ގާޒާއިން 1.2 މިލިއަން މީހުން ފޭބުމަށް އިޒްރޭލުން އެންގި އެންގުން ކުށްވެރިކުރާކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ގާޒާއަށް އެއްގަމު މަގުން އެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެ، އިޒްރޭލުން އިއްޔެ ވަނީ ގާޒާގައި ތިބި 1.2 މިލިއަނަށް ވުރެ ގިނަ މީހުން ވީހާވެސް އަވަހަށް ގެދޮރު ދޫކޮށް އެ ސިޓީން ފޭބުމަށް އަންގައިފައެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާޒާގެ ރައްޔިތުން ފޭބުމަށް އެންގުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެނބުރި އާދެވޭނެ ކަމުގެ ގެރެންޓީއަކާ ނުލައި އެފަދަ ކަމެއް ކުރުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި އެއީ މަޖުބޫރު ކުރުވުން ކަމަށާއި އެ އަމުރު ބަދަލުކުރަން ޖެހޭ ކަމަށެވެ.

ބަޔާނުގައި ބުނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މި އުދުވާނަކީ ބައިނަލް އަގުވާމީ އަދި އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާ ހިލާފަށް ހިންގާ ޖަރީމާއެއް ކަމަށެވެ.

"ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓުވުމަށް މަޖުބޫރުކުރުވައި ގައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރުކުރުމަށް ބާރުއެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ގޮވާލަމެވެ." ބަޔާނުގައި ވެއެވެ.

ފަލަސްތީނުގެ ރައްޔިތުން ވަކި ދައުލަތެއް އުފެއްދުމަށާއި، އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާ ނުލައި ދުވެހި ސަރުކާރު ތާއީދުކުރުންމަތީ ދެމިތިބޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދޭނީ އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިކަމެއްގެ ގޮތުގައި ހިމެނޭހެން، 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ ގޮތުގެ މައްޗަށް މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރެވިގެން ކަމަށް ބުންޏެވެ.