އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އޭނާ ދުރުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެޕާޓީގެ މަޖިލިސް މެމްބަރުން އެދިވަޑައިގެންނެވި ކަމަށް ބުނެ ފަތުރާ ވާހަކައަކީ ދޮގެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިއްޔެކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ އާރަށުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި ފައްޔާޒު، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ދުރުކޮށްދިނުމަށް މެމްބަރުން އެދިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ފައްޔާޒު "ވަން" އަށް މިއަދު ވިދާޅުވީ، އެ ބައްދަލުވުމުގައި އޭނާ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި އޭނާ މަގާމުން ދުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިނުވާނެ ކަމަށެވެ.
"ހުސް ދޮގު، އަޅުގަނޑު ވެސް އިނިން އެ ވިދާޅުވާ މީޓިންގައި" ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު ދުރުކުރަން އުޅޭ ކަމަށް އާޒިމް ވިދާޅުވި އިރު، އެމްޑީޕީން ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވީ ފައްޔާޒާއި އެމްޑީޕީގެ ލީޑާޝިޕްގެ ސަބަބުން ކަމަށް ޑިމޮކްރެޓްސްގެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެމްޑީޕީއަށް އާ ލީޑާޝިޕެއް ބޭނުންވާ ކަމަށްވެސް އެޕާޓީގެ މެމްބަރުން ދަނީ ބުނަމުންނެވެ.
އާޒިމް އެގޮތަށް ތުހުމަތު ކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީ ޕީޖީން މަޖިލީހަށް ހުށަހަޅަން ނިންމާފައި ވަނިކޮށެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމީ، ނަޝީދުގެ ފަރާތުން އެމްޑީޕީއަށް ދަތިކޮށް، އެމްޑީޕީއަށް ގެއްލުންވާ ގޮތަށް އަމަލުކުރައްވަމުން ގެންދަވާތީ ކަމަށް ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު