އައިޖީއެމްއެޗަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން މި އަހަރަށް ބާކީ އޮތީ ހަމައެކަނި މުވައްޒަފުންގެ މުސާރަ ދެވޭ ވަރަށް ކަމަށާއި އެހެން ކަންކަމަށް ފައިސާއެއް ނެތް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ބުނެފިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ، ސިއްހީ ދާއިރާއަށް މި އަހަރުގެ ފަހު ހަ މަސް ދުވަހަށް ބޭނުންވާ ތަކެއްޗަށް އޯޑަރުކޮށްފައި ނުވާ ކަމަށާއި ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުން މިހާރު ބޭނުންކުރަމުންދަނީ އިމަޖެންސީ ސްޓޮކް ކަމަށެވެ.

ފިރުޒުލް ވިދާޅުވީ، އައިޖީއެމްއެޗުގެ ދެ ސެންޓަރަކަށް ބޭރުގެ ކުންފުންޏަކުން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދޭން ޖެހޭ 5.3 މިލިއަން ޑޮލަރު ނުދައްކާ އެބައޮތް ކަމަށާއި އެކަމުގެ ސަބަބުން އެ ސެންޓަރުތަކުގެ ހިދުމަތްތައް ހުއްޓުމަަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އައިޖީއެމްއެޗަށް މިއަހަރަަށް ކަނޑައަޅުއްވާފައިވާ ބަޖެޓުގެ ތެރެއިން މިއަހަރުގެ ބާކީ އޮތް މުއްދަތަށް ފައިސާ ހަމަޖެހިފައިވަނީ ހަމައެކަނި މުވައްޒަފުންގެ މުސާރައަށް ބޭނުންވާ މިންވަރަށް އެކަންޏޭ. އެހެނިހެން ކަންކަން އޭގެ ތެރޭގައި ތަނުގެ މަރާމާތުވެސް ހިމެނޭ އަދި އެހެންމެ، މެނިޝަރީގެ މަރާމާތާ ގުޅޭ ވަރަށް ގިނަ ކަންކަންވެސް ބަޖެޓުގައި ފައިސާ ނެތުމުގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާކަން އެ ބޭފުޅުން (އައިޖީއެމްއެޗުން) ފާހަގަކުރައްވާފައިވޭ" ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ބަޖެޓުގައި ފައިސާ ނެތުމާއި ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެއްޗަށް އޯޑަރު ނުކުރުމުގެ ސަބަބުން އަންނަ މަހުގެ މެދަކާ ހަމައަށްދާ އިރު، ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރަކުން ފޯރުކޮށްދޭ ވަރަށް ގިނަ ހިދުމަތްތައް ހުއްޓިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ، މައި ހޮސްޕިޓަލް ބޯޑަކުން ހިންގާތީ ބައެއް މައުލޫމާތުތައް ހޯދުމަށް ދަތިވާ ކަމަށެވެ.