އަންނަ 2024 ވަނަ އަހަރަށް، ރައްޔިތުންގެ މަޖިލީހަށް 186 މިލިޔަން ރުފިޔާގެ ބަޖެޓެއް ހޯދަން ހުށަހަޅައިފިއެވެ.

ބައެއް މަޖިލިސް މެންބަރުން އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދެވުމާއި ބައެއް އެހެން މެންބަރުންވެސް ޕާޓީ ބަދަލު ކުރެއްވުމާ ގުޅިގެން، މަޖިލީހުގައި ހިމެނޭ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުން، މަޖިލިސް ކޮމިޓީތަކުގައި ހިމެނިފައިވާގޮތަށް ގެނައި ބަދަލަށްފަހު، މިއަދު ބޭއްވި އާއްމު ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އޮތީ އަންނަ 2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ބޭނުންވާ ބަޖެޓާ ބެހޭގޮތުން މަޝްވަރާ ކުރުމެވެ.

އަންނަ އަހަރަށް މަޖިލީހަށް، 186 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް ބުނެ، އެ ބަޖެޓުގެ ތަފްސީލްތައް މަޖިލިސް އިދާރާއިން ވަނީ އާއްމު ކޮމިޓީއާ ހިއްސާ ކޮށްފައެވެ.

އެގޮތުން، މުވައްޒިފުންގެ މުސާރަ ނުހިމަނައި، ޖުމްލަ މަޖިލިސް އިދާރާއަށް 34 މިލިޔަން ރުރިޔާ ބޭނުންވާ ކަމަށް ހިމަނާފައިވާ އިރު، މަޖިލިސް މެންބަރުންނާއި މުވައްޒަފުންގެ މުސާރައަށް 71 މިލިޔަން ބަޖެޓްގައި ވަނީ ހިމަނައިފައެވެ. އަދި އިތުރުގަޑީގެ ފައިސާގެ ގޮތުގައި ހަ މިލިޔަން ރުފިޔާ، މުއަޒަފުންނާއި މެންބަރުންނަށް ދޭންޖެހޭ ލިވިން އެލަވަންސާއި ކޮމެޓީ އެލަވަންސާއި ސާވިސް އެލަވަންސްފަދަ އެލަވަންސްތަކަށް 61 މިލިޔަން ރުފިޔާ ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ރިޓަޔާމަންޓް ޕެންޝަނުގެ ގޮތުގައި ދައްކަންޖެހޭ ހަތް ޕަސެންޓަށް ފަސް މިލިޔަން، ކެޕިޓަލް ހަރަދުތަކަށް 2.9 މިލިޔަން ރުފިޔާ ވަނީ ހިމަނައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ގެކޮޅުގެ ކަންތައްތަކަށް 3.8 މިލިޔަން ރުފިޔާވެސް ވަނީ ހިމަނައިފައެވެ.

އަންނަ 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ އިންތިހާބުގައި، އެ ދައުރަށް އިތުރުވާ މަޖިލީހުގެ ހަ މެންބަރުންނަށް ބޭނުންވާ މުސާރަވެސް ބަޖެޓްގައި ވަނީ ހިމަނައިފައެވެ. އެގޮތުން މަޖިލިސް އިންތިހާބު ބާއްވަނީ އަންނަ އަހަރުގެ ތެރޭގައި ކަމުން، އިތުރުވާ ހަ މެންބަރުންނަށް ހަތް މަހާއި ހަތަރު ދުވަހަށްވާ މުސާރައަށް 3.6 މިލިޔަން ރިފިޔާ ވެސް ވަނީ ހިމަނައިފައެވެ.

އޭގެ އިތުރުން އަލަށް ފަށާ ކަންތައްތަކަށް، ފަސް މިލިޔަން ރުފިޔާއާ ހަމައަށް ސީލިންއެއްވެސް ބަޖެޓުގައި ވަނީ ކަނޑައަޅައިފައެވެ. މަޖިލިސް އިދާރާއިން ކޮމިޓީއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މަޖިލީހަށް ބޭނުންވާ 186 މިލިޔަން ރުފިޔާގެ ބަޖެޓާމެދު ފިނޭންސް މިނިސްޓަރާ މަޝްވަރާ ކޮށްފައިވާ ކަަމަށެވެ. އެހެންކަމުން އެ ބަޖެޓަށް ކޮމިޓީގައި އިތުރަށް ބަހުސް ކުރުމަށް މިއަދު ވަނީ ނިންމައިފައެވެ.