ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންގެ އަދަދު 2018 ވަނަ އަހަރާ އަޅައި ބަލާއިރު 65 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޕީސީބީން އާންމުކުރި ސަރުކާރު ކުންފުނިތަކުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުގައިވާ ގޮތުން މި ކުއާޓާގެ ނިޔަލަށް ސަރުކާރު ކުންފުނިތަކުގައި ތިބީ 32،576 މުވައްޒަފުންނެވެ. ނަމަވެސް ޕީޕީއެމްއިން ރާއްޖޭގެ ވެރިކަން ފަސް އަހަރު ފުރިހަމަކުރުމަށް ފަހު، ދިޔައިރު ސަރުކާރު ކުންފުނިތަކުގައި ތިބީ 18,676 މުވައްޒަފުންނެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުން އެމްޑީޕީގެ މި ވެރިކަމުގައި 13,901 ވަޒީފާ ސަރުކާރު ހިއްސާވާ ކުންފުނި ތަކުގައި ވަނީ އުފައްދައިފައެވެ.

ނަމަވެސް ރިޕޯޓު ތައްޔާރު ކުރި އިރު، ދިރާގު، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އަދި ވެމްކޯ އިން އިތުރު ކުރި ވަޒީފާތަކުގެ މުވައްޒަފުންގެ މައުލޫމާތު ޕީސީބީއަށް ހިއްސާކޮށްފައި ނުވުމުން، އާންމު ކުރި ރިޕޯޓުގައި ހިމަނާފައިވަނީ އެ ކުންފުނިތަކުގައި ނިމިދިޔަ އަހަރުގެ ނިޔަލަށް ތިބި މުވައްޒަފުންގެ އަދަދެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނައީ ފެނަކަ ކޯޕަރޭޝަންގައެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާއާ ހަމަޔަށް އެކުންފުނީގައި 7,379 މުވައްޒަފުން ތިބި އިރު، 2018 ވަނަ އަހަރު އެކުންފުނީގައި ތިބީ ޖުމްލަ 2,756 މުވައްޒަފުންނެވެ.

ދެވަނަ އަށް އެންމެ ގިނައީ އެމްޓީސީސީގައެވެ. އެ ކުންފުނީގައި 4,115 މުވައްޒަފުން އެބަތިއްކަމަށް ޕީސީބީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެމްޑީޕީގެ ސަރުކާރުގައި މުވައްޒަފުން އިތުރު ވާ ވާހަކަ އަކީ އަބަދުވެސް ޕީޕީއެމްއިން ދައްކާ ވާހަކައެވެ. އަދި ސަރުކާރާ އެއްކޮޅަށް އިންތިހާބުތަކުގެ ނަތީޖާ ނެރުމަށް، ހާއްސަކޮށް ކެންޕެއިން ދުވަސްވަރާ ކައިރިކޮށް ފެނަކަ ކުންފުންޏަށް، ގިނަ އަދަދަކަށް ވަޒީފާތަކެއް އެމްޑީޕީގެ މިހާރުގެ ސަރުކާރުން އުފައްދާފައިވާކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިދިކޮޅުން ތުހުމަތު ކުރެއެވެ. ނަމަވެސް މިސަރުކާރުން ވަނީ އެކަންކަން ގޮދުކޮށްފައެވެ.