ކޮޅަށް ހުރުމުގެ ހަކަތަ ހުސްވުމުން ރުހައިމްއަށް ސޯފާއަށް ތިރިވެވުނެވެ. އެވަގުތު އޭނަގެ ލޮލުގައި އަޅައިގަތީ ބިންމައްޗަށް ވެއްޓިފައި އޮތް އަނގޮޓި ފޮށްޓެވެ. އެއަށް ބަލަން އިން ރުހައިމްގެ ދެލޮލަށް އުދާސްކަން ވެރިވިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ކަރުނައިގެ ދިލަކަން އިހުސާސްކުރެވި ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އަނގޮޓި ފޮށި ނެގި ވަގުތު ވޭނީ އާހެއް ވެސް ރުހައިމްގެ ދުލުން ބޭރުވިއެވެ.
''ނާލާ...'' ރުހައިމްގެ އަޑުގައި ރިހުމެއްވިއެވެ. ނާލާއާއި ކުރިމަތިލާނެ ގޮތެއް އޭނައަށް ނޭނގުނެވެ. މުޅި މީހާ ބަލިކަށިވެފައިވާ ފަދައެވެ.
މޭގައި އުފެދިގެން އައި ހައިޖާންގަނޑާއެކު ރުހައިމްއަށް އޭނަގެ މޭގައި މަޑުމަޑުން ފިރުމާލެވުނެވެ. އެހިތުގައި ތޫނު ތަދެއް އުފަން ވެއްޖެއެވެ. ސިކުނޑިއަށް ވެރިވެފައި ވަނީ ހަލަބޮލިކަމެވެ. އޭނަގެ އަތުން ބޮޑު ފާފައަކަށް އަދި ބޮޑު ކުށަކަށް އަރައިގަނެވުމުން މުޅި ނަފުސު ކުށްވެރިކުރެވެމުން ދިޔަ އެވެ. މީހާއަށް އިތުރު ނުތަނަވަސްކަމެއް ލިބިގެންދަނީ އޭނަގެ އަމަލުތައް އެދަރަޖައަކަށް ދިޔަ ސަބަބު ހޯދައި ނުގަނެވޭތީއެވެ. ނާލާ ނޫން އިތުރު އަންހެނަކަށް ރުހުމުގެ ނަޒަރަކުން ބަލައިލަން ވެސް އޭނަ ބޭނުމެއް ނޫނެވެ. އެހިތުގައި އަބަދުމެ އޮތްނަ ނަމަކީ ނާލާ އެވެ. އިހުސާސްތައް ވަނީ ވެސް ހަމައެކަނި ނާލާއަށް ޓަކައެވެ. ކަން އެހެން އޮތް އިރު ޔަޝްފީއާއެކު އެފަދަ ގުޅުމެއް ބޭއްވުމުން މުޅި މީހާ ވާނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. އިތުރު ތަކުލީފެއް ލިބެނީ ޔަޝްފީގެ ދިރިއުޅުން ބަރުބާދުކޮށްލެވިއްޖެކަމުގެ ހިތި ހަޤީޤަތުގެ ސަބަބުންނެވެ. އެކަމުގެ ޒިންމާ ވެސް ނަގަން ޖެހިފައި ވަނީ އޭނަ އަށެވެ. ޔަޝްފީއަށް ވެދާނެ ގޮތަކާ މެދު ވެސް އޭނަ ކަންބޮޑު ވިއެވެ. ހަމައެއާއެކު ނާލާއާ ކުރިމަތިލާނެ ގޮތަކާ މެދުގައި ވެސް އޭނަ ހިތް ނުތަނަވަސް ވެއްޖެއެވެ.
ހިތުގައި އަޅަމުން ދިޔަ ވޭން ކަރުނައިގެ ސިފައިގައި ރުހައިމްގެ ދެލޮލަށް ޖަމާވެއްޖެއެވެ. ކަރުނައިގެ ފިނިކަން ކޯތާފަތަށް އިހުސާސްކުރެވުމުން އަވަސްއަވަހަށް ކަރުނަތައް ފޮހެލެވުނެވެ. އެވަގުތު ދުލުން ވޭނީ އާހެއް ނިކުތެވެ. ފުރާވަރަށް އެރީއްސުރެން ދުވަހަކު ވެސް އެލޮލުން ކަރުނަ ފައިބާފައި ނުވެއެވެ. ދިރިއުޅުމުގައި މިހާތަނަށް މާބޮޑު އިމްތިހާނަކާއި ވެސް ކުރިމަތިލާން ޖެހިފައި ނުވެއެވެ. އޭނަގެ ހިތުގެ ހުރިހާ މުރާދެއް ވެސް އުނދަގުލަކާއި ނުލާ ވަނީ ހާސިލުވެފައެވެ. އޭނަގެ ހަޔާތަށް ނާލާ އައި ދުވަހުން ފެށިގެން ދުވަސްތައް ހޭދަ ވަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމާއެކުގައެވެ. ހިތާމައާއި، މޮޅިވެރިކަމާއި ނުތަނަވަސްކަމަކީ އޭނައާއި ބީރަށްޓެހި އިހުސާސްތަކެކެވެ. ނަމަވެސް ނޭނގި ހުއްޓާ ދިރިއުޅުން ބަނަކޮށްލި ތޫފާނުގެ ސަބަބުން މުޅި ނަފުސު އަނދަވަޅަކަށް ވެއްޓިއްޖެއެވެ. ވަށައިގެން ވަނީ އަނިދިރިކަމެވެ.
ހަތަރުއުދަރެސް ވަނީ ފެނުޖެހިފައެވެ. ހަދަން ވީ ކިހިނެއް ކަމެއް ވިސްނައިގަންނަން ރުހައިމްގެ ސިކުނޑިއަށް ނުކުޅަދާނަ ވެއްޖެއެވެ. ޔަޝްފީއާ މެދު ވިސްނި ސިކުނޑިއަށް އިތުރަށް ބަރުވެގެން ދެއެވެ. ހަމައެއާއެކު ނާލާއަށް ވެދިޔަ ކަންތައް ހާމަ ވެއްޖެނަމަ ނިކުމެދާނެ ނަތީޖާއަކާ މެދު ވެސް ހިތް ބިރުގަންނަން ފަށައިފިއެވެ. އޭނައަށް އެހާދިސާއަށް އިންކާރުކުރެވޭކަށް ވެސް ނެތެވެ. ފެންނަމުންދާ ހެކިތަކުގެ ސަބަބުންނެވެ. ޔަޝްފީ ހުރި ހާލަތުގެ ސަބަބުންނެވެ. އެހެންވުމުން އޭނައާއި ޔަޝްފީއާ ދެމެދު ހިނގި ހާދިސާއަށް އަނދިރި ލޮލެއް ދެވޭކަށް ނެތެވެ. ހަމައެއާއެކު ނާލާގެ ކުރިމަތީގައި އޭނަގެ ނަފުސު ދިފާއު ކުރާނެ ގޮތެއް ވެސް ވިސްނައިގަންނަން އުނދަގޫކަމަކަށް ވިއެވެ. ހުރިހާ ކަމެއް ހާމަ ވެއްޖެނަމަ ނާލާއަށް ލިބޭނެ ތަކުލީފާ މެދު ވެސް ވިސްނަން މަޖުބޫރު ވެއްޖެއެވެ. ނާލާ އޭނައަށް ކުރީ އިތުބާރު ގެއްލިގެންދާކަށް ރުހައިމް ބޭނުމެއް ނުވިއެވެ. ހަމައެއާއެކު ޔަޝްފީގެ ދިރިއުޅުން އޮޔާލާދާކަށް ވެސް ބޭނުމެއް ނުވިއެވެ.
ހިތަށް ވެރިވި މޮޅިވެރިކަމާއެކު ރުހައިމްއަށް އިސްޖަހާލެވިއްޖެއެވެ. ހަތަރުއަނގޮޅިއަކަށް އާދެވިފައިވާކަހަލައެވެ. ކުރިއަށް ދާންވީ ރާސްތާއެއް އޭނައަކަށް ނޭނގެއެވެ. ވަށައިގެންވަނީ އަނދިރިކަމެވެ. ހަމަހިމޭންކަމެވެ. އަލިކަމެއް ހޯދާނީ ކިހިނެއްކަމެއް ވެސް ނޭނގުނެވެ. އެއާއެކު މުޅި މީހާއަށް ލިބުނީ ހާސްކަމާއި ނުތަނަވަސްކަމެވެ. ސިކުނޑިއަށް ބުރަވެ ބޮލުގެ ރިހުން ގަދަވާން ފެށިއެވެ. ރޭގެ ހާދިސާގެ މަންޒަރުތައް ގުޅުވަން ސިކުނޑިއަށް ބާރުލާން ފެށުމުން ބޮލުގެ ރިހުން އިތުރަށް ގަދަވުން ނޫންކަމެއް ނުވިއެވެ. ނޭވާލާން ވެސް އުނދަގޫކަމަކަށްވެ މޭގައި ފިރުމާލެވިއްޖެއެވެ. ކޮޓަރީގައި ހުންނަންވުމުން ވެސް މީހާގެ ހާސްކަން އިތުރުވާން ފެށިއެވެ.
ރުހައިމްއަށް ކޮޅަށް ތެދުވެވުނެވެ. އެއަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ބެލްކަނީގެ ދޮރު ހުޅުވާލުމަށްފަހު ބެލްކަނިއަށް ނިކުތެވެ.
ހެނދުނުގެ ހިތްގައިމު މަންޒަރު ތަސައްވަރު ކުރެވުނަސް ރުހައިމްގެ ހިތަށް ކުޑަމީސް ހަމަޖެހުމެއް ނުލިބުނެވެ. ހިތުގެ ތަކުލީފުތައް ފާއިތުވާ ކޮންމެ މިނެޓަކާއެކު އިތުރުވުން ނޫންކަމެއް ނުވިއެވެ.
ރުހައިމްއަށް އޭނަގެ ބޮލުގައި ހިފަހައްޓާލެވުނެވެ. އަދި ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެމޫނުމަތި ވަނީ މިލައިގެން ގޮސްފައެވެ. މާޔޫސްކަމާއި ހިތްތަދިކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. އެދެލޮލުން ފާޅުވަމުން ދިޔައީ ނުތަނަވަސްކަމެވެ. ކަންތައް ކުރަންވީ ގޮތަކާ މެދު ފިކުރުބޮޑުވެފައިވާކަން ހާމަކޮށްދެއެވެ.
''ކިހިނެއްތަ މިވަނީ؟، އަހަރެންގެ އަތުން އެފަދަ ކަމެއް ކުރެވުނީ ކީއްވެތަ؟... ޔަޝްފީގެ މައްޗަށް ބާރު ފޯރުވުނީ ކީއްވެތަ؟... ވެދިޔަ ކަންތަކަށް ފަހު ނާލާއާއި އަހަރެން ކުރިމަތިލާނީ ކިހިނެއްތަ؟، ޔަޝްފީއަށް އަހަރެން ދައްކާނީ ކޮން މޫނެއްތަ؟، ޔަޝްފީއަށް ވެދާނެ ގޮތަކާ މެދު ވެސް ވިސްނަން އެބަޖެހޭ، އަހަރެންގެ ސަބަބުން މިހުރިހާ ކަމެއް މިވީ، އެކަމަކު ކީއްވެ؟... ކީއްވެތަ މިހެން ވާންވީ، ރޭގައި އަހަންނަށް ކިހިނެއް ވީތަ؟... އަހަންނަށް އެފަދަ ކަމެއް ކުރުމަށް ހިތްވަރު ލިބުނީ ވެސް ކިހިނެއްތަ؟... ވިސްނާވިސްނާ ވެސް އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބުނު، އިތުރު ހާސްކަމެއް ނޫނީ ނުލިބޭ!...'' ރުހައިމްއަށް އޭނަގެ ނަފުސުދެކެ ރުޅި އާދެވުނެވެ. ކިތަންމެ ވަރަކަށް ހަނދާންކުރަން އުޅުނަސް ރޭގެ ހާދިސާގެ މަންޒަރުތައް ރަނގަޅަށް ހަނދާނެއް ނުކުރެވުނެވެ. ހިތުގައި ޖަވާބު ނުލިބޭ ސުވާލުތައް ފުނިޖެހިފައި ވިއެވެ.
ދިރިއުޅުން ގޮސްފައި އޮތް ނާޒުކު ފަތްތަރާ މެދު ރުހައިމްއަށް ވިސްނެމުން ދިޔައެވެ. އޭނަގެ އުފާވެރި ދިރިއުޅުމުގައި ނިމުމުގެ ސިއްކަ ޖެހިދާނެކަމުގެ ގިލަންވެރިކަން ވެސް ހިތުގައި އޮތެވެ.
*****
''ހާދަ ވަރުބަލިވެއްޖެޔޭ، ރުއިމުގެ އެކްޓް ޖައްސަޖައްސާ ދެލޯ ވެސް ރަތް ވެއްޖެ، އަހަރެން ހީކުރީ ރުހައިމް އަހަންނަށް ޝައްކުކޮށްފާނެ ކަމަކަށް، އެކަމަކު އޭނަ ހުރި ހާލަތުގެ ސަބަބުން ރަނގަޅަށް ވިސްނައެއް ނުގަނެވުނު، ނަސީބެއް ކަންނޭނގެ، އެހެން ނޫނަސް އަހަންނަށް ޝައްކު ނުވާނެހެން ރޭވުން ކުރިއަށް ގެންދިޔައީ...'' ލޯގަނޑުން އޭނަގެ ސޫރައަށް ބަލަން ހުރި ޔަޝްފީއަށް އޭނަގެ ކޯތާފަތުގައި ނޫފައިގެންފައި ހުރި ހިސާބުގައި އަތްތިލަ ޖައްސާލެވުނެވެ. އަތްޖައްސާލެވުނު ގޮތަކުން ތަދުގެ އިހުސާސް އޭނައަށް ކުރެވުނެވެ. އާހެއްގެ އަޑާއެކު ވަގުތުން އަތްދަމައިގަނެވިއްޖެއެވެ.
''ލާސްޓް ނައިޓް ވޯސް ރަފް، ބަޓް އައި ލައިކްޑް އިޓް، ކޮންމެހެން ވިޔަސް ރުހައިމްއާއި އަހަންނާ ދެމެދު އޮތް ދުރުމިނަށް ނިމުން ގެނެވިއްޖެ، ކިތަންމެ ވަރަކަށް އިންކާރު ކުރިޔަސް އެކަން ނުވާކަމަކަށް ނުވާނެ، އަހަންނާއެކު ސްލީޕް ނުކުރާކަމަކަށް ނުވާނެ، ވެލް...... ދެން އޮތީ އިންތިޒާރުކުރުން، އަހަރެންގެ ރޭވުން މިއަށްވުރެން ބޮޑަށް ފުރިހަމަވެގެންދާނެ، އޭރުން ރުހައިމް ޖެހެނީ އަހަންނާއި ކައިވެނިކުރަން، އޭގެ ކުރިން ނާލާއާއި ދެމީހުން ދުރުކުރުވާނަން، ނާލާއަކީ ތާކު ހުރި ބޮޑު ގަމާރެއް، އައި ކޭން އީޒިލީ މެނިޕްލޭޓް ހާރ...'' ޔަޝްފީގެ ތުންފަތަށް މަކަރުވެރި ހިނިތުންވުމެއް ވެރިވިއެވެ. އިރުކޮޅެއް ވަންދެން އޭނަގެ ރޭވުން ކާމިޔާބީގެ އިތުރު އުސްމިންތަކަށް ގެންދާނެ ގޮތަކާމެދު ވިސްނަން ޔަޝްފީ ހުއްޓެވެ. އޭރު ވެސް އޭނަގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލަމުން ދިޔައެވެ. އޭނަގެ ހިތަށް އުފާވެރިކަން ލިބިފައި ވިއެވެ. އޭނަގެ މުށު ތެރޭގައި ރުހައިމް ހައްޔަރުކުރެވުނީތީއެވެ. އޭނަގެ ކޮންމެ އިޝާރާތަކަށް ރުހައިމް ލަންބާލެވޭނެކަމުގެ ޔަޤީންކަން ހިތުގައި އޮތެވެ.
ހެދުން ބަދަލުކޮށްގެން ޔަޝްފީ ފާޚަނާއިން ނިކުތް އިރު ކޮޓަރި ތެރެއިން ރުހައިމްގެ ހިލަމެއް ނުވުމުން އޭނައަށް ހައިރާންކަން ލިބުނެވެ. އަވަސްއަވަހަށް ކޮޓަރި ހޯދާލިއެވެ. އޭނަގެ ލޮލުގައި ހުޅުވާލާފައި ހުރި ބެލްކަނީގެ ދޮރު އަޅައިގަތީ ދެނެވެ. ސިއްރު ފިޔަވަޅުތައް އަޅަމުން ގޮސް ބެލްކަނީ ދޮރުގެ ފަރުދާ ކައިރިއަށް އޭނަ ހުއްޓުނެވެ. އަދި ފުރަގަސް ދީގެން ހުރި ރުހައިމްއަށް ބަލައިލިއެވެ.
''އައިމް ސޮރީ ރުހައިމް، މި ނޫން އިތުރު ގޮތެއް އަހަންނަށް ނެތީމަ މިހެން ކަންތައް ކުރަން ޖެހުނީ، އަހަރެންގެ ގާތަށް ރުހައިމް އައުމުން ހުރިހާ ކަމެއް ރަނގަޅު ވާނެ، އެނާލާގެ މަތިން ހަނދާން ނެތޭނެ ވަރަށް އަހަރެން ރުހައިމްއަށް ލޯބި ދޭނަން، މި ދުވަސް ވެސް ހިނގައިދާނެ، އަދި އަހަރުމެން ދެ މީހުންނަށް އުފާވެރި ދިރިއުޅުމެއް ލިބޭނެ... ނާލާއަކީ އަހަރުމެންގެ އުފަލަށް އެޅިފައި އޮތް ހުރަހެއް، އަހަރެން އެކަމަށް ހައްލެއް ހޯދާނަން...'' އަތުގެ ނިޔަފަތީގައި ދަތް އަޅާލަމުން ޔަޝްފީ އޭނަގެ ޒަމީރާއި ވާހަކަދެއްކިއެވެ. އިރުކޮޅެއް ވަންދެން ރުހައިމްއަށް ބަލަން ހުރުމަށްފަހު އޭނަ އަވަސްވެގަތީ އެތަނުން ދާށެވެ.
ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުމުން ރުހައިމްއަށް ފަސްއެނބުރި ބަލައިލެވުނެވެ. އޭނަ އަވަސްއަވަހަށް އެތެރެއަށް ވަނެވެ. ޔަޝްފީއަށް ގޮވާލަން ވެސް ބޭނުން ވިއެވެ. ނަމަވެސް އޭނަ ހުރީ ހިމޭންވެފައެވެ. ޔަޝްފީގެ މޫނަށް އޭނަގެ ނަޒަރު ހުއްޓުމުން އިސްޖަހާލެވިއްޖެއެވެ.
ކުށްވެރިކަމުގެ އިހުސާސްތަކުގެ ތެރޭގައި ރުހައިމްގެ ނަފުސު ޤައިދުވެފައި ވަނިކޮށް ޔަޝްފީ ނިކުމެއްޖެއެވެ.
ޔަޝްފީ ނިކުމެގެން ދިއުމާއެކު ރުހައިމްއަށް އަނެއްކާ ވެސް އޭނަގެ ބޮލުގައި ހިފަހައްޓާލެވުނެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެނދުގައި އިށީނެވެ. އަނެއްކާ ވެސް ސިކުނޑިއަށް ބާރު ލިއެވެ. ރޭގެ މަންޒަރުތައް ގުޅުވަން ބޭނުންވެފައި ވާތީއެވެ. އޭނަގެ އަމަލުތައް ގޯހުން ގޯހަށް ދިޔަ ސަބަބު ހޯދަން ބޭނުންވެފައި ވީތީ އެވެ.
''ރެސްޓޯރެންޓްގަ ހުއްޓާ ބޮލުގަ ރިއްސަން ފެށީ، ދެން އައީ ހޮޓެލަށް، އެއަށްފަހު ޔަޝްފީ އަތުގަ އޮތް އަހަރެންގެ އޮތް ޝޮޕިންގް ބޭގް ހިފައިގެން އޭނަ އައީ، އެއަށްފަހު ވެދިޔަ ކަންތައް އަހަންނަށް ރަނގަޅަކަށް ހަނދާނެއް ނުވޭ...'' ރުހައިމްއަށް އޭނަގެ މޫނުގައި ފިރުމާލެވުނެވެ.
ޔަޝްފީގެ ނިޔަތާ މެދު ރުހައިމްގެ ހިތުގައި ޝައްކެއް ނުއުފެދުނެވެ. އެއަށްވުރެން ބޮޑަށް އޭނަގެ ސަބަބުން ޔަޝްފީއަށް ލިބުނު ވޭނާއި ހިތްދަތިކަމާ މެދު ވިސްނެމުން ދިޔައެވެ. ހިތަށް އެކަމުން އުނދަގޫ ވިއެވެ. އޭނަގެ ސަބަބުން ޔަޝްފީ ހޭދަކުރި ބިރުވެރި، ހިތްދަތި އަދި ގިލަންވެރި ވަގުތުގެ ސަބަބުން ހިތް ވަނީ ހައިޖާނެއްގެ ތެރޭގައެވެ. ޔަޝްފީގެ ދިރިއުޅުން ނަގާލެވިއްޖެކަމުގެ އުދާސްކަމުން ހިތަށް ތުނޑު ތޫނު ކަށިތަކެއް ހެރެން ފެށިއެވެ. ކުށްވެރިކަމުގެ އިހުސާސްތަކުގެ ބޭރުން ރުހައިމްއަކަށް ނުވިސްނުނެވެ. އެއީ ވެސް ޔަޝްފީގެ މަކަރުވެރިކަމުގެ ދަލުގައި ރުހައިމް ހައްޔަރުވެފައިވިކަމުގެ ނިޝާނެކެވެ.
''ފުރުން ވެސް އޮތީ މެންދުރު، ޔަޝްފީ އެހާލުގައި ހުއްޓާ ކިހިނެއް ފުރާނީ ވެސް، ފުރުން ފަސްކުރަން ވީތަ؟، އޭރުން ނާލާއަށް އަހަރެން ދޭނީ ކޮން ޖަވާބެއްތަ؟ ކޮންމެހެން ވިޔަސް އެކަމާ ވިސްނަން އެބަޖެހޭ، ޔަޝްފީ މިއަދު އެހުރި ހާލަތާ މެދު ޒިންމާ ނަގަން އަހަރެން އެބަޖެހޭ، އެއްތަނެއްގައި މަސައްކަތްކުރާ އިރު ކުރިމަތިލާނީ ވެސް ކިހިނެއް؟، މިކަންތައް ހާމަ ވެއްޖެއްޔާ ވެސް އިތުރު ކަންތައްތަކަކާ ކުރިމަތިލާން ޖެހޭނެ، ކޮންމެހެން ވިޔަސް އަހަރެން އެބަޖެހޭ ޔަޝްފީއާއި ވާހަކަދައްކަން، އެކަމަކު އެއީ ރަނގަޅު ޚިޔާލެއްތަ؟... ޔަޝްފީ އަހަންނާއި ވާހަކަދައްކަން ބޭނުން ވެދާނެތަ؟...'' ރުހައިމްއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
*****
ފެންވަރައި ތާޒާ ވެލައިގެން އައިސް ބާތްރޯބްއާއެކު އެނދަށް ވެއްޓިގަތް ޔަޝްފީގެ ކަންފަތުގައި ފޯނުގެ ރިންގްގެ އަޑު ޖެހުނެވެ. ޗޮކެއް ކަނޑާލަމުން އޭނަ ފޯނު ނެގިއެވެ.
''ކޮބާ، ރޭގަ ކަންތައް ދިޔައީ ކިހިނެއްތަ؟ އަޕްޑޭޓެއް ހޯދަން ވެގެންނޭ މިގުޅީ...'' ފޯނު ނެގުމާއެކު އެސްޓާގެ އަޑު އިވުނެވެ. ޔަޝްފީގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.
''ބަރާބަރު، އަހަރެން ބޭނުންވި ގޮތަށް ދިޔައީ، އެކަމަކު ގައިގަ ރިއްސާވަރުން މިއުޅެނީ، އައިމް ސޯރ...'' ޔަޝްފީ ކިޔައިދިނެވެ. އެއާއެކު އެސްޓާގެ ހުނުމުގެ އަޑު އިވުނެވެ. ޔަޝްފީ ވެސް ހޭން ފެށިއެވެ.
''އޭނަ ޝައްކެ ނުކުރޭދޯ؟...'' ހުނުން ކޮންޓްރޯލް ކުރަމުން އެސްޓާ އެހި އެވެ.
''ހޫމްމްމް، ނުކުރޭ، ކުރާނެ ފުރުސަތެއް ލިބުނުނަމަތާ، ހީ ބިލީވްޑް އިޓް އޯލް...'' ޔަޝްފީ ބުންޏެވެ. ''އަހަރެން ކަހަލަ މޮޅު މީހަކު ކުރި ކަމެއް ވީމަ ޖެހޭނީ ޤަބޫލުކުރަންތާ...''
''ދެން ތި އޮތީ އެސޮރު ލިބިފައެއްނު... ދެން ކިހިނެއް ކަންތައްކުރަން ތި ވިސްނަނީ؟...'' އެސްޓާ ޝައުޤުވެރިކަން ފާޅުކުރިއެވެ.
''ދެން އޮތީ އިންތިޒާރުކުރަން، ވަގުތާއެކު އަހަރެން ބޭނުންވާ ގޮތަށް ކަންތައް ވާނެ، އޭރުން ރުހައިމް ޖެހޭނީ އަހަންނާއި ކައިވެނިކުރަން...'' ޔަޝްފީ ބުނެލިއެވެ.
''ދެން މިއަދުތަ ފުރުން އޮތީ؟...'' އެސްޓާ އަހާލިއެވެ.
''ހާދަ ސުވާލު ގިނައޭ ދޯ... މިއަދަކު ނުފުރާނަން، ޓިކެޓް ފަސްކުރާނީ، ހީވަނީ ރުހައިމް އަންނާނެހެން އަހަންނާއި ވާހަކަ ދައްކަން، އަދި ދެ ދުވަސްވަރު މިކޮޅުގަ މަޑުކޮށްފަ ފުރާނީ، އޭރުންތާ އެނާލާގެ ހިތުގައި ސުވާލު އުފެދޭނީ...'' ނުލަފާ ހިނިގަނޑަކާއެކު ޔަޝްފީ ވާހަކަދެއްކިއެވެ. މާބޮޑަށް ހިނިތުންވުމުން ކޮލުގައި ވެސް ރިއްސަން ފެށިއެވެ. އާހެއްގެ އަޑު ބޭރުކޮށްލަމުން ޔަޝްފީ ހުނުން ކޮންޓްރޯލްކުރަން އުޅުނެވެ.
*****
ޑިއުޓީ ނިންމާލާފައި ނާލާ ހޮސްޕިޓަލުން ނިކުންނަން ހިނގައިގަތީ ޝައިހާއާ އެކުގައެވެ. ނާލާގެ ތުންފަތުގައިވި ލުއި ހިނިތުންވުން ފާހަގަވެ ޝައިހާ ސުވާލުކޮށްލިއެވެ. ސުވާލު ކުރި އިރުގައި ވެސް ނާލާގެ އުފާވެރިކަމާއި ގުޅިފައިވާ ސަބަބު އޭނައަށް ވިސްނައިގަނެވުނެވެ. އޭނަގެ ބޭނުމަކަށް ވީ ނާލާއާއި ދިމާކޮށްލުމެވެ.
''ހާދަ ވަރަކަށް ހިނިތުންވަނީ؟...'' ޝައިހާ ސުވާލުކޮށްލިއެވެ. ''ރުހައިމް އަންނާތީތަ؟...''
''ހޫމްމްމް، މާދަމާ ހެނދުނު އަންނާނެ، ދުބާއީގަ ޓްރާންސިޓްކޮށްފަ އަންނާތީ ލަހުން އާދެވިދާނެ ވާހަކަ ވެސް ބުނި...... ފުރަން ދަމުން ގުޅާނަމޭ ވެސް ބުނި...'' ޝައިހާއަށް ބަލައިލަމުން ނާލާ ބޯޖަހާލިއެވެ.
''ހެހެހެ، ހީވަނީ ގަރުނެއް ފަހުން ބައްދަލުވަނީހެން... އެނީ ވޭސް ދެން ނާލާ ޗުއްޓީއަށް ދާނީ ދޯ؟، ނާލާ ދިޔައީމަ ވަރަށް ފޫހިވާނެ، އޭރުން އުޅެން ޖެހެނީ މިތާ އުޅޭ ފޫހި މީހާގަނޑާއެކުގަ، އޭނަ ލީވްގަ އުޅޭތީ ހާދަ ބޮލަށް ފަސޭހައޭ، އެކަމަކު އަންނަ ހަފްތާގަ އޭނަ އަންނާނެ...'' ޝައިހާ ތުން ދަމާލިއެވެ.
ވިވިއަންއާ މެދު ވިސްނާލިޔަސް އޭނަ ރުޅިގަދަ ވެއެވެ. ޝައިހާއަށް ބަލަން ހުރި ނާލާ ގާތަށް ހިނިއައެވެ.
''ދެން ކިޑެއް ހޯދަން ބޭނުން ވާހަކަ ރުހައިމްއާ އަވަހަށް ހިއްސާކުރާތި، ނާލާއަށް ބޭބީއެއް ލިބޭނެ ދުވަހަކަށް މިހާރު ވެސް އިންތިޒާރުކުރެވެނީ...'' ދަތްތައް ފެންނަވަރަށް ޝައިހާ ހިނިތުންވެލިއެވެ. ޝައިހާގެ ވާހަކައާއި އެއްބަސްވުމުގެ ގޮތުން ނާލާ ބޯޖަހާލިއެވެ.
''ގެއަށްތަ ދެން ދަނީ؟، ހިނގާބަލަ އަހަންނާއެކު ބީޗަށް ގޮސްލަން...'' ޝައިހާ ދައުވަތު ދިނެވެ.
''މިއަދަކު ނޫން، އެހެން ދުވަހަކުން ދާނީ، މަންމަ ގުޅާފަ ބުނި ގެއަށް އަންނާށޭ ވެސް...'' ނާލާ ބުނެލިއެވެ.
''އެހެންތަ؟... އެހެންވިއްޔާ ގިނައިރު ނަދީމާއާންޓީ އިންތިޒާރުގައި ބަހައްޓަން ނުވާނެ...'' ޝައިހާ ބުންޏެވެ. ދެއެކުވެރިން ވަދާއުގެ ސަލާން ބަދަލުކޮށްލުމަށްފަހު، ނާލާ އަވަސްވެގަތީ ޓެކްސީއެއް ހޯދާށެވެ. ޝައިހާ އުޅެނީ ހޮސްޕިޓަލާއި ކައިރީގައި ހުންނަ ގެއެއްގައި ކަމަށްވުމުން އޭނަ ދިޔައީ ފައިމަގުގައެވެ.
*****
''ކޮބާ ރުހައިމްއާ ވާހަކަދައްކައިފިންތަ؟...'' ޕެންޓްހައުސްއަށް ވަދެގެން އައި ނާލާއަށް އޭނަގެ މަންމަގެ އަޑު އިވުނީ ބެލްކަނިންނެވެ. އެއާއެކު އޭނަ އަވަސްވެގަތީ ބެލަނަކިއަށް ނިކުތުމަށެވެ. ގެއަށް އައިއިރުގައި ވެސް މަންމަ ވާހަކަދައްކާނީ އެމައުޟޫޢުއަށް ކަން އޭނައަށް އޮތީ ލަފާކޮށްލެވިފައެވެ. އިރުކޮޅެއް ވަންދެން ވިސްނާލެވުނީ އޭނަ ދޭ ޖަވާބަކުން މަންމަ ހިތްހަމަނުޖެހިދާނެތީއެވެ.
''ބައްޕަ ކޮބާތަ؟...'' ބައްޕަ ގޭތެރެއިން ނުފެންނަތީ ނާލާ ސުވާލުކޮށްލިއެވެ. ގަސްތަކަށް ފެންދޭން އުޅުނު ނަދީމާ އޭނަ ކުރަމުން ދިޔަ ކަންތައް މަޑު ޖައްސާލަމުން ނާލާއަށް ބަލައިލިއެވެ. އޭނަ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނާލާ ސުވާލުކުރުމުން އެކަމާ ހިތްހަމަނުޖެހިފައެވެ.
''ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރަން ގޮއްސަވީ...'' އަތުގައި އޮތް ގަހަށް ފެންދޭ ޖަގު އެތާ ހުރި ކުޑަ އަށްޓެއްގެ މަތީގައި ބަހައްޓަމުން ނަދީމާ ވާހަދެއްކިއެވެ.
''މަންމަ މިހާރު އޮރެންޖް ގަހެއް ވެސް ގަތީތަ...'' ބެލްކަނީގައި ހުރި އޮރެންޖް ގަހުގެ ޓުކުރި ފެނުމުން ނާލާ ބުނެލިއެވެ. ގަސް ކުޑަޔަސް މާތަކުން ގަސް ވަނީ ބަރާވެފައެވެ. ޖެހިލާ ރޯޅިތަކުގެ އެކުލެވިގެންވަނީ ބެލްކަނީގައި ހުރި ތަފާތު މާގަސްތަކުގެ ހިތްގައިމުކަމެވެ.
''މަންމަ ކުރި ސުވާލަށް ޖަވާބު ދީބަލަ، ރުހައިމްއާ ވާހަކަދައްކައިފިންނޭ، ވާހަކަ ދައްކާނަމޭ ބުނިތާ ވެސް އެތައް ދުވަހެއް ވެއްޖެ، ނާލާއަށް ރުހައިމް ގާތު ބުނަން ނުކެރެންޏާ މަންމަ ރުހައިމްއާ ވާހަކަދައްކަންތަ؟...'' ނަދީމާގެ އަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައިވިއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ