ނާލާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. މަންމަގެ މޫނުން ފެންނަމުންދާ ރުޅިވެރިކަމުގެ އަސަރުތަކުން އޭނަގެ ހިތުގައި ޖެހިލުންވުން ވެސް އުފެދުނެވެ. ދެވޭ ޖަވާބެއްގެ ގޮތުން އިތުރަށް މަންމަ ނުރުހުންވެދާނެތީ ވެސް ހިތްނުތަނަވަސްވެއްޖެއެވެ. މަންމައާ ކުރިމަތިލާން ވެއްޖެނަމަ އެއީ އަބަދު ވެސް ނާލާގެ ހާލެވެ. އޭނަގެ ދިފާއުގައި އަދުމެ ބަސް ބުނާ ބައްޕައާއި ކޮއްކޮ މިއަދު ގާތުގައި ނެތުމުން އިތުރު ހާސްކަމެއް ލިބުނެވެ. އޭނަ ރުހައިމްއާއެކު ޒަވާޖީ ހަޔާތެއް ފެށި ދުވަހުން ފެށިގެން މަންމަގެ ނުރުހުންތެރިކަން އަމާޒުވެފައިވާކަން ނާލާ ދަނެއެވެ. ފާޅުގައި މަންމަގެ ހިތްހަމަނުޖެހުން ހާމަ ނުކުރިޔަސް އޭނައަށް އިހުސާސްކުރެވެއެވެ. އެކަމާ ނުހަނު ދެރަވެސް ވެއެވެ. މަންމަ ހެޔޮހިތުން ރުހައިމް ޤަބޫލުކުރާނެ ދުވަހަކަށް އަބަދުމެ އިންތިޒާރުކުރެވެއެވެ. ރުހައިމްއާ މެދު މަންމަ ދެކެމުން އަންނަ ނަޒަރިއްޔާތު ބަދަލުވުމަށް އަބަދުމެ އެހިތް އެދެއެވެ. މަންމަގެ ރުހުން އޭނަގެ ކައިވެންޏަށް ލިބެން ވެސް ބޭނުން ވެއެވެ.
''ކީއްވެ އެއްޗެއް ނުބުނެ ތިހުންނަނީ؟، ނާލާ... މަންމަ މިކުރާ ސުވާލަށް ތެދުތެދަށް ޖަވާބުދޭތި، ވަރަށް ގިނަ ދުވަސް ވެއްޖެ މިސުވާލު ކުރަން ހިތުލައިގެން ހުންނަތާ، ނާލާ ހިތުގައި ޖެހިދާނެތީ މަޑުން މި ހުންނަނީ... އެކަމަކު ދެނެއް މަޑަކުން ނުހުރެވޭނެ، ނާލާގެ އަމަލުތަކުން މަންމަގެ ހިތުގައި އޮތް ޝައްކު ޔަޤީނަށް ބަދަލުވާން ފަށައިފި...'' ނާލާގެ ކުރިމައްޗަށް ހުއްޓެމުން ނަދީމާ ވާހަކަދެއްކިއެވެ. އޭނަ ފަރުވާތެރިކަމާއެކު ނާލާގެ މޫނަށް ބަލައިލިއެވެ. ކަމެއް ސިއްރުކުރާނަމަ އެކަމުގެ އެންމެ ފުނަށް ފީނަން ބޭނުންވެފައިވާ ހާލުގައެވެ.
މަންމަގެ ޖުމްލައިން ނާލާއަށް ލިބުނީ ހައިރާންކަމެވެ. މަންމަގެ އަޑުގައިވި ސީރިޔަސްކަން އޭނައަށް ނަގައިގަނެވުނެވެ. އިތުރު ނުތަނަވަސްކަމެއް ލިބުނީ މަންމަ އޭނައަށް ބަލަމުން ދިޔަ ނަޒަރު ތަފާތުވެފައިވާކަން ފާހަގަ ކުރެވުމުންނެވެ.
''ކޮން ސުވާލެއްތަ؟...'' ނާލާއަށް އަހާލެވުނެވެ.
''ރުހައިމް ކުއްޖަކު ބޭނުން ނުވަނީތަ؟... އެންމެފަހުން މަންމައާ ބައްދަލުވި ދުވަހު ނާލާ ބުނީ ރުހައިމްއާ ވާހަކަދައްކާނަމޭ، އެކަމަކު ހިޔެއް ނުވޭ ނާލާ ވާހަކަދެއްކިހެނެއް، އެއީ ކީއްވެ؟... ރުހައިމް ކުއްޖަކު ބޭނުން ނުވާތީތަ؟ އެހެންވެތަ މަންމަ އެވާހަކަ ދައްކާ އިރަށް ނާލާ ހާސްވަނީ؟.....'' ނަދީމާ ބުންޏެވެ. އޭނަ ނާލާގެ އަތުގައި ހިފައިލިއެވެ. މިހާރު އެއަޑުގައި ރުޅިވެރިކަމެއް ނެތެވެ. ރުންކުރުކަން އެކުލެވިގެންވި މޫނަށް ވެސް ކަންބޮޑުވުމުގެ ކުލަވަރުތައް ވެރިވެއްޖެއެވެ. ލޯބިވާ ދަރިފުޅުދެ ދިރިއުޅުމުގެ ހުރިހާ ސިއްރެއް ހޯދަން ނަދީމާ ބޭނުން ވާ ކަހަލައެވެ. ދަރިފުޅުގެ ހިނިތުންވުންތަކުގެ ފަހަތުގައި ހިތްދަތިކަން ވަންހަނާ ކުރެވިފައިވާނަމަ އެނގެން ބޭނުންވާތީއެވެ. ރުހައިމްގެ ސަބަބުން ނާލާ ކުޑަމީސް ހިތްދަތިކަމެއް ތަހައްމަލު ކުރާނަމަ އެމަންޒަރު ބަލަން އޭނައަކަށް މަޑަކުން ނުހުރެވޭނެއެވެ. ބިލާލްއާ ދެކޮޅަށް ތެދުވަން ޖެހުނަސް އެދުވަހަކުން އޭނަ މަޑަކުން ނުހުންނާނެއެވެ.
މަންމަގެ ސުވާލުން ނާލާ ދިޔައީ ސިއްސައިގެންނެވެ. ރުހައިމްއާ މެދު މަންމަ ދެކެމުން އަންނަ ނަޒަރިއްޔާތު ބަދަލުނުވާކަމުގެ ހެއްކަކަށް އެޖުމްލަ ވެސް ފުދުނެވެ. އޭނަގެ ހިތުގައި ރިއްސާލިއެވެ. މަންމަގެ ވިސްނުން ބަދަލުކުރަން ކަންތައްކުރަންވީ ކިހިނެއް ބާވައޭ ހިތާއި ސުވާލުކޮށްލެވުނެވެ.
''މަންމާ...'' ނާލާއަށް ގޮވާލެވުނެވެ. އުދާސްކަން ނާލާގެ އަޑުގައި އެކުލެވިފައިވިއެވެ.
''ތެދުތެދަށް މަންމަ ކުރި ސުވާލަށް ޖަވާބު ދީބަލަ...'' ނާލާގެ އަތަށް ފިތާލަމުން ނަދީމާ ބުންޏެވެ. އެހިތުގެ ހިނގުން އަވަސްވެލިއެވެ. ޖަވާބު އައިސްދާނެ ގޮތަކާމެދު ކަންބޮޑުވިއެވެ.
''ކީއްވެގެންތަ އެކަހަލަ ވާހަކައެއް ރުހައިމް ދައްކާނީ، މަންމައަށް ތި ހީކުރެވެނީ ގޯސްކޮށޭ، ރުހައިމްއަކީ އެކަހަލަ މީހެއް ނޫނޭ... ވަޒީފާގެ ސަބަބުން އަހަރުމެންނަށް ކުއްޖަކު ހޯދުމާ މެދު ވިސްނާނުލެވުނީ، ރުހައިމްއާ އެވާހަކަ ދައްކަން ވެގެން މަޑުކޮށްގެން މިހުންނަނީ ޗުއްޓީ ލިބެންދެން، މާހައުލު ބަދަލުކޮށްލަން ބޭނުންވާތީ... އޭރުން އެވާހަކަ ދައްކަން ވެސް ފަސޭހަ ވާނެތީ... މަންމަ ރުހައިމްއާ މެދު ތިގޮތަށް ދެކެނީ ކީއްވެތަ؟... ރުހައިމް އަހަރެން ދެކެ ވަރަށް ބޮޑަށް ލޯބިވޭ، އަހަރެން ދެރަވާނެ ފަދަ ކަމެއް ދުވަހަކު ވެސް ރުހައިމް ނުކުރާނެ، އެކަމުގެ ޔަޤީންކަން އެބައޮތް، އަހަރެން ވެސް ރުހައިމް ދެކެ ވަރަށް ބޮޑަށް ލޯބިވޭ....... މަންމަ ވެސް އަހަންނަށްޓަކައި ރުހައިމް ޤަބޫލުކުރޭ...'' ނާލާގެ ލޮލުން ކަރުނަ ހިލުނެވެ. ރުހައިމްގެ ހިތުގެ ސާފުކަން މަންމައަށް ބަޔާންކޮށްދޭން ނާލާ މަސައްކަތްކުރިއެވެ. ރުހައިމް އޭނަ ދެކެ ވާ ލޯބި ވެސް މެއެވެ. އޭރުން މަންމަގެ ވިސްނުން ފަހަރެއްގައި ބަދަލުވެދާނެޔޭ އޭނަގެ ހިތަށް އެރިއެވެ.
ނަދީމާ ހުރީ ހިމޭންވެފައެވެ. ނާލާގެ ލޮލުން އޮހޮރެމުން އައި ކަރުނަތަކުން އެހިތަށް އިލްހާމެއް ވެގެން ދިޔައެވެ. ރުހައިމް ދެކެ ނާލާ ވާ މަތިވެރި ލޯބި އޭނައަށް ތަސައްވަރު ކުރެވުނެވެ. އެދެމެދުގައި އޮތް ގުޅުމުގެ ފުރިހަމަކަން ވެސް މެއެވެ. ހަމަހިމޭންވެފައި އެމަންޒަރު ބަލަން ނަދީމާއަށް ހުރެވުނީއެވެ. އެހިތަށް ވެސް އަސަރުތަކެއް ކުރިއެވެ. ދުވަހަކު ވެސް ނާލާގެ ލޮލުން ކަރުނަ ފައިބާ މަންޒަރު ދެކެން ބޭނުން ނުވާތީއެވެ. އެދަރިފުޅު ހިތްދަތިވެ ކަރުނަ އަޅާ މަންޒަރު ބަލަން އޭނަގެ މައިލަގޮނޑިއަކަށް ކެތެއް ނުވާނެއެވެ. ހިތްހަރުމީހަކަށް ވެގެން އުޅުނަސް ދަރިންގެ ކަންތަކުގައި ނަދީމާގެ ހިތް މަޑު ކަފަކޮޅަކަށް ބަދަލުވެގެން ދެއެވެ. މައިވަންތަކަމުގެ ކުލުނު އުތުރިއަރައިގެން ދެއެވެ. އޭނައަށް ޒީލަގަދަ އަދި ހަރުކަށި މީހެއްގެ ލަޤަބު ލިބިފައި ވިޔަސް ހަޤީޤަތުގައި އޭނައަކީ ޖަޒުބާތީ މީހެކެވެ. ހިތުގެ އިހުސާސްތައް ވަންހަނާކުރަން ހަރުކަށިމީހަކަށް ވެގެން އުޅެނީ އޭނަގެ ބަލިފައި މީހުންނަށް ސިއްރުކުރަންށެވެ.
''ނާލާ...'' ނާލާގެ ކޯތާފަތުގައި ރޮނގުދަމާލާފައި ތިރިއަށް ފައިބަމުން ދިޔަ ކަރުނަތައް ނަދީމާ ފޮހެލަދިނެވެ. އަދި ފުން ނޭވާއެއް ދޫކޮށްލިއެވެ.
''މަންމައަށް ދެކެވުނު ވާހަކައަކުން ދަރިފުޅުގެ ހިތުގައި ޖެއްސިފައިވާނަމަ މަންމަ މަޢާފަށް އެދެން، ދަރިފުޅުގެ މުސްތަޤުބަލާ މެދު މަންމަ ފިކުރު ބޮޑުވާތީ އެސުވާލު ކުރަން ޖެހުނީ، މަންމަ ބޭނުންވަނީ ދަރިފުޅު އުފަލުގައި އުޅޭ މަންޒަރު ދެކެން، މަންމައަށް ވުރެން ފުރިހަމަ ދިރިއުޅުމެއް ދަރިފުޅަށް ލިބެން ބޭނުން...'' ނާލާ ގެނެސް އޭނަގެ މޭގައި ޖައްސާލަމުން ނަދީމާ ބުންޏެވެ. ރުހައިމް ދެކެ އެހިތުގައި އުފެދިފައިވާ ހިތްހަމަނުޖެހުމަކީ ނާލާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގައި ނާކާމިޔާބުވެދާނެތީ އެކަމުން އުފެދޭ ނުތަނަވަސްކަމުގެ ނަތީޖާއެވެ. ރުހައިމްއާއި ނާލާއާ ދެމެދު ހުރި ފަރަގުތަކާ މެދުގައި އަބަދުމެ ފިކުރު ހިންގެނީ އެހެންވެއެވެ. އެކުވެރިންގެ ތުންތުންމަތިން ދެކެވޭ ވާހަކަތަކުން ވެސް އޭނަގެ ހިތް ނުތަނަވަސްކުރުވައެވެ.
ލޮލަށް ފެންނަމުންދާ މަންޒަރުތަކުން ނަދީމާއަށް ކަމެއް ޔަޤީންކުރެވުނެވެ. ނާލާގެ ހުރިހާ އުފަލަކާއި ގުޅިފައިވަނީ ރުހައިމްކަމެވެ. އެދަރިފުޅުގެ މުޅި ދުނިޔެއާއި ގުޅިފައިވަނީ ވެސް ރުހައިމްއާއެވެ. އެކަން ޤަބޫލުކުރަން އޭނައަށް އެވަނީ މަޖުބޫރުވެފައެވެ. ދަރިފުޅުގެ ހައްޤުގައި ވިޔަސް ރުހައިމްއަށް ފުރުސަތެއް ދޭން މަޖުބޫރު ވެއްޖެއެވެ. މިވީހާ ތަނަށް ރުހައިމްއާ ދެކޮޅަށް ވާހަކަދައްކައިގެން ނާލާގެ ލޮލުން ކަރުނަ އައިސްފައި ނެތެވެ. ދަރިފުޅުގެ ހިތުގައި އޭނައަށް ޖެއްސިއްޖެކަން ޔަޤީން ކުރެވުނީ އެހެންވެއެވެ.
ނާލާ ގެންގޮސް ބެލްކަނީގައި ހުރި އުނދޯލީގައި ނަދީމާ ބޭންދިއެވެ. އަދި ނާލާއާ ޖެހިގެން އުނދޯލީގައި އިށީނެވެ. ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔަ އެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ނަދީމާ ވާހަކަދައްކަން ފެށިއެވެ.
''މަންމަ ދަރިފުޅަށް އިތުބާރުކުރަން، ދަރިފުޅު ވީހާ ވެސް އަވަހަކަށް ރުހައިމާ ވާހަކަދައްކާތި......'' ނާލާގެ ބުރަކަށީގައި ފިރުމާލަމުން ނަދީމާ ބުންޏެވެ.
''އަހަންނަށް އެނގޭ ރުހައިމްގެ ބެކްގްރައުންޑްގެ ސަބަބުން މަންމަ ރުހައިމް ދެކެ ހިތްހަމަނުޖެހޭކަން... މަންމާ، ރުހައިމްއަށް ފުރުސަތެއް ދީ، އޭރުން މަންމައަށް އެނގިގެންދާނެ ރުހައިމްގެ ހިތްހެޔޮކަމާއި ރަނގަޅުކަން، އަހަންނަށްޓަކައި ވިޔަސް ހަމަ އެންމެ ފުރުސަތެއް ދީ... މަންމާ، އަހަރެން ވަރަށް ބޮޑަށް ރުހައިމް ދެކެ ލޯބިވޭ، ރުހައިމްއާއެކު ދިރިއުޅުމުގެ ދުވަސްތައް ވޭތުކުރަން އަހަރެން ބޭނުންވަނީ، އެކަން ފުރިހަމަވާނީ މަންމަގެ ރުހުން ވެސް ލިބުމުން......'' ނާލާގެ އަޑުގައި ވަނީ އާދޭހެވެ. އެލޮލުގައި ވިދާބަބުޅަމުން ދިޔަ ކަރުނަތަކުން ވެސް ހިތުގެ އުދާސްކަން ހާމަކޮށްދެއެވެ.
ނާލާގެ ބޮލުގައި ފިރުމާލަމުން މަޑުމަޑުން ނަދީމާ ބޯޖަހާލިއެވެ. ދަރިފުޅުގެ ހައްޤުގައި ރުހައިމް ޤަބޫލުކުރަން ފުރަތަމަ ފަހަރަށް އޭނަގެ ޒަމީރަށް ވިސްނައިދިނެވެ. އަހަރުތަކެއް ފަހުން ވިޔަސް ރުހައިމްއަށް ފުރުސަތެއް ދޭން އޭނަ ގަސްދުކުރީ އެހެންވެއެވެ.
ނާލާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. މަންމަގެ ފަރާތުން އޭނަ އެދެމުން ދިޔަ ޖަވާބު ލިބުމުނީތީއެވެ. ހިތަށް ވެސް ފިނިކަމެއް ލިބުނެވެ. އެތައް އަހަރެއް ފަހުން ކެތްތެރިކަން ކުޑަވެފައިވި އެހިތަށް ހަމަޖެހުން އިހުސާސް ކުރެވުނެވެ. ކަރުނަތައް ފޮހެލަމުން ހިނިތުންވެވުނެވެ. އަދި މަންމަގެ ގައިގައި ބައްދާލެވުނެވެ.
*****
މެންދުރެވެ. އިރުގެ ގަދަ ހޫނުން ދުނިޔެ ވަނީ ދޮން ކޮށްލެވިފައެވެ. ވައިރޯޅިއެއްގެ ހިލަމެއް ވެސް ނުވާއިރު އެހެން ދުވަސްތަކަށް ވުރެން ހޫނުކަމަށް ދައްކައެވެ. ލަސްލަހުން އުޑުގައި ދައުރުވަމުންދާ ވިލާތަކުން ކުޑަ ވަގުތުކޮޅަކަށް ވިޔަސް އިރުގެ ހޫނުކަމަށް ހުރަސް އަޅަމުން ދިޔަ އެވެ.
ބާރު ސްޕީޑްގައި އެނބުރެމުން ދިޔަ ފަންކާއަށް ބަލަން ރުހައިމް އޮތެވެ. އޭނަގެ ކަނާއަތް އޮތީ ނިއްކުރިމަތީގައެވެ. މޫނަށް އަރާ ފައިބަމުންދާ ކުލަވަރުތަކުން ކަމަކާ މެދު ފިކުރުބޮޑުވެފައިވާކަން ހާމަކޮށްދެއެވެ. އެގޮތުގެ މަތީން އެތައް އިރެއް ފާއިތުވެގެން ދިޔަ އެވެ. ވިސްނަމުން ގޮސް އޭނަގެ ބޮލުގައި ވެސް ގަދަ ރިހުމެއް އުފަންވެއްޖެއެވެ. ކަންތައް ކުރަންވީ ގޮތަކާއި މެދު އޭނައަށް އަމިއްލަ ނަފުސާއެކު އެއްބަސްވުމަކަށް ނާދެވެނީއެވެ.
''ޔަޝްފީ ގާތަށް އަހަރެން ދާނީ ވެސް ކިހިނެއް؟، ވެދިޔަ ކަންތަކަށް ފަހު ޔަޝްފީއާ ކުރިމަތިލާނީ ވެސް ކިހިނެއް؟... އެކަމަކު ވާހަކަނުދައްކާ ހުރެވޭކަށް ވެސް ނެތް، ފުރާ ގަޑި ވެސް އެދަނީ ކައިރިވަމުން...'' ރުހައިމްއަށް އަތުކުރީ އޮތް ގަޑިއަށް ބަލައިލެވުނެވެ. ވަގުތު އެދަނީ ކުޑަތަން ވަމުންނެވެ. އެގޮތުގެ މަތީގައި ވަގުތު ހޭދަކުރަން ވެއްޖެނަމަ އެއްވެސް ކަހަލަ ނަތީޖާއެއް ނުނެރެވޭނެއެވެ. ހެދުނު ގޯސްތަކުގެ ޒިމްނާ ނަގާނަމަ ކުރިއަށް ފިޔަވަޅެއް އަޅަން އޭނައަށް އެވަނީ މަޖުބޫރުވެފައެވެ. ކިތަންމެ ނާޒުކު ފަތްތަރެއްގެ މަތީގައި ހުއްޓަސް ގޮތެއް ނިންމަން އެބަޖެހެއެވެ. އެހެންނޫންނަމަ ކަންތައް ދާނީ ގޯހުން ގޯހަށެވެ. އޭރުން ބޮޑު ހައިޖާންގަނޑެއް އުފެދޭނެއެވެ.
ރުހައިމްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ އެނދުން ތެދުވުނެވެ. އެއަށްފަހު އޭނަ މިސްރާބުޖެހީ ކޮޓަރިން ނިކުންނާށެވެ. ކަންތަކާއި ކުރިމަތިލުމުގެ ބަދަލުގައި އެކަމާއި ޖެހިލުންވެ ބިރުގަންނަނަމަ ދިރިއުޅުން އިތުރަށް ބަނަވުން ނޫންކަމެއް ނުވާނެއެވެ.
*****
''ޗެކިންއަށް ދާން ޖެހޭ ގަޑި ވެސް ކައިރިވަނީ، ރުހައިމް ކޮބާތަ؟... އަނެއްކާ އަހަރެންގެ ޚަބަރެއް ބެލުމެއް ނެތި ފުރަން އުޅެނީތަ؟، ނޫން، އެހެނެއް ނުވާނެ، ރުހައިމްއަކީ އެކަހަލަ ފިރިހެނެއް ނޫން، ރަނގަޅަށް ވިއްޔާ އަހަންނާ ކުރިމަތިލާން ނުކެރިގެން އެއުޅެނީ...... އެހެންތާ ވާނީ، ކުށްވެރިއަކަށް ވީތީ އަހަރެންގެ ގާތަށް އަންނަން ފަސްޖެހޭނެތާ......'' ކޮޓަރީގެ ސޯފާގައި އޮތް ޔަޝްފީއަށް ބުނެވުނެވެ. އަތުގައި އޮތް ފޯނުން ފޭސްބުކަށް ވަދެގެން އޮތަސް މީސްމީޑިޔާއަށް އޭނަގެ ސަމާލުކަމެއް ނެތެވެ. އޭނަ ވިސްނަމުން ދިޔައީ ރުހައިމްއާއި މެދުގައެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް ފުރުން ލަސްކުރަން ޖެހޭތީއެވެ.
ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑު ޔަޝްފީއަށް އިވުނެވެ. އޭނަގެ ނަޒަރު ދޮރާއި ދިމާއަށް ދަތުރުކުރިއެވެ. ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވީ އެއީ ކާކުކަން ޔަޤީންކުރެވުނީތީއެވެ. އިރުކޮޅެއް ވަންދެން އެކަމަށް ސަމާލުކަން ނުދީ އޭނަ އޮތެވެ. ރުހައިމްގެ ހިތް ނުތަނަވަސް ކުރުވާށެވެ. އޭރު ޔަޝްފީގެ ތުންފަތުގައި ކުޅެލަމުން ދިޔަ ހިނިތުންވުން ފުން ވެއްޖެއެވެ. މޫނު ވެސް އުޖާލާ ވެއްޖެއެވެ.
''ޔަޝްފީ... ދޮރުހުޅުވަބަލަ، އަހަރެން ބޭނުން ވާހަކަދައްކަން، ޕްލީޒް...'' ޓަކިދެމުން ރުހައިމް ވާހަކަދެއްކިއެވެ. އޭނަ ޔަޝްފީ ގާތު ދޮރުހުޅުވުމަށް އާދޭސްކުރިއެވެ.
''ހުރިހާ ކަމެއް މިދަނީ އަހަރެން ބޭނުންވާ ގޮތަށް...'' ޔަޝްފީ ސޯފާއިން ތެދުވުނެވެ. ދޮރުހުޅުވަންވެގެން އޭނަ ދޮރާއި ދިމާއަށް ހިނގައިގަތެވެ. ދޮރުގެ ތަޅުގައި ހިފުމުގެ ކުރިން އެމޫނުގެ ކުލަވަރުތައް ބަދަލުކޮށްލިއެވެ. ހިތާމައާއި މާޔޫސްކަމުގެ އަސަރު ގެންނަމުން ތަޅުގައި ހިފާ އަނބުރާލިއެވެ.
''އަހަރެން ބޭނުމެއް ނޫން ރުހައިމްއާ ވާހަކަދައްކާކަށް...'' ކުޑަކޮށް ދޮރުހުޅުވާލަމުން ޔަޝްފީ ރުޅިވެރިކަމާއެކު ބުނެލިއެވެ. އެއަށްފަހު އޭނަ އުޅުނީ ދޮރު ލައްޕާށެވެ. އޭގެ ކުރިން ރުހައިމް އެކަމަށް ހުރަސް އެޅިއެވެ. ދޮރާއި ދާރައިގެ ދޭތެރެއަށް ރުހައިމް އަތްތިލަ ލުމުން ޔަޝްފީއަށް ޖެހުނީ މަދުކުރާށެވެ.
''ފަސް މިނެޓް...'' ރުހައިމް ބުނެލިއެވެ.
''މިތަނަށް ވަނުމުގަ ހުއްދައެއް އަހަންނަކަށް ނުދެވޭނެ... ކިހިނެއް އެނގެނީ ރުހައިމްގެ ބާރު އަހަރެންގެ މައްޗަށް އަނެއްކާ ވެސް ފޯރުވަން މަސައްކަތް ނުކުރާނެކަމެއް... އައި ކާންޓް ޓްރަސްޓް ޔޫ...'' ޔަޝްފީ ބުންޏެވެ.
''އެންމެ ރަނގަޅު... އެހުރި ބެލްކަނިއަށް ހިނގާބަލަ... ޕްލީޒް، އަހަރެންގެ ފަރާތުން ޔަޝްފީއަށް އަނިޔާއެއް ނުލިބޭނެ...'' ސަރައްކާލިން ހިނގާފައި ގޮސް ނިކުމެވެން ހުރި ބެލްކަނިއަށް އިޝާރާތް ކުރަމުން ރުހައިމް ވާހަކަދެއްކިއެވެ. އޭނައަށް އިތުބާރުކުރަން ޔަޝްފީއަށް އުނދަގޫ ވާނެ މިންވަރު ރުހައިމްއަށް އަންދާޒާ ކުރެވުނެވެ. އެދެމެދުގައި އޮތް ނުތަނަވަސްކަމަށް ނިމުމެއް ގެންނަން ވެސް އޭނަ ހުރީ ބޭނުންވެފައެވެ. އެއީ ކިހާ އުނދަގޫކަމެއްކަން އެނގޭ އިރުގައި ވެސް މެއެވެ. ކުރިއަށް ފިޔަވަޅެއް އަޅައިގެން މެނުވީ ދިރިއުޅުން ގޮސްފައި އޮތް އަޑިގުޑަންގަނޑުން އަރައިނުގަނެވޭނެއެވެ. ރުހައިމްއަށް އެކަން ވިސްނުނެވެ.
އިރުކޮޅެއް ވަންދެން ވިސްނާލަން ޔަޝްފީ ހުއްޓެވެ.
''ރުހައިމް ދޭ، އަހަރެން އަންނާނަން އިރުކޮޅަކުން...'' ފޫހިކަމާއެކު ޔަޝްފީ ބުންޏެވެ. އަދި ދޮރުލައްޕާލިއެވެ.
''އަޅޭ، ރުހައިމް ހުރި ހާލަތު ފެނުމުން ދެރަ ވެސް އެބަވޭ، އެކަމަކު ކީއްކުރާނީ... ރުހައިމް އަހަންނަށް ލިބުން އޮތް ހަމައެކަނި ގޮތަކީ މިއީ، އެފޫހި އަންހެނާގެ ފަރާތުން ރުހައިމް ސަލާމަތްކުރެވޭނެ ގޮތަކީ ވެސް މިއީ... އަޅެ ރުހައިމްއަށް އޭނަގެ ފަރާތުން ކޯޗެއް ފެނިގެންތަ އުޅެނީ؟... އޭނައަށް ވުރެން ހުރިހާ ގޮތަކުން ވެސް އަހަރެން ފުރިހަމަ...'' ޔަޝްފީއަށް ތުންދަމާލެވުނެވެ. ރުހައިމްގެ ހިތާމަތަކާއި ގުޅިފައިވާ އަސްލު ސަބަބަކީ ނާލާކަން ޔަޝްފީއަށް ވިސްނުނެވެ. ނާލާއަށް ހުރިހާ ކަމެއް ހާމަވެދާނެތީ އެކަމާ ރުހައިމް ހާސްވެފައި ހުރި މިންވަރު ވެސް ނަގައިގަނެވުނެވެ. އޭނައާއި ވާހަކަދައްކަން ރުހައިމް އައި މައިގަނޑު ސަބަބަކީ ކޮބައިކަން ވެސް ވިސްނައިގަނެވުނެވެ. އެއާއެކު ހިސާބަކަށް ރުޅިވެސް ގަދަ ވިއެވެ. ނާލާއާ މެދު އެހިތުގައި އޮތްނަ ހަސަދަވެރިކަން އިތުރުވެގެން ދިޔަ އެވެ.
''ދުވަސްތަކެއް ނުވެ ރުހައިމްގެ ދިރިއުޅުމުން އޭނަ ބޭރުކުރާނަން، އޭރުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބޭނީ، އޭނަ ހޭދަކުރަންޖެހޭނެ ހިތްދަތި ދުވަސްތައް މިހާރުވެސް އަހަންނަށް ފެންނަ ކަހަލަ...'' ޔަޝްފީ އޭނަގެ ހިތަށް ވިސްނައިދިނެވެ. އާޚިރު ނަތީޖާއާ މެދު އުފާވާނެ މިންވަރު ހަނދުމަކުރަމުންނެވެ. ރުހައިމްގެ ބަލި ފަޔަކީ ކޮބައިކަން އޭނައަށް ރަނގަޅަށް އެނގެއެވެ. އޭނަގެ މުހުތާދަށް ބޭނުންކުރެވޭނެ ގޮތްތައް ވެސް އެނގެއެވެ.
*****
ބެލްކަނީގެ ރެއިލިންގްގައި ހިފަހައްޓައިގެން ރުހައިމް ހުއްޓެވެ. އޭނަގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ހާމައަށް އޮތް އުޑަށެވެ. އެހެނިހެން ދުވަސްތަކަށް ވުރެން ޖައްވުގައި ނޫކަން ގަދަހެން ހީވެއެވެ. އެމަންޒަރު ބަލަން ހުރިއިރު އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ ނާލާ އެވެ. އޭނަގެ ފިކުރުތަކާއި ނާލާ ގުޅިލާމެހިގެން ދިއުމާއެކު ހިތަށް ތަދު ވެއްޖެއެވެ. ނާލާގެ ލޮބުވެތި ހިނިތުންވުން ތަސައްވަރު ކުރެވުމުން ހިތުގެ ރިހުން ގަދަ ވާން ފެށިއެވެ. އެހިނިތުންވުން ގެއްލިގެން ދާކަށް އޭނަ ބޭނުމެއް ނޫނެވެ. އެހިތުގައި ބިރު އުފެދިފައިވަނީ އެހެންވެއެވެ. އޭނައަށް އެޅޭ ކަތި ފިޔަވަޅެއްގެ ސަބަބުން ނާލާގެ ހިތަށް އަނިޔާ ލިބޭކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ދިރިއުޅުން ގޮސްފައި އޮތް އަނދިރިކަމުގެ ސަބަބުން އެޔަޤީންކަމެއް މިހާރަކު ނެތެވެ. ހިތް ބިރުގަންނަނީ އެހެންވެއެވެ.
ހަޤީޤަތް ހާމަވުމުން ނާލާއާއި އޭނަގެ އުފާވެރި ހަޔާތަށް ނިމުން އަތުވަދާނެތީ އެކަމުގެ ހާސްކަން ރުހައިމް ވަށާލިއެވެ. ނޭވާ ހާސްކުރުވިއެވެ.
*****
ފެންވަރާލައިގެން ފާޚަނާއިން ނިކުތް ނާލާ، އިސްތަށިގަނޑު ހިއްކަމުން ގޮސް ރީތިވާމޭޒު ކުރިމައްޗަށް ހުއްޓުނެވެ. އަދި ރީތިވާ މޭޒު މަތީ އޮތް ފޯނު ނެގިއެވެ. ރުހައިމްގެ ޚަބަރެއް މިއަދު ނުވާތީ ހައިރާންކަން އެހިތަށް ލިބުނެވެ. އެހެންޏާ ކޮންމެ ދުވަހަކު ރުހައިމް އޭނައަށް ގުޅާނެއެވެ. މެސެޖްކުރާނެއެވެ. މިއަދު ރުހައިމްގެ އެއްވެސް އިޝާރާތެއް ނުވެއެވެ. އެއީ ރުހައިމްއާއި ނުބައްދަލު ކަމެއްކަން ނާލާއަށް ޔަޤީންކުރެވުނެވެ.
''އަނެއްކާ ފުރާތީ އެކަމާ ބިޒީކޮށް އުޅޭނީތަ؟... މިހާރު ޗެކިންއަށް ދާ ގަޑި ވެސް ކައިރިވާނެ، ގުޅަންވީ ކަން ނޭނގެ، ނިދާފަ ވެސް އޮވެދާނެ...'' ނާލާ ވިސްނާލިއެވެ. އެއަށްފަހު އޭނަ ގުޅީ ރުހައިމް އަށެވެ.
*****
ޖިންސްގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން ރުހައިމް ދިޔައީ ސިއްސައިގެންނެވެ. ކުރެވެމުން ދިޔަ ޚިޔާލުތަކުން އެއްވެސްކަމަށް ސަމާލުކަން ދެވިފައި ނެތީތީއެވެ. ފޯނު ނަގައި ބަލައިލިއިރު ގުޅަނީ ނާލާ އެވެ. ވަގުތުން ރުހައިމް ފިނިވެއްޖެއެވެ. އެސްފިޔަޖަހާލުމެއް ނެތި ފޯނުގެ ސްކްރީނަށް ބަލަން ހުރެވުނެވެ. މުޅި މީހާ ވަނީ ގަނޑުވެފައެވެ. ކުއްލިޔަކަށް ނާލާއާއި ވާހަކަދައްކަން ފަސްޖެހެން ފަށައިފިއެވެ.
''ކޮން ވާހަކައެއްތަ ދައްކަން ބޭނުންވެގެން ތިއުޅެނީ؟... ރުހައިމްއަށް ކުރެވުނު ކަންތަކަށް މަޢާފަށް އެދެންތަ ބޭނުމީ؟، ކުރެވުނީ މަޢާފް ހައްޤުވެގެންވާ ވަރުގެ ކަމެއް ނޫން...'' ފަހަތުން އިވިގެން ދިޔައީ ޔަޝްފީގެ އަޑެވެ. ފިނިވެފައިވި ރުހައިމް، ފޯނަށް ޖަވާބު ދިނުމުގެ ބަދަލުގައި ކުރިމަތިލީ ޔަޝްފީއާ އެވެ. އޭރު ފޯނުކޯލް ކެނޑިއްޖެއެވެ. ފޯނު ސައިލެންޓަށްލަމުން ޖިންސްގެ ޖީބަށް ރުހައިމް ފޯނު ލިއެވެ.
ރުހައިމްއަށް ބަލަން ހުރި ޔަޝްފީއަށް ފާހަގަ ކުރެވުނެވެ. އޭނައަށް އެތެރެއިން ހިނިތުންވެވުނެވެ. ނާލާއާއި ރުހައިމްގެ ދެމެދަށް ދުރުކަމެއް ގެނެވިއްޖެކަން ޔަޤީން ކުރެވުމުންނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ