ޕީިޕީއެމް/ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވެންގެން އުފައްދާ ސަރުކާރު ވެގެންދާނީ އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތައް އެންމެ އިސްކަންދޭ ވެރިކަމަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މުއިއްޒު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖެއަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީހީ ހާދިސާއަކީ ރާއްޖެ އިސްލާމްވުން ކަމަށާއި ދިވެހީންގެ މިނިވަންކަމާއި ރިވެތި އާދަކާދަތަކާއި މުއްސަނދި ސަގާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީވެސް އިސްލާމްދީން ކަމަށެވެ.
ބަޔާނުގައި އިތުރަށް ވިދާޅުވީ، ވޭތުވެ މިދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ ދެމި ތިބިކަމީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށާއި މިއަދުގެ ދުނިޔޭގައި ފިކުރީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި އަދި އިސްތިރާޖީ ގޮތުންވެސް ތަފާތު އެކި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.
އަދި އެއިން ކޮންމެ ގޮންޖެހުމަކާވެސް ދިވެހި ގައުމު އިސްކޮށްގެން، ދިވެހީންގެ މަސްލަހަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ދިވެހި ރައްޔިތުން އެދޭ ގޮތް ކަމަށް ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ، 17 ނޮވެމްބަރު 2023 ގައި ގާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށެވެ. މި ގައުމުގެ އިސްތިގުލާލާއި ފަހުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށެވެ. ދިވެހީންގެ ރީތި އުޅުމާއި ގުޅުމާއި ގޮތް ފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަގުވާމީ މަސްރަހުގައި އުފުލައިދޭނެ ސަރުކާރަކަށެވެ.،” އިންތިހާބީ ރައީސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު