އެއްވެސް ރަށެއްގައި ހިންގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނުވަތަ މަޑުޖައްސާލަން އަންގާފައިނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ބައެއް ކަންކަން ނުކުރުމަށް، އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ދިހަ ކަމެއް ނުކުރުމަށް އެދިފައެވެ. އޭގެ ތެރޭގައި، ޕީއެސްއައިޕީ އަދި އެހެން ވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން ހިމެނެއެވެ.
އެކަމުގެ ސަބަބުން ބައެއް ކުންފުނިތަކުން ވަނީ، އެ ކުންފުނިތަކުގެ މަސައްކަތްތަކަށް ދަތިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސަރުކާރުންވެސް ވަނީ އިންތިގާލީ މަރުހަލާގައިވެސް ސަރުކާރު ހުއްޓުވާފައި ނުބޭއްވޭނެ ކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބައެއް ރަށްރަށުގައި މަސައްކަތް ހުއްޓާލައި މެޝިނަރީތައް ބާލަމުންދަނީި އެމަނިކުފާނު އަންގަވައިގެން ކަމަށްބުނެ ދައްކަމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައްސާލަން އަޅުގަނޑު ނުދަންނަވަން. އަދި އަޅުގަނޑުގެ ފަރާތުން އެއްވެސް ބޭފުޅަކުވެސް އެކަހަލަ އެންގުމެއް ނާންގާނެ" އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އިންތިގާލީ މަރުހަލާގައި ބައެއް ކަންކަން ނުކުރުމަށް އެދިފައިވާ އިރު، ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދެމުން އަންނަ ކަންކަން ހުއްޓާލަން އެންގުމުގެ ބާރު ގާނޫނީ ގޮތުން އިންތިހާބީ ރައީސްއަށް ނޯންނާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުވެސް ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު