ވެރިކަން ބަދަލުވުމުގެ މަރުހަލާ (އިންތިގާލީ މަރުހަލާ) އާ ޕްރޮޖެކްޓެއް ނުހިންގި ނަމަވެސް ކުންފުނިތަކުން ކޮންޓްރެކްޓަރުންނާއި ސަޕްލަޔަަރުންނާ ނެގޯޝިއޭޓްކުރެވިފައިވާ ޕްރޮޖެކްޓުތައް ހަވާލު ކުރެވޭ ގޮތަށް ޕްރައިވަޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެންގި އިއުލާނު މުރާޖާ ކުރުމަށްފަހު އިއްޔެ ނެރެފިއެވެ.

ޕީސީބީއިން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ހިނގަމުންދާ އިންތިގާލީ މަރުހަލާގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ވިޔަފާރިކުރާ ކުންފުނިތަކުން އާންމުކޮށް ހިންގާ މުއާމަލާތްތައް ފިޔަވައި އިތުރު އެއްވެސް އާ ޕްރޮޖެކްޓެއް ހިންގައި ނުވަތަ ބޮޑު ހަރަދެއް ކޮށްގެން ނުވާނެ ކަމަށެވެ.

ނަމަވެސް އިއްޔެ މުރާޖާ ކޮށްފައި ނެރުނު ބަޔާނުގައި ވަނީ ވަނީ، ކުންފުނިތަކުން ކޮންޓްރެކްޓަރުންނާއި ސަޕްލަޔަަރުންނާ ނެގޯޝިއޭޓްކުރެވިފައިވާ ޕްރޮޖެކްޓުތައް އަދި ހިނގަމުންދާ ޕްރޮޖެކްޓުތަކުގެ އެކްސްޓެންޝަން ފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މި ޕްރޮޖެކްޓުތަކަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް ލާބަ އާއި މަންފާ ހުރި ޕްރޮޖެކްޓުތަކަކަށް ވާން ޖެހޭނެ ކަމަށް ޕީސީބީން ވަނީ އަންގައިފައެވެ.

މީގެ އިތުރުންވެސް ކުންފުނީގެ އާމްދަނީގެ އުސޫލުތަކާއި ގަވައިދުތަކާ ނިންމުންތަކަށް އެއްވެސް ބަދަލު ނުގެނައުމަށާއި ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްދިނުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި މުސާރަ އާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށް ވަނީ އަންގައިފައެވެ. އަދި ކުންފުނީގެ މުވައްޒަފުންނާ ގުޅޭ ގަވައިދުތަކާއި އުސޫލުތަކަށް ބަދަލު ނުގެނައުމަށާއި ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށް ޕީސީބީން ވަނީ އަންގައިފައެވެ.

ޕީސީބީން ވަނީ އިންތިގާލީ ކޮމިޓީއިން އެދޭ އަދި ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޮށް ދިނުމާއި ކޮމިޓީއަށް ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ކުންފުނިތަކަށް އަންގައިފައެވެ.