ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލީ ފޭރުނު މީހާގެ ބަންދަށް އެ ރަށު މެޖިސްޓްރޭޓަރު ކޯޓުން ހަތް ދުވަސް ޖަހައިފިއެވެ.

ހަނިމާދޫ/ އަސްރަފީގެ، އާދަމް ޔޫސުފް، 63އ. އަށް ހަމަލާދީ ފޭރުނީ އިއްޔެ ދަންވަރެވެ. އެ މައްސަލައިގައި ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އަދި އޭނާއާ ގުޅޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރުވެސް ކުރިއަށް ނުގޮސް ހަތަރު ވަރަކަށް އަހަރުވެފައިވާކަން އެނގިފައިވެއެވެ.

އަނިޔާ ލިބުނު އާދަމްގެ ބޮލަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް އިއްޔެ ހެނދުނު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭނާގެ ކަރުތެރެއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކެއުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ މަރަދޫގައިވެސް 81 އަހަރުގެ މީހަކު ބަނުމަށް ފަހު ފޭރުނު މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 50 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.