އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް އެންމެ ގޮނޑިއެއް ލިބޭނެ ކަމާމެދުވެސް ޝައްކު ކަމަށް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ރަނިން މޭޓް، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމްރު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަމުން އަމްރު ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި ސީޔާސީ ޕާޓީ ކަމަށާއި މިހާރު އޮތް ލީޑާޝިޕާ އެ ޕާޓީ ހަވާލުކުރީ 90،000 މެންބަރުންނާއި ރާއްޖޭގައި ވެރިކަމާއި މަޖިލީހުގެ 65 ގޮނޑިއާއި ޖުޑިޝަރީއާއި 58 ޕަސެންޓް ރައްޔިތުންގެ ވޯޓުން ހޯދި ވެރިކަމަކާއެކުގައި ކަމަށެވެ.

ނަމަވެސް އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ މިހާރު 40،000 މެންބަރުންނަށް ކުޑަވެ، ރައްޔިތުންގެ 38 ޕަސެންޓްގެ ތާއީދަށް މިހާރު ވެއްޓިފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާ ދެކޮޅަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ނިންމުމާ ގުޅިގެން އަމްރު ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަނަކީ އޭނާ ނަަމަ ބައްދަލުވުމަށް ހުށަހަޅާނީ ރިޔާސީ އިންތިހާބުން ބަލިވި ސަބަބުން ހޯދުމަށް މިނިވަން ކޮމިޝަނެއް އެކުލަވާލުމަށް ކަމަށެވެ.

އަދި އެ ކޮމިޝަނުން ނިންމާ ކަންތައްތައް ތަންފީޒުކުރުމުގެ ޔަގީންކަން ދިނުމާއެކު، ކޮމިޓީން އެކުލަވާލާ ރިޕޯޓުގައި ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވުމަށްފަހު ދުރުކުރަންޖެހޭ ފަރާތްތައް ދުރުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ރިޕޯޓުގައި ދުރުވާން ޖެހެނީ އޭނާ ކަމަށްވާ ނަަމަ ދުރުވާނެކަމުގެ ޔަގީންކަން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަމްރު ވިދާޅުވި ގޮތުގައި، ކަންކަމުގައި ކާމިޔާބު ހޯދޭވަރުގެ ލީޑާޝިޕެއް އެމްޑީޕީއަކު މިހާރު ނެތެވެ. އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އެންމެ ގޮޑިއެއްވެސް އެމްޑީޕީއަށް ލިބުމާމެދު ޝައްކު ކަމަަށް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީއަށް މަޖިލީހުން ގޮނޑިއެއް ހޯދަން ބޭނުންވާ ނަމަ ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށާއި އެގޮތުން އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލިސް ރިޕޯމް ކުރުމަށް ޑެމޮކްރެޓްސްގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވާހަކަދެއްކުން ކަމަށް އަމްރު ވިދާޅުވިއެވެ.

މަޖިލިސް ރިފޯމް ކުރުމަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު މެންބަރުން ހިމެނޭ ގޮތް ބަދަލުކޮށް، މަޖިލީހުގައި ތިބޭނީ 76 މެންބަރުން ކަމަށް ކަނޑައަޅަން ހިމަނައިފައެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އިލްޔާސް ލަބީބެވެ.