ނޯޓު: މިއީ 9 އޮކްޓޫބަރު 2009 ގައި އަޅުގަނޑު އާފަތިސް ނޫހުގައި ލިޔާންފެށި ސިލްސިލާއެކެވެ. މި ސިލްސިލާ ކުރިޔަށް ނުގެންދެވި ހުއްޓައިލެވިފައި އޮންނަތާ ސާދައަހަރު ފާއިތުވުމަށްފަހު އަނެއްކާވެސް ހިރަފުސް ފޮޅައިލައިފައި މި ނެގީއެވެ. މާތް اللّـــه ގެ ވާގިފުޅާއެކު މިފަހަރު ނިންމައިލުމުގެ އުންމީދުގައެވެ.
+ + +
ޒަޔަނިސްޓް އިސްރާއީލަކީ އިސްލާމީ އުންމަތުގެ ހިތަށް އިނގިރޭސީން ހަރައިލި ވިހަގަދަ ޚަންޖަރެކެވެ. އިސްރާއީލަކީ ދުނިޔޭގައި ނަސްލީ އިމްތިޔާޒުގެ މައްޗަށް ބިނާވެގެން އުފައްދައިފައިވާ ޣައިރުޤާނޫނީ ޣައިރުއަޚުލާޤީ ދައުލަތެކެވެ. ހަމައެކަނި ދައުލަތެވެ. އިސްލާމީ އުންމަތުގައި ހިމެނޭ ސާޅީހަށްވުރެ ގިނަ ދައުލަތްތަކުގެ ތެރެއިން މީގެކުރިން އިސްރާއީލް ޤަބޫލުކޮށްފައިވަނީ ހަމަ އެންމެ ދެ ޤައުމެވެ. އިސްރާއީލުގެ ޢުދުވާން އެތައްފަހަރަކު ކުރިމަތިލާންޖެހި ކުރެވިފައިވާ ހިތި ތަޖުރިބާގެ ސަބަބުން އެބައިމީހުންނާ ގުޅުން ޤާއިމްކުރާން މަޖުބޫރުވެފައިވާ ދެ ޤައުމެވެ. އިސްރާއީލާ އިންވެގެން އޮތުމުގެ ނަތީޖާއެއްގެގޮތުން ހަމަނިދި ނުލިބި އަބަދު އެމީހުންގެ ފަރާތުން އަތުވެދާނެ ޢުދުވާނަކަށް ފާރަވެރިވެގެން ތިބޭންޖެހިފައިވާ ދެ ޤައުމެވެ. އާދެ، މިޞްރާއި އުރުދުނެވެ. އިސްލާމީ އުންމަތުގެ އެހެނިހެން ޤައުމުތަކަކުން އިސްރާއީލަކަށް އިޢުތިރާފެއް ނުވެއެވެ. ގުޅުން ބަދަހިކޮށެއް ނަހަދައެވެ. އދ. ގެ މެންބަރެއްގެ ހައިސިއްޔަތުން އިސްރާއީލާ ވާހަކަ ދެއްކުމަކީ މުޅީން ތަފާތު މައްސަލައެކެވެ. އިސްރާއީލާ ގުޅުން އޮންނަ އިސްލާމީ ތިންވަނަ ޤައުމަކީ މުޞްޠަފާ ކަމާލުގެ ސެކިއުލަރ ތުރުކީއެވެ. ނަމަވެސް އެމެރިކާގެ އަވައިގައި ޖެހިގެން ޔޫ.އޭ.އީ. އާއި ސަޢޫދީންވެސް ގެންދަނީ މުސްލިމުންގެ އެންމެ ނުބައި ޢަދުއްވު އިސްރާއީލާ، ސިއްރާއި ފާޅުގައި ގުޅުން ބާއްވަމުންނެވެ.
އިސްރާއީލަކީ ޢަރަބި އިސްލާމީ ބިމެއްގައި ޣައިރުޤާނޫނީގޮތުން އުފައްދައިފައިއޮތް ދައުލަތަކަށްވުމާއެކު އިސްރާއީލުގެ ޔަހޫދީންނަށް މަރައި ހުސްނުކުރެވި ނުވަތަ ވަޒަނުން ފައްސައިނުލެވިތިބި މުސްލިމުންގެ މަދުމީސްކޮޅެއް އެތާނގައި މިހާރުވެސް ދިރިއުޅެމުން ގެންދެއެވެ. ނަމަވެސް އެއީ އަޅުގަނޑުމެން އިސްރާއީލަކީ މުސްލިމުންގެ ޖަމާޢަތުގެ ބައެއްގެ ގޮތުގައި ބަލާންޖެހޭ ސަބަބެއް ނޫނެވެ. އަޅުގަނޑުމެން ބަލާންޖެހިފައިވަނީ އެބައިމީހުންގެ މިހާރުގެ ޙާލަތަށެވެ. އެބައިމީހުންގެ ލޯތަކުން ފައިބާ ލޭކަރުނައަށެވެ. އެބައިމީހުންގެ ތެރެއިން ދިރިތިބީންގެ ޙައްޤުތައް އެއްކިބައިގައި އޮއްވައި ޔަހޫދީން ގެންދަނީ އެބައިމީހުންގެ މަރުވެފައިވާ ކާބަފައިންގެ މަހާނަތަކަށް ދާންދެން ވެރިވަމުންނެވެ. އެމަހާނަތައްވެސް ޔަހޫދީންގެ ނަމަށް ބަދަލުކުރަމުންނެވެ.
ޙައިރާންވެ އަންތަރީސްވާފަދަ ކަމެކެވެ. އިސްރާއީލުގެ ޔަހޫދީ އަންހެނަކާއި މުސްލިމް ފިރިހެނަކާ ކާވެނި ހުއްދަވާނަމަ އެއީ އިސްރާއީލާ ގުޅުން އުފެއްދުމާއި ރަޙްމަތްތެރިކަން އާލާކުރުން ހުއްދަވާނެކަމުގެ ދަލީލެއްކަމުގައި އެބަބުނެއެވެ. سبحـــان اللّـــه އެވެ. އަހްލުކިތާބީންގެ އަންހެނުންނާއި މުސްލިމް ފިރިހެނުންގެ ކާވެނި ހުއްދަކުރެއްވި ފަރާތުން ޔަހޫދީންނާއި ނަޞާރާއިން ރަޙްމަތްތެރީން ކަމުގައި ހެދުން މަނާކުރައްވައިފައިވާކަން މިދެންނެވި ފަރާތަށް ހަމަ ނޭނގެނީބާއެވެ؟ ނުވަތަ ހެއްދެވި ފަރާތުގެ އަމުރުފުޅު ޤަބޫލު ނުކުރަނީބާއެވެ؟ ނުވަތަ އެކިކަންކަމުގައި އެކަލާނގެ ލައްވައިފައިވާ ޙިކުމަތާ ހަމައަށް ވިސްނުން ހަމަނުފޯރަނީބާވައެވެ؟
ކޮންމެއަކަސް މި މައިގަނޑު ނަމަކީ މިހާރު ކޮންމެ ޣީރަތްތެރި މުސްލިމަކު ފިކުރު ހިންގާންޖެހިއްޖެ މައިގަނޑު ނަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެހެންކަމުން އަޅުގަނޑު އެންމެ ފުރަތަމަ ހަނދާނަށް ގެންނަނީ އަރަހުށި މާތް اللّـــه ކީރިތި ޤުރްއާނުގައި ޔަހޫދީންނާމެދު ދެއްވައިފައިވާ އިރުޝާދުތަކެވެ. ޝައްކެއްނެތްގޮތުގައި އެއީ އެންމެ މަތިވެރި އިރުޝާދުތަކެވެ. އެންމެ ބުއްދިވެރި ބަސްފުޅުތަކެވެ. ކުށްނުވާނެ ފަންޑިތަ ބަސްފުޅުތަކެވެ.
ޔަހޫދީންގެ ނުބައި ނުލަފާކަން ބަޔާންކުރައްވައި މުސްލިމުން ހޭލުންތެރިކުރެއްވުމަށް ކީރިތި ޤުރްއާނުގައި ވަނީ ވަރަށްގިނަ އާޔަތްތަކެއް ބާވައިލައްވައިފައެވެ. ޔަހޫދީންނަކީ މުސްލިމުންގެ އެންމެބޮޑު ޢަދުއްވުންކަން އަންގަވައި އެބައިމީހުނާ ރަޙްމަތްތެރިކަމުގެ ގުޅުން ނުއުފައްދާން ވަނީ އަންގަވައި އިންޒާރު ކުރައްވައިފައެވެ. މިގޮތުން ކީރިތި ޤުރްއާނުގެ المـــــائـــدة ސޫރަތުގެ 82 ވަނަ އާޔަތުގެ މާނައިގައިވެއެވެ.
"އީމާންވީ މީހުންނަށް މީސްތަކުންކުރެ ޢަދާވާތްތެރިކަން އެންމެބޮޑު ބަޔަކީ، ޔަހޫދީންނާއި، އަދި ޝަރީކުކުޅަ މީހުންކަމުގައި ހަމަކަށަވަރުން ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ."
މި މޭރުމުން އަދިވެސް ވަޙީކުރައްވައިފައިވެއެވެ.
"ހަމަކަށަވަރުން، އެއުރެންގެ އަނގައިން ދައްކާ ވާހަކައިން ފާޅުވީ ރުޅިވެރިކަމެވެ. އަދި އެއުރެންގެ ހިތްތަކުގައި ފޮރުވިފައިވާ ކަންތައްތައް މާބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި އާޔަތްތައް ބަޔާންކޮށްދެއްވީމެވެ. ތިޔަބައިމީހުން ވިސްނާ ބަޔަކު ކަމުގައި ވީނަމައެވެ." (آل عـمـــــران: 118)
އަދިވެސް ވިސްނައިވަޑައިގަންނަވާށެވެ. ســـــورة الــتـّــوبـــة ގައި ވަޙީކުރައްވައިފައިވެއެވެ.
"ގާތްތިމާގެކަމުގެ ގުޅުމަކަށްވެސް، އަދި ޢަހްދަކަށްވެސް، އެއުރެން މުއުމިނަކާމެދު ނުބަލާނެތެވެ. އަދި އެއުރެންނީ، ހަމަ، ހައްދުފަހަނަޅައިދާ މީހުންނެވެ." (الــتـّــوبـــة: 10)
ކުރީންވެސް ދަންނަވައިފައިވާ ފަދައިން މުސްލިމުންނާމެދު ޔަހޫދީންގެ ހިތްތަކުގައި އޮންނަ ވަރުގަދަ ދުޝްމިނުކަން ބަޔާންކޮށްދެއްވުމާއެކު މުސްލިމުންނަށްވަނީ ޔަހޫދީންނާ ރަޙްމަތްތެރިކަމުގެ ގުޅުން ޤާއިމުކުރުން މަނާކުރައްވައިފައެވެ. މިގޮތުން ވަޙީކުރައްވައިފައިވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި ނަޞާރާއިން (އެއީ) އެކުވެރީންކަމުގައި ނުބަލާށެވެ. އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއް ބަޔެއްގެ އެކުވެރީންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރީންކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެއީ އެއުރެންގެ ތެރެއިންވާ މީހެކެވެ." (المـــــائـــدة: 51)
އަދިވެސް އިތުރަށް ވަޙީކުރައްވައިފައިވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (އީމާންވި މީހުން) ނޫން މީހުންގެ ތެރެއިން ގާތް އެކުވެރިން ތިޔަބައިމީހުން ނުހޯދާށެވެ! (އެހެނީ) ތިޔަބައިމީހުންގެ ކަންތައް ފަސާދަކުރުމުގައި، އެއުރެން ދުލެއް ނުދޭނެއެވެ. އެއުރެން އެދެނީ، ތިޔަބައިމީހުންނަށް ދަތިވެ އުނދަގޫވުމެވެ. ހަމަކަށަވަރުން، އެއުރެންގެ އަނގައިން ދައްކާ ވާހަކައިން ފާޅުވީ ރުޅިވެރިކަމެވެ. އަދި އެއުރެންގެ ހިތްތަކުގައި ފޮރުވިފައިވާ ކަންތައް މާބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އާޔަތްތައް ބަޔާންކޮށްދެއްވީމެވެ. ތިޔަބައިމީހުން ވިސްނާ ބަޔަކުކަމުގައި ވީނަމައެވެ. ތިޔަބައިމީހުން، އެއުރެންދެކެ ތިޔަ ލޯބިވަނީއެވެ. ތިޔަބައިމީހުން، ހުރިހައި ފޮތްތަކަކަށް އީމާންވެގެން ތިބޭއިރުވެސް، އެއުރެން ތިޔަބައިމީހުންދެކެ ލޯތްބެއް ނުވެތެވެ. އަދި، އެއުރެން ތިޔަބައިމީހުންނާ ބައްދަލުވެއްޖެ ހިނދަކު، ތިމަންމެން އީމާންވެއްޖައީމުއޭ ބުނެއެވެ. އަދި، އެއުރެން އެކަހެރިވެއްޖެނަމަ، ތިޔަބައިމީހުންދެކެ އަންނަ ރުޅިން އިނގިލިކުރިތަކުގައި ދައިގަނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ރުޅިއައިސްގެން މަރުވާށެވެ! ހަމަކަށަވަރުން، اللّـــه އީ، ހިތްތަކުގައި ވާހައިކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (آل عـمـــــران: 118، 119)
އަރަހުށި މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"އަދި ޔަހޫދީންވެސް ނަޞާރާއިންވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފުމަށް ދާންދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން اللّـــه ގެ މަގު އެއީ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް ޢިލްމުގެ ތެރެއިން އައިކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފިނަމަ، اللّـــه ގެ ޙަޟްރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި ނަޞްރުދޭނޭ މީހަކުވެސް ނުވާނެތެވެ." (الــبـقــــــرة: 120)
އަރަހުށި މާތް اللّـــه، ޔަހޫދީންގެ ޚުލްޤު ނުބައިކަމާއި، ޚަޞީލަތުގެ ވިޔާނުދާކަންވެސް ވަނީ މުސްލިމުންނަށް ވަރަށް ފުރިހަމަޔަށް ބަޔާންކޮށްދެއްވައިފައެވެ. މިގޮތުން ޔަހޫދީންގެ އަންނަނިވި ސިފަތަކާމެދު ކީރިތި ޤުރްއާނުގައި ވަނީ އިރްޝާދު ދެއްވައިފައެވެ.
އަރަހުށި މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.
"ހަމަކަށަވަރުން، اللّـــه އީ ފަޤީރެކޭ، ތިމަންމެންނީ މުއްސަނދީންނޭ ބުނި މީހުންގެ ބުނުން، اللّـــه އައްސަވައި ވޮޑިގެންފިކަން ކަށަވަރެވެ." (آل عـمـــــران: 181)
އަދިވެސް ވަޙީކުރައްވައިފައިވެއެވެ.
"ޔަހޫދީން ބުނޫއެވެ. اللّـــه ގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ. (ޔަހޫދީން މިހެންބުނީ اللّـــه އަށް ދަހިކަން ނިސްބަތްކުރުމުގެ ގޮތުންނެވެ.) (المـــــائـــدة: 64)
(ނުނިމޭ)
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ