ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ ކޯލިޝަނަށް މަދުވެގެން މަޖިލީހުގެ 60 އަށް ވުރެގިނަ ގޮނޑި ހޯއްދެއްވުމަކީ އެންމެ ބޮޑު އަމާޒު ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ސަންގުޓީވީ"ގެ ޕްރޮގްރާމެއްގައި މިރޭ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، އާ ސަރުކާރުގެ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ ކޯލިޝަނަށް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ ވީހާވެސް ގިނަ މެންބަރުން ހޮވުން. ދެން އެންމެ ބޮޑަށް ބޭނުންވަނީ 2/3 މެޖޯރިޓީއެއް ހާސިލުކުރެވޭ ވަރަށް މެންބަރުން ހޮވުން. މާނައަކީ 90 އަށް ވުރެ ގިނަ މެންބަރުން ހޮވަން އެބަ ތިބި، އެހެންވީމާ 60 އަށް ވުރެ ގިނަ މެންބަރުން ޕީޕިއެމް/ޕީއެންސީގެ މަޖިލީހުގައި އަދި އަޅުގަނޑުމެންނާ ގުޅިފައި ތިބި ކޯލިޝަންއަށް ސުޕަ މެޖޯރިޓީއޭ މިކިޔާ ގޮތަށް 2/3 މެޖޯރިޓީއެއް ލިބޭ ވަރަށް މަސައްކަތް ކުރުން،" މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއާއި އެމްއެންޕީ ކޯލިޝަނުން މަޖިލީހަށް ނުކުންނަ ބޭފުޅުންގެ ތެރެއިން ތިން ބައިކުޅަ އެއްބަޔަކީ އަންހެނުންނަށް ހެދުމަށް ބާރު އަޅުއްވާނެ ކަމަށާއި އަދި މަޖިލީހަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ގާބިލު، ރައްޔިތުން ބަލައިގަންނަ ބޭފުޅުންނަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިހާރު ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ ކޯލިޝަންގެ ތިއްބަވަނީ 12 މެންބަރުންނެވެ. އެއީ އިންތިހާބީ ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފާއެކު އެވެ. މަޖިލީހުގެ 55 މެންބަރުންނާއެކު އެންމެ ބޮޑު މެޖޯރިޓީއެއް އޮތީ ވެރިކަން ކުރާ އެމްޑީޕީގެ އަތުގައެވެ. މަޖިލީހުގެ މައިނޯރިޓީ އޮތީ، ދަ ޑިމޮކްރެޓްސް އަތުގައެވެ.