ވަކިގޮތެއް ނުބަލައި ޔަހޫދީ ސިފައިން ފަލަސްތީނުގެ ގާޒާއަށް ބޮންއަޅައި ސުންނާފަތި ކުރަމުންދާތާ ދިހަ ދުވަސްވީއެވެ. ޔަހޫދީންގެ ނުބައިވެގެންވާ މި ޖަރީމާގެ ސަބަބުން ގާޒާގެ ރައްޔިތުންގެ ތެރެއިން މަދުވެގެން ދޮޅު މިލިޔަނެއްހައި މީހުންގެ ގެދޮރު ސުންނާފަތިވެ މަގުމަތި ވެއްޖެއެވެ. މަދުރަސާތަކާއި ހަސްފަތާލުތައް ބިމާހަމަވެއްޖެއެވެ. ބައިނަލްއަގުވާމީ އިދާރާތަކުން އެބަބުނެއެވެ. ބޭހެއް ނެތެވެ. ފެނެއް ނެތެވެ. ކާނާއެއް ނެތެވެ. އަންނައުނެއް ނެތެވެ. ގާޒާ އޮތީ ދުނިޔެ ނުދެކޭފަދަ ހިތާމަވެރި އިންސާނީ ކާރިސާއެއްގެ ތެރޭގައެވެ. އެއްދުވަހުން އަނެއް ދުވަހަށް ހާލަތުދަނީ ގޯސްވަމުންނެވެ. ގާޒާއަކީ ކުރީއްސުރެވެސް އިޒްރޭލުން ބަންދުކޮށްފައިވާ ސަރަހައްދެކެވެ. ގާޒާގައި ދިރިއުޅޭކަމަށް އަންދާޒާ ކުރެވިފައިވަނީ 2.3 މިލިޔަން މީހުންނެވެ. ހިނގަމުންމިދާ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުގެ މުޖާހިދުން އިޒްރޭލާ ދެކޮޅަށް ހިންގި ބަދަލު ހިފުމުގެ ހަރަކާތަކާ ގުޅިގެން އިޒްރޭލުގެ އަނިޔާތައް ވަނީ އިހުނަށްވުރެ ވަރުގަދަކޮށްފައެވެ. މުޅި ގާޒާއިން ފެނާއި ކަރަންޓާއި ތެލާއި ގޭސް ވަނީ ކަނޑާލައިފައެވެ.
އިންސާނީ އެހީގެ މަސައްކަތް ދުނިޔޭގައި އެންމެ ފުޅާކޮށް ހިންގާ ޖަމާއަތްކަމުގައިވާ އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް، އައިސީއާރްސީން އެބަ އިންޒާރު ކުރެއެވެ. ގާޒާ އެއޮތީ ހަލާކާއި މުސީބާތުގެ އަނދަވަޅެއްގެ ތެރޭގައެވެ. ދެވަނަ އެހެން މިސާލެއްވެސް ނެތް ބީދަޔަކުންނެވެ. ގާޒާގެ ރައްޔިތުން އަތްފުނާ އަޅަމުން އެދަނީ ބަނޑުފުރާނަ މުއްތި ކުރެވޭނެފަދައެއް ފެނޭތޯއެވެ. ދުވަމުން އެދަނީ ކާނެއެއްޗެއް ބޯނެއެއްޗެއް އަތުޖެހޭތޯއެވެ. ޒަޚަމްތަކުގެ މަތީގައި އަޅާނެ ބޭހެއް ލިބޭތޯއެވެ. ސިއްހީ ޚިދުމަތް އެވަނީ މުޅިން ހުއްޓިފައެވެ. ގާޒާގައި އެންމެ ގިނަބަޔަކު ދިރިއުޅެނީ ގާޒާގެ އުތުރުފަޅީގައެވެ. އެއީ އިޒްރޭލާ އިންވެގެންވާ އޭރިޔާއެވެ. އެ ސަރަހައްދުގައި ދިރިއުޅޭ 1.1 މިލިޔަން މީހުން ގެދޮރު ދޫކޮށް ގާޒާގެ ދެކުނަށް ބަދަލުވާން އިޒްރޭލުން ވަނީ އަންގައިފައެވެ. މިކަމުގެ ސަބަބުންވެސް އިތުރު އެތައް ތުރާލަކާއި ވޭނެއް ވަނީ ކުރިމަތިވެފައެވެ. މީހުން ދަތުރުކުރާ މަގުތަކަށް ބޮން އަޅަނީއެވެ. ބަދަލުވާން އޮތް ސަރަހައްދަށްވެސް ބޮން އަޅަނީއެވެ. އެވެސް މަރެވެ. މިވެސް މަރެވެ. ސަލާމަތެއް ނެތެވެ.
ގާޒާއަކީ ކުރީއްސުރެވެސް ދުނިޔޭގައިވާ އެންމެ ބޮޑު ޖަލެވެ. އެތަން ވަށާލައި ބަންދުކޮށް ހަމަލާދެނީ މިމަހު ހަތަކުން ފެށިގެނެއް ނޫނެވެ. އެއަށްވުރެ މާކުރިންނެވެ. އިޒްރޭލުން ގާޒާ ހިސާރުކޮށްގެން މި ޖަރީމާތަކެއް ހިންގާތާ ސޯޅަ އަހަރު ވެއްޖެއެވެ. އޮކްޓޫބަރު ހަތަކުން ފެށިގެން ތަފާތުވީ އަނިޔާގެ މިންވަރެވެ. މިޒާތުގެ ކަމެއް ދުނިޔެއިން އެންމެފަހުން ފެނިފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގެ ނާޒީ ސިފައިން ރަޝިޔާގެ ލެނިންގްރާޑް ހިސާރުކޮށްގެން ތިބިއިރުއެވެ. ނާޒީންނަށްވުރެވެސް އިޒްރޭލުގެ ގޮތްކުޑަކަން މައްޗެވެ. އަނިޔާގެ މިންވަރު މައްޗެވެ. ކެނޑިނޭޅި ގާޒާއަށް ބޮންްއަޅައި އިމާރާތްތައް ފުނޑުފުނޑު ކުރަމުންދާއިރު ޝަހީދުވާ މީހުންނާއި ޒަޚަމްވާ މީހުންގެ އަދަދު ގިނައެވެ. ޒަޚަމްވާ މީހުންނަށް ފަރުވާ ދެވޭނީ ބޭސް ހުރެގެންނެވެ. ބޭސް ހުސްވެއްޖެއެވެ. ލެޔެއް ނެތެވެ. ކަރަންޓެއް ނެތެވެ. އިންޖެކްޝަނެއް ނެތެވެ. ގެއްލުން ނުލިބޭ ހަސްފަތާލެއް ކުލިނިކެއް ނެތެވެ. ބޭސްފަރުވާގެ އެއްވެސް އެއްޗެއް ގާޒާއަށް އެތެރެނުވާނޭހެން ޔަހޫދީ ސިފައިން އެތިބީ ގާޒާ ސީލްކޮށްގެންނެވެ.
ގާޒާގައި ބައިލައްކަ މާބަނޑު އަންހެނުން އެބަތިއްބެވެ. އެމީހުން ވަންނާނެ ހަސްފަތާލެއް، ދޭނެ ފަރުވާއެއް ނެތެވެ. ވިހައިގެންތިބި އަންހެނުންނާއި ތުއްތު ކުދީންނަށް ދެވޭނެ ފަރުވާއެއް ނެތެވެ. ބައެއް ތަންތަނުގައި ޖަނެރޭޓަރު ބަހައްޓައިގެން ޚިދުމަތްދޭން އުޅުނަސް އެތަނަކަށް އިޒްރޭލުން ހަމަލަދީ ސުންނާފަތިކޮށްލައެވެ. ހަސްފަތާލުތަކާއި ކުލިނިކްތައްވެސް މިހާރު ވަނީ ގަބުރުސްތާނުތަކަށް ބަދަލުވެފައެވެ. މަރުވާ މީހުންނަށް ބޮޑީ ބޭގެއްވެސް ނެތެވެ. މިހާރު މަރުވާ މީހުން ލަނީ އައިސްކްރީމް ޓްރަކްތަކަށެވެ. އިޒްރޭލް ސިފައިން ހަމަ ގަސްތުގައި ހަސްފަތާލުތަކާއި ކުލިނިކްތަކަށް ހަމަލާދޭކަމީ ފާޅުވާންއޮތް ހަގީގަތެކެވެ. ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި ހަ ހަސްފަތާލަކާއި ނަވާރަ ކުލިނިކަކަށް ހަމަލަދީ ސުންނާފަތިކޮށްފައިވެއެވެ. މަދުވެގެން ފަންސާހަކަށް އެމްބިއުލާންސް ވަނީ ހަލާކުކޮށްލައިފައެވެ. ނަތީޖާއެއްގެ ގޮތުން އެތައް ޑޮކްޓަރުންނާއި ނަރުހުންވެސް ވަނީ ޝަހީދުވެގެން ގޮސްފައެވެ. މިހާލަތުގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިގެން ދިއުމުގެ ބިރުވެސް ނުހަނު ބޮޑެވެ. އެފަދަ ކަމެއް ފެށުނަސް ކުރެވޭނެ އެއްކަމެއްވެސް ނެތެވެ.
ސިއްހީ ފަރުވާގެ ވާހަކަ ބާއްވާފައި ކާބޯތަކެތީގެ ވާހަކަ ފަށައިފިއްޔާ ދެންވެސް އޮތީ ހިތްފަޅައިގެންދާ ޒާތުގެ ވާހަކައެކެވެ. ގާޒާގެ ރައްޔިތުންގެ ތެރެއިން މަދުވެގެން އެއް މިލިޔަން މީހުން މިހާރުވެސް އެތިބީ ބަނޑަށް ޖެހިފައެވެ. ގިނަބަޔަކު ރޭދުވާ ހޭދަކުރަނީ ފެންފޮދެއް، ޕާންފޮއްޗެއް ކަހަލަ އެއްޗެއް ލިބޭތޯ ކޮޅުކޮޅު މައްޗަށް ހިނގުމުގައެވެ. ބަނޑުހައިވެގެން ކުޑަކުދިން ރޮއިހަދާއިރު އެ މަންޒަރު ބަލަންތިބުން ނޫން އެހެން ގޮތެއް މައިންބަފައިންނަކަށް ނެތެވެ. ދަނޑުވެރީންނަށް ދަނޑަކަށް ނުނިކުމެވެއެވެ. ކަރަންޓާއި ތެޔޮ ނެތީމާ ދަނޑުތަކަށް ފެންދެވޭނެ ގޮތެއް ނެތެވެ. ގެރިބަކަރި ފަދަ ޖަނަވާރުތަކަށް ކާންދެވޭނެ ފަދައެއްވެސް ނެތެވެ. މި ހާލަތުގައި އަދި އެއްހަފުތާ ފާއިތުވެއްޖެނަމަ ގާޒާގެ މިލިޔަނެއްހައި މީހުން ބަނޑަށް މަރުވާނެއެވެ. އިޒްރޭލުގެ ވައިގެ ހަމަލާތައް ހަމަ ގަސްތުގައި ކުކުޅުކޮށިތަކާއި ގެރިބަކަރި ގެންގުޅޭ ތަންތަނަށްވެސް އަމާޒުކުރެއެވެ. މީގެ ބޭނުމަކީ ފަލަސްތީނުގެ ރައްޔިތުން ބަނޑަށް މެރުމެވެ. ކާނާގެ ވަސީލަތްތަކުން މަހުރޫމް ކުރުމެވެ. އެހީދޭ ޖަމާއަތްތަކުން ކާނާގެ ބާވަތްތަކާއެކު އެތިބީ ގާޒާއަށް އެތެރެވުމުގެ އިންތިޒާރުގައެވެ. އެކަމަކު އެ ހުއްދަ ދޭނެ ކަމެއް، ލިބޭނީ ކޮން ވަގުތަކުކަމެއް ނޭނގެއެވެ.
ފެނާއި ނަރުދަމާގެ ވާހަކައަކީ އަނެއްކާވެސް ހިތްފަޅައިގެންދާ ޒާތުގެ ވާހަކައެކެވެ. ގާޒާގައި ރައްކާތެރި ބޯފެނެއް ނެތެވެ. ގިނަބަޔަކު މިހާރު ބޮމުން އެދަނީ ދަނޑުތަކަށް ފެންދިނުމަށް ކޮނެފައިވާ ވަޅުތަކުން ކިސަޑު ފެނެވެ. އެވެސް ޒާތްޒާތުގެ ކެމިކަލްތަކުގެ ސަބަބުން ވިހަވެފައިވާ ފެނެވެ. ލޮނުން މީރުފެން އުފައްދާ ޕްލާންޓުތަކަށް އިޒްރޭލުން ވަނީ ބޮންއަޅައި ހަލާކުކޮށްފައެވެ. އިރުގެ އަލިން އުފައްދާ ހަކަތަ ބޭނުންކޮށްގެން މީރުފެން އުފައްދާ ބަޔަކުވެސް އުޅެއެވެ. އެކަމަކު އޭގެ އަގަކީ އަތްފޯރާފަށުގައިވާ އަގެއް ނޫނެވެ. ނަރުދަމާގެ ނިޒާމު ވަނީ މުޅިން ސުންނާފަތި ވެފައެވެ. ރަށުތެރޭގައި މުޅިން ނަޖިހެވެ. މިހާލަތުގައި ދެން އެންމެ އަވަހަށް ފެތުރުން އެކަށީގެންވަނީ ނުރައްކާތެރި ބަލިމަޑުކަމެކެވެ. ރޯގާއެކެވެ. އިޒްރޭލުން ބޮންއަޅައި އެތައްހާސް އިމާރާތެއް ބިމާހަމަކޮށްފައިވާތީ އެތައް ބަޔަކު ޖަމާވެފައިވަނީ ކުދިކުދި ތަންތަނުގެ ތެރޭގައެވެ. އެތަންތަނަށް ބޮންއަޅާނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. ކޮންމެއަކަސް ގާޒާގައި މިހާރު އެފެންނަ މަންޒަރުތަކަކީ މިޒަމާނުގެ ތާރީޚުގައި ދުނިޔޭގެ އެހެން އެއްވެސް ތާކުން ފެނިފައިވާ ކަހަލަ މަންޒަރުތަކެއް ނޫނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ