ގާޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތް ކަމުގައިވާ ހަމާސްއިން މިހާތަނަށް ދުވަހަކުވެސް އިޒްރޭލާ ދެކޮޅަށް ދީފައިނުވާހާ ވަރުގަދަ ހަމަލާތަކެއް ހޮނިހިރު ދުވަހު ވަނީ ދީފައެވެ. ހަމައެކަނި އެއްގަމަކުން ނޫނެވެ. ކަނޑާއި ވައިގެ މަގުންވެސްމެއެވެ. ހަމަލައިގެ އެންމެ ފުރަތަމަ ރާޅުގައިވެސް މަދުވެގެން ފަސްހާސް ރޮކެޓް ފޮނުވައިލިއެވެ. މި ރޮކެޓްތައް އިޒްރޭލުގެ ދެކުނުން ފެށިގެން އެންމެ އުތުރުގައިވާ ތަންތަނަށްވެސް ފޯރިއެވެ. ރޮކެޓް ފޮނުވުމަކީ އަލަށް ކުރި ކަމެއް ނޫނެވެ. އަލަށް ކުރިކަމަކީ ހަމަސީދާ އިޒްރޭލަށް އެއްގަމާއި ކަނޑުގެ މަގުން އަރައިގަތުމެވެ. އިޒްރޭލުގެ ދެކުނުގައިވާ ކިތަންމެ އަވަށެއްގެ މައްޗަށް ހަމާސްގެ މުޖާހިދުން ބާރު ހިންގިއެވެ. ބައެއް އަވަށް އަވަށުގައި އަދިވެސް ވަރުގަދަޔަށް ހަނގުރާމަ އެބަހިނގައެވެ. ގަބޫލުކުރެވިފައިވާ ގޮތުން އިޒްރޭލުގެ އާއްމުންގެ ތެރެއިން މަދުވެގެން ސަތޭކައެއްހައި މީހުން ވަނީ މަރުވެފައެވެ. މިވަރުގެ އޮޕަރޭޝަނެއް ހިންގީ ނުވަތަ ފެށީ ކީއްވެގެން ބާވައެވެ؟
ހަމާސްގެ މުޖާހިދުން އާއްމުގޮތެއްގައި އިޒްރޭލަށް ހަމަލަދެނީ އިޒްރޭލުގެ އުދުވާންތަކުގެ ރައްދުގައެވެ. ގާޒާއަށް ބޮންެއެޅުމާއި ހަމާސްގެ ކޮންމެވެސް ކޮމާންޑަރަކު ޝަހީދުކުރުންފަދަ އަމަލެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މިފަދަ ކަމެއްނެތި ހަމާސްއިން އިސްވެ ކުއްލި ހަމަލާއެއް ދިނުމަކީ ވަރަށް ނުކުރާ ކަމެކެވެ. މިފަހަރުގެ ހަމަލާއަކީ އިޒްރޭލަށްވެސް އަދި މުޅި ދުނިޔެއަށްވެސް ކުއްލި ހައިރާންކަމެއް ގެނުވި ހަމަލާއެކެވެ. ހަމާސްއިން ބުނާގޮތުގައި މިއީ ފާއިތުވި އެތަކެއް އަހަރު ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާފައިވާ އަދި ހިންގަމުން އަންނަ ޖަރީމާތަކަށް ދިން ރައްދެކެވެ. މުސްލިމުންގެ މުގައްދަސް ތަންތަނުގެ ހުރުމަތް ކަނޑަމުންދާތީ އެކަމުގެ ބަދަލު ހިފުމެކެވެ. މި އޮޕަރޭޝަން ހުއްޓައިލާނީ ފަލަސްތީނު މިނިވަންކޮށްފައެވެ. އިސްތިއުމާރުގެ ވަކިތައް މުޅިން ލުއްސާލައިފައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ހައްގުތައް އަލުން ރުޖޫއަކޮށްދީފައެވެ.
ހަމާސްއިން އެބުނާ އަމާޒަށް ވާސިލްވެވޭނެތޯ ނުވަތަ ނޫންތޯ، އެއީ އަދި ކަށަވަރުކަމެއް ނޫނެވެ. ކަށަވަރު ކަމަކީ ހަމާސްގެ ހަމަލައިގެ ރައްދު ވަރަށް ވަރުގަދަޔަށް އިޒްރޭލުން ދޭނެކަމެވެ. އިޒްެރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ގައުމު މިހާރު އޮތީ ހަނގުރާމައިގެ ހާލަތުގައިކަން އިއުލާން ކުރައްވައިފައެވެ. އިޒްރޭލުގައި މިހާރު އެއޮތް ސަރުކާރަކީ އިޒްރޭލުގެ މުޅި ތާރީޚުގައިވެސް އެންމެ ހަރުކަށި ސަރުކާރެވެ. ހަމާސްގެ ކުއްލި ހަމަލައިގެ ސަބަބުން މި ސަރުކާރު ޒަޚަމްވެއްޖެއެވެ. އިޒްރޭލުގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިނުދެވޭ ސަރުކާރެއްކަން ހާމަވެއްޖެއެވެ. އެހެންވީމާ މިލަދުން އަރައިގަތުމަށް އިޒްރޭލުން ކޮށްފައި ނުކުރާނީ ވަކި މިވެނި ކަމެކޭ ބުނަން އުނދަގުލެވެ. ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. މުޅި ގާޒާ ގަބުރުސްތާނަކަށްވެސް ހަދައިފާނެއެވެ. އިޒްރޭލު ސިފައިންގެ ރައްދު އޮޕަރޭޝަނުގައި މިހާތަނަށްވެސް ފަލަސްތީނުގެ ތިންސަތޭކައަށްވުރެ ގިނަ އާއްމުން ޝަހީދުވެއްޖެއެވެ.
އިޒްރޭލާ ދެކޮޅަށް އެއްވެސް ބަޔަކު މިހާތަނަށް ދީފައިނުވާވަރުގެ ވަރުގަދަ ހަމަލާތަކެއް ހަމާސްއިން ދިނީ އޭގެ ރައްދު އަންނާނެކަން ނޭނގި ކަމަށް ބުނަން އުނދަގުލެވެ. އިޒްރޭލަށް ކުއްލި ސިހުމެއް ގެނެވުނަސް އިޒްރޭލުގެ ކެރިކުޅަދާނަކަން ހަމާސްއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ލޭ އޮހޮރުވައިލުމުގައި ވަކި އިންތަކެއް ނުބަލާނެކަންވެސް އެނގޭނެއެވެ. ޔުކްރޭނުގެ ހަނގުރާމަޔާ ގުޅިގެން ދުނިޔެ ނާމާންވެފައިވާ މިދަނޑިވަޅުގައި މިވަރުގެ އިސްނެގުމެއް ނެގުމުގެ ފަހަތުގައި އަދިއެހެން ސަބަބުތަކެއް ހުރުމަކީ ނުހަނު އެކަށީގެންވާ ކަމެކެވެ. ބައެއް ގައުމުތަކުން މިކަމުގައި ނުސީދާ ދައުރެއް އަދާކޮށްފައި އޮތުމަކީވެސް ނުހަނު ކައިރިކަމެކެވެ. ހުޅަނގުން ހެސްކިޔާފައި ޔުކްރޭނަށް ހަތިޔާރު އޮއްސަމުން، ފައިސާ އޮއްސަމުން އެދަނީ އެހެން ބަޔަކު ޔުކްރޭނަށް އަރައި ޔުކްރޭނުގެ ބިންތައް ފޭރިގެންފައިވާ ކަމަށް ބުނެ ޔުކްރޭނުގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައެވެ.
މި ދަނޑިވަޅުގައި ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ދެތިން ގިޔަރު މައްޗަށް ޖައްސައިލީމާ ހުޅަނގުން ދައްކާ ވާހަކަޔާއި ކުރާކަންކަން ދިމާނުވާކަން ދުނިޔެއަށް ހާމަވާނެއެވެ. އިޒްރޭލުގެ އިސްތިއުމާރުގެ ވާހަކަ ނުދައްކައި ރޫސީންގެ އިސްތިއުމާރުގެ ވާހަކަ ދެއްކުން އައިބުކަމަކަށްވެސް ވާނެއެވެ. މިކަމުގެ ފައިދާއެއް އޮތިއްޔާ އެފައިދާ އޮތީ ރޫސީވިލާތަށެވެ. އެހެންވީމާ މިހަމަލާ ދިނުމުގައި ހަމާސްއަށް ސިއްރިޔާތުގައި ވާގިވެރިވެ ހިތްވަރުދިނީ ރޫސީންކަމަށްވެސް ވެދާނެއެވެ. ދުނިޔޭގައި މިފަހަކަށް އައިސް ހިނގާ މިޒާތުގެ ގިނަކަންކަން ފެތެނީ މި ގިންތިއަށެވެ. މީގެ އެއްމިސާލަކީ އެފްރިކާގެ ބައެއް ގައުމުތަކަށް ގެނައި އިންގިލާބުތަކެވެ. މި އިންގިލާބުތަކުގައި ޖެހިފައިވަނީ ބޮޑެތި ބާރުތަކުގެ ކޯޅުންތަކުގެ ކުލައެވެ. ގާޒާއަކީ އިޒްރޭލުން ގަދަޔަށް ހިސާރުކޮށްފައި އޮންނަ ސަރަހައްދަކަށްވިޔަސް ގާޒާއަށް ހަތިޔާރު ވަދެއެވެ. އެނޫންތަކެތިވެސް ވަދެއެވެ. ހަމާސްއިން ފޮނުވާ ހުރިހާ ރޮކެޓަކީ ހަމާސްގެ އަމިއްލަ އުފެއްދުންތަކެއް ނޫނެވެ.
ފަލަސްތީނުގެ ޖަމާއަތްތަކުގެ ތެރެއިން އެންމެ ވަރުގަދަ ޖަމާއަތަކީ ހަމާސްއެވެ. އެންމެ ބޮޑަށް ހިތްވަރާއި ފަންވަރު ހުރީވެސް އެމީހުންގެ ކިބައިގައެވެ. އިޒްރޭލު އެންމެ ޖެހިލުންވަނީވެސް ހަމާސް ދެކެއެވެ. އެކަމަކު އިޒްރޭލު ގުޑުވައިލެވޭވަރުގެ ހަމަލާއެއް އެއްގަމާއި ވަޔާއި ކަނޑުގެ މަގުން ދިނުމަކީ ހަމަމިހެން ތިބެފައި ހަމާސް ޖަމާއަތަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ. ކުރެވޭނަމަ މީގެކުރިންވެސް މިކަހަލަ އޮޕަރޭޝަނެއް އޮންނާނީ ހިންގައިފައެވެ. އެހެންވީމާ މިފަހަރު ބޮޑު ބާރެއްގެ އަތެއް އޮތްކަމަށް ހީކުރަން ޖާގަ ލިބެއެވެ. ދެން ވިސްނައިލަން އޮތް ނުގުތާއަކީ ސިޔާސީ ނުގުތާއެކެވެ. ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްފަދަ ގައުމުތަކުން އެތިބީ އިޒްރޭލަށް ދޮރު ހުޅުވައިގެންނެވެ. ގުޅުންތައް އުފެއްދުމުގެ މަގު ދަނީ ކޮށެމުންނެވެ. މި ދަނޑިވަޅުގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން މަރައި ހުސްކުރާ މަންޒަރު ދެކެން މިގައުމުތަކަށް ފަސޭހަވާނެބާވައެވެ. ނުވާނެއެވެ. އިޒްރޭލުން މިހާބޮޑު ގަތުލުއާއްމެއް ހިންގާއިރު އިޒްރޭލާ ގުޅުން ބަދަހިކުރަން އަރަބި އެއްވެސް ގައުމަކަށް ފަސޭހައެއް ނުވާނެއެވެ. އެހެންވީމާ ހަމާސް މެދުވެރިކޮށް މެދުއިރުމަތި އިތުރަށް ހަލަބޮލިކޮށްލީމާ ކޮންމެވެސް ބަޔަކަށް ސިޔާސީ މަންފާއެއް އެބަލިބެއެވެ. އެބަޔަކީ އީރާނު ކަމަށްވެސް ވެދާނެއެވެ. މިހާތަނަށްވެސް އީރާނަކީ ހަމާސް ޖަމާއަތުގެ އެންމެ ބޮޑު މަދަދުގާރެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ