އުރީދޫ މޯލްޑިވްސް އިން ހުޅުމާލޭގައި ހުންނަ ރެޑްވޭވް މޯލްގައި އުރީދޫގެ ޝޮޕް އިން ޝޮޕް ކައުންޓަރެއް ހުޅުވައިފިއެވެ.

އުރީދޫން މިއަދު ބުނީ ރެޑްވޭވް މޯލްއާއެކު ކުރިއަށްގެންދާ އެ ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ މަގުސަދަކީ ކަސްޓަމަރުންނަށް މޯލްގައި ވިޔަފާރިކުރާ އިރު، ލުއިފަސޭހަކަމާއެކު އުރީދޫގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

ރެޑްވޭވް މޯލްގައި ހުޅުވުނު ޝޮޕް އިން ޝޮޕް ކައުންޓަރުން ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ސިމް ކާޑު ގަތުމާއި، އުރީދޫ ބިލުތައް ދެއްކުމާއި، ސުޕަނެޓްގެ ހިދުމަތް ހޯދުމާއި، 5ޖީ ބްރޯޑްބޭންޑްގެ ހިދުމަތް ހޯދުމުގެ އިތުރުން އެންމެ ފަހުގެ ޕްރޮމޯޝަންތަކުގެ މައުލޫމާތު ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

އޭގެ އިތުރުން ކޭޝްލަސް އަދި އަވަސް ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމަށް ރެޑްވޭވް މޯލް އަދި ރެޑްވޭވްގެ އެހެން ފިހާރަތަކުން ވިޔަފާރިކުރާ މީހުންނަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާލެވޭނެ ކަމަށާއި އެއީ އުރީދޫގެ އައުޓްލެޓަކަށް އިތުރު ދަތުރެއް ނުކޮށް ރެޑްވޭވް މޯލުން ވިޔަފާރިކުރަން ދާ މީހުންގެ ވަގުތު ސަލާމަތްކޮށް، ފަސޭހަކަމާއެކު ހުރިހާ ހިދުމަތެއް އެއްތަނަކުން ފޯރުކޮށްދިނުމަށް ހުޅުވިފައިވާ ޝޮޕެއް ކަމަށް ވެސް އުރީދޫން ބުންޏެވެ.

"ރެޑްވޭވް މޯލްގައި އަޅުގަނޑުމެންގެ ޝޮޕް އިން ޝޮޕް ކައުންޓަރު ތައާރަފުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ސްޓްރެޓެޖިކް ޕާޓްނާޝިޕަކީ ކަސްޓަމަރުންގެ ދިރިއުޅުން ގުޅާލައި މުއްސަނދިކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތާ ވަރަށް ފުރިހަމައަށް ގުޅިފައިވާ ޕާޓްނާޝިޕެއް. މީގެ ސަބަބުން ރެޑްވޭވް މޯލްއިން ޝޮޕިން ކުރާ ކަސްޓަމަރުންނަށް އެއް ފުރާޅެއްގެ ދަށުން އުރީދޫގެ ހިދުމަތްތައްވެސް ލިބިގަނެ ފުރިހަމަ ޝޮޕިން ތަޖުރިބާއެއް ލިބިގެންދާނެ،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިއެވެ.

ޕާޓްނާޝިޕާ ގުޅޭގޮތުން ރެޑް ވޭވްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝުޖާއު ވިދާޅުވީ އުރީދޫ މޯލްޑިވްސްއަށް މަރުހަބާ ދެންނެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި ޝޮޕް އިން ޝޮޕް ކައުންޓަރުން ރެޑްވޭވް މޯލްގައި ދޭ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމަށެވެ. އަދި އެކަމުން ދައްކުވައިދެނީ ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއި ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރެޑްވޭވުން ދޭ އަހައްމިއްޔަތުކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ރެޑްވޭވް މޯލްގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ޝޮޕް އިން ޝޮޕް ކައުންޓަރު ހުޅުވާފައި ހުންނާނީ މޯލްގެ އާންމު ވިޔަފާރި ކުރާ ގަޑިތަކުގައެވެ. އެ ކައުންޓަރުގެ ސަބަބުން ވިޔަފާރިކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ޓެލެކޮމިއުނިކޭޝަންސްގެ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ރެޑްވޭވުން ބުނެއެވެ.