މަގާމުގެ ހުވާ ނުކުރައްވާ ރައީސުލްޖުމްހޫރިއްޔާއަކަށް ގައުމު ހިންގަންވީގޮތް ނޭނގޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ދަ ޑިމޮކްރެޓްސް މެންބަރުންނަށް ރައްދު ދެއްވައިފިއެވެ.
ޖާބިރު އެ މެންބަރުންނަށް ރައްދު ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަތްކަމެއް ނުކުރުމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ސޯލިހަށް އަންގަވާފައި ވަނިކޮށް، ޕާކިސްތާނު ސަފީރުކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލައިގައި ޑެމޮކްރެޓްސްގެ މެންބަރުން ކަންބޮޑުވުން ފާޅު ކުރައްވައި ފާޑު ވިދާޅުވުމާ ގުޅިގެންނެވެ.
ޕާކިސްތާނު ސަފީރުކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީން އާއްމު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވުމާ ގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، އިންތިގާލީ މަރުހަލާގައި ކަންކަން ނުކުރުމަށް އިންތިހާބީ ރައީސް އަންގަވާފައި ވަނިކޮށް، ގައުމުތަކަށް ސަފީރުން ހަމަޖައްސަން ފޮނުވުމަކީ ކުރިއަރާފައިވާ ޑިމޮކްރެޓިކް ގައުމުތަކުގައި ކަންކުރާ ގޮތެއް ނޫން ކަމަށެވެ. އިންތިހާބަކުން ދެރަވީމާ ދެން އޮންނާނީ ރީތިކޮށް ވެރިކަން ފުރޮޅާލުން ކަމަށާއި ވެރިކަން ބަދަލުކުރުމުގެ ފަސޭހަތައް ދެން އަންނަ ފަރާތަކަށް ދިނުން ކަމަށެވެ.
އަލީ އާޒިމް ވިދާޅުވީ، ހަތްކަމެއް ނުކުރުމަށް ކަނޑައަޅައި އިންތިހާބީ ރައީސްގެ ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެކަންކަން ސަރުކާރުން ކުރަމުންދާތީ އެކަން ހުއްޓުވުމަށް ގާނޫނުއަސާސީގެ 94 ވަނަ މާއްދާއިން މަޖިލީހަށް ކުރެވިދާނެ ކަމެއް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. އެއީ އެކަންކަން ނުކުރުމަށް އިލްތިމާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުން އަމުރު ކުރުން ކަމަށްވެސް ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ 94 ވަނަ މާއްދާގައި ބުނަނީ، ކަނޑައެޅޭ ވަކި ކަމެއް ކުރުމަށްޓަކައި އެކިއެކި އަމުރުތައް ނެރުމާއި ގަވާއިދު ހެދުމާއި އެނޫންވެސް ގާނޫނީ ބާރު އެކުލެވިގެންވާ އަމުރުތައް ނެރުމުގެ ބާރު ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް ގާނޫނެއްގެ ދަށުން ދިނުމުގެ އިހުތިޔާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށެވެ.
ޑިމޮކްރެޓްސް މެންބަރުންގެ ތެރެއިން، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ސަފީރުން އައްޔަން ކުރަން ފޮނުއްވި މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
އޭނާ ވިދާޅުވީ އިތުރު ގައުމަކަށް ސަފީރެއް އައްޔަން ކުރުމަށް އިއްޔެ މަޖިލީހަށް ފޮނުވުމަކީ ޕާލިމަންޓަރީ ސިސްޓަމެއް ކަމަށެވެ. ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދު ވެސް ފަރުމާކޮށްފައި ވަނީ ރިޔާސީ ނިޒާމެއްގައި ރައީސުންނާ އެކު ސަރުކާރު ބަދަލުވާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ މެންބަރުން ފާހަގަ ކުރެއްވި ކަންތައްތަކާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، މަޖިލީހުގެ ބަހުސްގެ ވަގުތުގައި އެކަންކަން ފާހަގަ ކުރެއްވުމަށް މެންބަރުންނަށް ލަފާ ދެއްވާ ކަމަށެވެ.
އެ މެންބަރުންނަށް ރައްދު ދެއްވި މެންބަރުންގެ ތެރެއިން އެމްޑީޕީގެ މެންބަރު، ކެލާ ދާއިރާގެ އިބްރާހިމް ޝަރީފް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ކުރައްވަންޖެހޭ އެއްވެސް ކަމެއް ކުރުން މަނާކުރެވިދާނެކަން، ގާނޫނުއަސާސީގެ އެއްވެސް މާއްދާއެއްގައި ނޯންނާނެ ކަމަށެވެ. އަދި އެ ގޮތަށް މާއްދާއެއް އޮތްނަމަ އެ މާއްދާ ދެއްކުމަށްވެސް ޝަރީފް އަލީ އާޒިމަށް ދެންނެވިއެވެ.
އެ މެންބަރުންގެ ވާހަތަކަގާ ގުޅިގެން، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވީ، ސަރުކާރުން ކަންކަން ނުކުރުމަށް ހުވާ ނުކުރާ ރައީސަކު އެބަ އަމުރުކުރައްވަމުން ގެންދަވާ ކަމަށެވެ.
"ގައުމު ހިންގަންވާ ގޮތް އެހެނެއް ނޭންގޭނެ ގައުމު އެންމެ މިނެޓަކަށްވެސް ހުއްޓިގެނެއްނުވާނެ،" ޖާބިރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު