ދައުލަތުގެ ދަރަނި އަންނަ އަހަރު 129 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އާންމުކުރި ކުރިއަށް އޮތް ތިން އަހަރުގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައިވާ ގޮތުން، ޖީޑީޕީގެ ނިސްބަތުން އަންނަ އަހަރު ދަރަނި 111 ޕަސެންޓަށް އަރާނެއެވެ. އެ ދަރަނީގެ ތެރެއިން 117 ބިލިއަން ރުފިޔާއަކީ ޑައިރެކްޓް ދަރަންޏެވެ.

އެއަށްފަހު 2025 ވަނަ އަހަރު ދައުލަތުގެ ދަރަނި 130 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ ބަޔާނުގައިވެއެވެ. އެއީ ޖީޑީޕީ ނިސްބަތުން 102 ޕަސެންޓެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އަމާޒަކީ 2026 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން 93 ޕަސެންޓަށް ކުޑަކޮށް، 2027 ވަނަ އަހަރު 87 ޕަސެންޓަށް ކުޑަކުރުން ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓުގައި ބެހެއްޓުމެވެ. ނަމަވެސް މި އަހަރުގެ ބަޖެޓު ޑެފިސިޓް ވެސް ހުރީ ޖީޑީޕީގެ ނިސްބަތުން މައިނަސް 6.3 ޕަސެންޓުގައެވެ. އަދި އަންނަ އަހަރު ބަޖެޓު ޑެފިސިޓް ބެހެއްޓުމަށް ކަނޑައަޅާފައިވާ އަންދާޒާއަކީ 8.5 ޕަސެންޓެވެ.