އެމްއެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން، ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
ފާރިސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާ ވާދަކުރައްވާނީ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާއަށް ކަމަށެވެ. މަޖިލީހަށް ވާދަކުރައްވާތީ ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ފާރިސް ވަނީ އެދިވަޑައިގެންފައެވެ.
"ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިންމު ކަން ބޮޑުކަމުން، ކުރިއަށް އޮތް އިންތިހާބުގައި މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑިއަށް، މާތް ﷲ ގެ ވާގިފުޅާ އެކު އަޅުގަނޑު ކުރިމަތިލުމަށް ގަސްދު ކުރާ ވާހަކަ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކާ ދެންނެވިން،" އޭނާ ވިދާާޅުވެފައިވެ އެވެ.
މަޖިލީހަށް ވާދަކުރައްވަނީ އެމްއާރްއެމްގެ ފަރާތުން ކަމެއް ނުވަތަ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމެއް ފާރިސް ވިދާޅެއްނުވެއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ އިންތިހާބުގައި ވެސް ފާރިސް ވާދަ ކުރެއްވި މައްޗަންގޮޅީ އުތުރު ދާއިރާއަށެވެ. ނަމަވެސް އެ އިންތިހާބުން ފާރިސް ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. އެ އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރަޝީދެވެ.
ފާރިސް ވަނީ މީގެ ކުރިން މަޖިލީހުގެ ދިއްގަރު ދާއިރާއަށް އިންތިހާބުވެވަޑައިގެން މަޖިލީހުގައި އެއް ދައުރު ފުރިހަމަ ކުރައްވައިފައެވެ. އެއީ 18 ވަނަ މަޖިލީހުގައެވެ. މަޖިލީހަށް އިންތިހާބުވެޑައިގަތުމުގެ ކުރިން ފާރިސް ވަނީ 2013 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު އަދާކުރައްވައިފައެވެ.
މެމްބަރު ކަމުގައި ހުންނަވަނިކޮށް 2017 ވަނަ އަހަރު އެއިރު ހިނގި ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން ފާރިސް ވަނީ ހައްޔަރުކޮށްފައެވެ. ފާރިސް ހައްޔަރުކޮށް އޭނާގެ މައްޗަށް ވަނީ ޝަހުޝު އޮޅުވާލުމުގެ ދައުވާކޮށްފައެވެ. އެ ދައުވާ ސާބިތުވުމުގެ ސަބަބުން ކުރިމިނަލް ކޯޓުން ވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އެ ހުކުމް ހައި ކޯޓުން ވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ބާތިލުކޮށްފައެވެ.
އޭނާ ވަނީ ނިމދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވެސް ވާދަކުރައްވައިފައެވެ. ރިޔާސީ އިންތިހާބުގައި ފާރިސްއަށް ލިބިވަޑައިގެންނެވީ 2،981 ވޯޓެވެ. އެއީ އިންތިހާބުގެ 1.33 ޕަސަންޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު