އަނބިކަނބަލުން، އާ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު މަސައްކަތްކުރައްވާނީ އިޖުތިމާއީ ހިދުމަތްތައް ފޯރުކޮށްދެއްވުމުގައި ކަމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ، "ވަން މީޑިއާ" އަށް މިއަދު ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.

މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ސިވިލްސާވިސްގައި އަނބިކަނބަލުން ސާޖިދާ މިހާރުވެސް ހިދުމަތް ކުރައްވާގޮތަށް، ހިދުމަތްކުރެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އޭގެ އިތުރަށް އިޖުތިމާއީ ހިދުތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ސާޖި އަޅުގަނޑު ގާތުގައި ވިދާޅުވެފަ އޮތީ، ބޭނުމޭ ސިވިލްސާވިސްގައި އަދިވެސް ކުރިއަށްދާން، އަޅުގަނޑު ހަމަ މަރުހަބާ ކިޔަން ކުރިއަށްދާން ބޭނުންވާ ގޮތަކަށް ދާން، އޭގެ އިތުރަށް ވަރަށް ބޮޑަށް އިޖުތިމާއީގޮތުން ހިދުމަތްތަކެއް ދިނުމަށް،"

މުއިއްޒު ވިދާޅުވީ، ސިޔާސީ ކަންކަމުގައި އުޅުއްވުމަށް އަނބިކަނބަލުން އެއްގޮތަކަށްވެސް ބޭނުންފުޅު ނުވާ ކަމަށެވެ. އަދި މިހާތަނަށް އައިއިރުވެސް، ރިޔާސީ އިންތިހާބުގެ ކަންތައްތައް ފިޔަވައި އޭނާއަކީ އެއްގޮތަކަށްވެސް ސިޔާސީ ކަންކަމުގައި އުޅުއްވި ބޭފުޅެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އެއްގޮތަކަށްވެސް ސިޔާސީ ކަންކަމުގައި އުޅޭކަށް ބޭނުމެއް ނުވޭ، އަނެއްހެން މިހާތަނަށް އައިއިރުގައިވެސް އެއްގޮތަކަށްވެސް ނޫޅުއްވާ އެކަހަލަ ކަންކަމުގައެއް، ދެން މި ކެމްޕެއިންގައި އަޅުގަނޑަށް، މި ކާމިޔާބު ކޮށްދިނުމުގައި ވަރަށް އެކްޓިވްލީ ހަމަ އަމިއްލައަށް އިސް ނަގައިގެން ޓީމުތައް ހަދައިގެން މީހުންނާ ބައްދަލުކުރުމާއި، ރަށްރަށަށް ދިއުމާއި، ކެމްޕެއިންގައި ވަރަށްބޮޑަށް އުޅުއްވި، ހަރަކާތްތެރިވި، ދެން ކާމިޔާބުވީމަ އަޅުގަނޑު ގާތު ދެންނެވި ދެން މި ނިމުނީއޭ އެ މަސައްކަތް،"

މުއިއްޒު ވިދާޅުވީ ރައީސްގެ އަނބިކަނބަލުންގެ ހައިސިއްޔަތުން، ސެކިއުރިޓީ ދެއްވުމުންވެސް ސާޖިދާ ވަރަށް ކަންބޮޑުވެވަޑައިގެންނެވި ކަމަށެވެ.

"ސެކިއުރިޓީއާ އެއްޗެހި ލީމަވެސް ވަރަށް ކަންބޮޑުވެގެން އުޅުއްވަނީ ތިމަންނަގެ މިނިވަންކަން ދިޔައީއޭ މި ހިސާބުން، ވަރަށް ސިމްޕަލްކޮށް އުޅޭ ބޭފުޅެއްވީމަ، އަދިވެސް ސިވިލްސާވިސްގައި މަސައްކަތްކުރައްވާގޮތަށް ހުންނެވީ ދެން އެހެންވީމަ އަޅުގަނޑަށް ހަމަ އެންމެ ރަނގަޅު އެ ނިންމަވާގޮތަކަށް އޮންނާނީ،" މުއިއްޒު ވިދާޅުވިއެވެ.

ސާޖިދާ ވަނީ، ޑރ. މުއިއްޒުގެ ކެމްޕެއިންގައި ވަރަށް ހަރަކާތްތެރިކޮށް، ރަށްރަށަށް ދަތުރު ކުރައްވައި، ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން ޕޯޑިއަމްތަކުގައި މުއިއްޒަށް އަމާޒުވި ސިޔާސީ ހަމަލާތައް ދިފާއުކުރެއްވުމަށް ވަރަށް ހަރަކާތްތެރި މަސައްކަތްތަކެއް ކުރައްވައިފައެވެ.

ސިވިލް ސާވިސްގައި ސާޖިދާ މަސައްކަތްކުރައްވަނީ، ހެލްތު މިނިސްޓްރީގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ ގޮތުގައެވެ.