ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން މަސައްކަތް ފަށައިފިއެވެ.
ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "ވަން" އަށް މިރޭ ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކޮށް، އެ މަގާމުން އެމަނިކުފާނު ދުރުކުރުމުގެ މައްސަލަ މަޖިލީހަށް ވައްދަން އެދި ގިނަ މެންބަރުން ހުށަހަޅުން އަންނަ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕީޖީ ގުރޫޕުގެ ބައްދަލުވުމެއް މާދަމާ މެންދުރު 1:30 ގައި ބާއްވަން ނިންމާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް މަގާމުން ދުރު ކުރެވޭނީ އިތުބާރު ނެތްކަމުގެ ވޯޓުގައި މަދުވެގެން 45 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.
އެމްޑީޕީގެ 54 މެމްބަރުން ސޮޔާ އެކު މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ، އެމްޑީޕީން އެ މަނިކުފާނު ވަކިވުމުގެ ކުރީން މިދިޔަ ޖޫން މަހުއެވެ.
މަޖިލިސް ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ވެސް މީގެ ކުރިން ފޮނުވިއެވެ. ނަމަވެސް މިދިޔަ ޖުލައި މަސް ނިމުމުން، މަޖިލިސް ޗުއްޓީއަށް ދިޔައީ އެ މައްސަލަ އެޖެންޑާ ނުކޮށެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން މަޖިލިސް ކޮމިޓީގެ މަސައްކަތްތައް ހުއްޓި، މަޖިލީހުގައި މަރުތަޅު އަޅުވާފައި އޮތުމުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކަމަށް ބުނެ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެމްޑީޕީން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔައެވެ.
ޚަބަރު
ޚަބަރު
ޚަބަރު