. އަދި ގޮނޑި ކައިރީގައި ހުރި ފޮށީގެ އަތްގަނޑު ހިއްލާލަމުން، އަތްގަނޑުގައި ހިފިއެވެ. އޭރު ޔަޝްފީއަށް ފަރުވާތެރިކަމާއެކު ބަލަން ހުރި ފިޒާޔާ ވާހަކަދައްކަން ފެށިއެވެ.

''ހާދަ ވަރަކަށް މޭކަޕްކޮށްލައިގެން ތިހިރީ...'' ޔަޝްފީއަށް އައިސްފައި ހުރި ބަދަލާ މެދު ފިޒާޔާގެ ހިތުގައި ސުވާލު އުފެދުނެވެ. މޭކަޕް ކުރުމަށް ޔަޝްފީ މަރުދިނަސް އެހާ ގޮތް ބޮޑުކޮށް މޭކަޕް ކޮށްފައި ހުރިތަން އެނޫނީ އޭނައަށް ފެނިފައި ނެވެއެވެ. ހައިރާންކަން ލިބުނީ އެހެންވެއެވެ.

''މިވަރު ކުރީމައެއްނު ޒަހަމްތައް ފޮރުވޭނީ...'' ވިސްނުމަކާ ނުލާ ޔަޝްފީއަށް ބުނެވުނެވެ.

''ވަޓް؟...'' ކުރިއަށް ހިނގައިގެންފައި ވެސް ފިޒާޔާ ހުއްޓުނެވެ. އަދި ޔަޝްފީއަށް ބަލައިލިއެވެ.

ބުނެވުނު އެއްޗެއް ޔަޝްފީއަށް ރޭކާލީ ދެނެވެ. އޭނައަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ފިޒާޔަގެ ސުވާލުތަކަށް ހުއްޓުމެއް ނާންނާނެކަން އޭނައަށް ޔަޤީންކުރެވުނެވެ. އެހެން ނޫނަސް އޭނަގެ ރޭވުން ފިޒާޔާއާއި ހިއްސާކުރުމުގެ ވަގުތު އައިސް ޖެހިފައިވުމުން އިތުރަށް ސިއްރުކުރުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. ފިޒާޔާގެ މަދަދުވެރިކަން އޭނައަށް ލިބޭނީ އޭރުންނެވެ.

''ފަހުން ކިޔައިދޭނަން...'' ޔަޝްފީ ބުންޏެވެ.

''އަހަރެން މިހުންނަނީ ހުރިހާ ކަމެއް އެނގެން ބޭނުންވެފައި... އަހަންނަށް ޔަޝް އެއްވެސް ވާހަކައެއް ކިޔައިނުދޭ ވިއްޔާ، އަނެއްކޮޅުން ފުރުން ފަސްކޮށްލީމަ ވެސް އެކަމާ ވެސް ސުވާލު އުފެދިފަ މިހުންނަނީ... ކީއްވެތަ ފުރުން ފަސްކުރަން ޖެހުނީ؟. އެކޮޅުގަ ކަމެއް ދިމާ ވީތަ؟... އަހަންނަށް ހީވަނީ ބޮޑު ކަންތައް ގަނޑެއް ހިނގައިފިހެން، ޔަޝް ބޭނުންވާ ގޮތަށްތަ ހުރިހާ ކަމެއް ދިޔައީ؟......'' ފިޒާޔާ ޝައުޤުވެރިކަން ފާޅުކުރިއެވެ.

''އެއްކަލަ ސުވާލު ބޯޓު ފެށީއޭ ދޯ، ކެތްކޮށްބަލަ، އަހަރެން ކިޔައިދޭނަމޭ، އަހަރެން ބަލާ އައީ ވެސް ސުވާލުތަކުގެ ޖަވާބު ހޯދަންދޯ؟...'' ލުއި ހުނުމަކާއެކު ޔަޝްފީ ބުންޏެވެ. ''އަހަރެން ބޭނުންވި ގޮތަށް ހުރިހާ ކަމެއް ދިޔައީ، ދެން އޮތީ ފިޒާގެ ބައި، އަހަރެން ބުނާ ގޮތަށް ކަންތައް ކުރަން ޖެހޭނެ...''

''ކުރަންޖެހޭ ކަންތައް ކިޔައިދިނީމައެއްނު އެނގޭނީ ވެސް...'' ފިޒާޔާ ބުނެލިއެވެ.

''އަހަރެން ބުނީމަ ނާލާއާއި ވާހަކަދައްކަންވީ، އޭނައަށް އޭރުން ބޮޑު ޝޮކެއް ލިބޭނެ......'' ޔަޝްފީ ބުންޏެވެ.

''ޝޮކެއް ލިބޭ ވަރުގެ ވަހަކައެއް؟، އަނެއްކާ ކޮން ކަހަލަ ވާހަކައެއްތަ؟...'' ފިޒާޔާ ސުވާލުކޮށްލިއެވެ.

''ޑީޓެއިލްސް ދޭނަން ފަހުން...'' ކުރިއަށް ހިނގައިގަންނަމުން ޔަޝްފީ ބުނެލިއެވެ. ޔަޝްފީއަށް ބަލަން ހުރެފައި ފިޔާޒާ ވެސް ހިނގައިގެންފިއެވެ. ދެއެކުވެރިންގެ މިސްރާބު ހުރީ ޓެކްސީއާއި ދިމާއަށެވެ.

*****

އެޕާޓްމެންޓަށް ވަދެވުމާއެކު ޔަޝްފީ އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. ފެންވަރައި ތާޒާވެލުމަށެވެ. އޭރު ފިޒާޔާ މަޑުކޮށްގެން ހުރީ ބޮޑުކޮޓަރީގައެވެ. ދެ ކޮޓަރީގެ އެޕާޓްމެންޓް ދެއެކުވެރިން ހިއްސާވެގެން ހިފާފައި ވަނީ ވަރަށް ފަހުންނެވެ. ޔަޝްފީއާއި ފިޒާޔާ ފިޔަވައި އިތުރު ބަޔަކު ވެސް އެޕާޓްމެންޓްގައި ނޫޅެއެވެ. ދެފަރާތުގެ ޢާއިލާ ވެސް ރަށުގައި އުޅޭތީ މިނިވަންކަން ލިބިފައި ވެއެވެ.

ޔަޝްފީ އަންނަން ވާއިރަށް ފިޒާޔާ ޕިއްޒާއަކަށް އޯޑަރު ދިނެވެ. އެދެމެދުގައި ދެކެވޭނެ ވާހަކައަށް ތައްޔާރުވެލުމަށެވެ.

*****

''އޯ މައި ގޯޑް...'' އަތުގައި އޮތް ޕިއްޒާ ފޮށްޓަށްލަމުން ފިޒާޔާ ދެލޯ ބޮޑުކޮށްލިއެވެ. ޕިއްޒާއަށް އިންސާފުކުރަން ދެއެކުވެރިން ތިބީ ކާކޮޓަރީގައެވެ.

''ޔޫ ސްލެޕްޓް ވިތް ހިމް؟...'' ފިޒާޔާއަށް އަނގަމަތީ އަތްއަޅާލެވުނެވެ. ޔަޝްފީ ދެއްކި ވާހަކަތަކުން އޭނަ ހުރީ ސިހުމެއްގެ ތެރޭގައެވެ. ޔަޝްފީގެ ރޭވުންތެރިކަމާ މެދު އަޖައިބުވެ އަންތަރީސް ވެފައެވެ.

''އާނ، އެކަމަކު ރޭޕްއެއްހެން ރުހައިމްއަށް ހީވާ ގޮތަށް ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ...'' ޔަޝްފީ ހުރީ އޭނަގެ އަމަލުތަކާ މެދު ފަހުރުވެރިވެފައެވެ. ތުންފަތާއި ކުޅެލަމުން ދިޔަ ހިނިތުންވުމުން އެކަމަށް ހެކިދެއެވެ.

''އެންޑް ހީ ބިލީވްޑް އިޓް؟...'' ފިޒާޔާއަށް ލިބިފައިވި ހައިރާންކަން ފިލައިގެންދާ ގޮތެއް ނުވިއެވެ. އެކަމާ ޔަޝްފީ ހިތްހަމަނުޖެހުނެވެ.

''ހޫމްމްމް... އަހަރެންގެ މޮޅުކަމުން ކިހިނެއް ބަސްޓް ވާނީ!...'' ކޯކް ތަށިން ކޯވަރެއް ބޯލަމުން ޔަޝްފީ ބުނެލިއެވެ.

''އެ ވާހަކަތަ ނާލާ ގާތު ބުނަންވީ؟، އައި މީން ރޭޕްގެ ވާހަކަތަ؟...'' ފިޒާޔާ އޮޅުންފިލުވަން ސުވާލުކޮށްލިއެވެ.

''ނޫން!...'' އަތުގައި އޮތް ފޯނުން ހުޅުވަފައިވާ ކަލަންޑަރަށް ބަލަން އިނދެފައި ޔަޝްފީ ހިނިތުންވެލިއެވެ. ކަލަންޑަރުގައި ވަކި ތާރީޚެއް އޭނަ އޮތީ ފާހަގަ ކޮށްފައެވެ. އޭނަ އިންތިޒާރުކުރަމުން އެދަނީ އެދުވަހަކަށެވެ.

(ނުނިމޭ)